އަނބިދަރިންނަށާ ޢާއިލާއަށް ހޭދަނުކޮށް ތަނަވަސްކަން އިތުރުކުރަން ތިއަވަރަށް ތެޅިފޮޅޭއިރު ތިބާގެ އަމިއްލަ ހަށިގަނޑުވެސް ތިބާއާއި ވަކިވެގެންދާނެ ދުވަސް އޮތީ ދާދި ގާތުގަކަން ނޭނގެނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަނބިދަރިންނަށާ ޢާއިލާއަށް ހޭދަނުކޮށް ތަނަވަސްކަން އިތުރުކުރަން ތިއަވަރަށް ތެޅިފޮޅޭއިރު ތިބާގެ އަމިއްލަ ހަށިގަނޑުވެސް ތިބާއާއި ވަކިވެގެންދާނެ ދުވަސް އޮތީ ދާދި ގާތުގަކަން ނޭނގެނީހެއްޔެވެ؟

ގިނަ ބައަކު އެންމެ ބޮޑަށް ސަމާލުކަންދެނީ ވީހައި ގިނަ މުދަލާއި ފައިސާ އެއްކޮށް އެންމެ ބޮޑު މުއްސަންޖަކުކަމުގައިވުމަށެވެ. އެމީހުންނަށް ނުއެނގޭ ނުވަތަ ޤަބޫލުނުކުރެވޭ ކަމަކީ އެއްކުރާ ހުރިހާ މުދައު އެމީހަކާއި ވަކިވެގެންދާނެ ކަމެވެ. ހަމައެކަނި ތިމާ އާއިއެކުގައި ވާނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރި އެއްޗެއް ކަމެވެ.

ވިސްނައިލާށެވެ! ތިބާ މަރުވަނީއެވެ. މަރުވުން ކަމަށް ކިޔަނީ ހަށިގަނޑާއި ފުރާނަވަކިވުމަށެވެ. ދެތަންވުމަށެވެ. އެހިސާބުން ހަށިގަނޑު ކުނިވެ ފުޅައަޅައި ބިމުހުރިވެއްޔާއިއެކުވެގެންދެއެވެ. އެންމެ ކަށިކޮޅެއް ފިޔަވައި ހުރިހާ ކަށިތައްވެސްމެއެވެ. ނަމަވެސް ތިބާގެ ފުރާނަ މަރެއް ނުވެއެވެ. ދިރިހުރެއެވެ. ފަނާވުމެއް ނެތިއެވެ. ތިބާގެ ފުރާނައަށް ޢަޛާބު ނުވަތަ ޘަވާބު ލިބިލިބި ހުރެއެވެ.

އެކަމުން އަންގައިދެނީ ތިބާގެ އަމިއްލަ ހަށިގަނޑުކަމަށް ތިއަ ދައުވާކުރާ ހަށިގަނޑުވެސް ތިބާ އާއި ވަކިވެގެންދާނެކަމެވެ. ވީމާ އާޚީރަތް ލިބިގަންނަން ކުރަންޖެހޭ މަސައްކަތް ދޫކޮށްލާފައި ތިއަ އެއްކުރާ މުދައުތަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

މީސްތަކުންނޭވެ! މުދައު ނުވަތަ ތަނަވަސްކަން ދެއްވަވައިފިނަމަ އަނބިދަރިންނަށް ހޭދަކުރާށެވެ! މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ހޭދަކުރާށެވެ! ބޭނުންޖެހިފައިވާ މީސްތަކުންނަށް ހޭދަކުރާށެވެ! ލިބުނު ތަނަވަސްކަމުން ފައިދާކުރާނީ އެއިރުންނެވެ. ﷲ ތަޢާލާ ދެއްވެވި ތަނަވސްކަން ހިފައިގެން ކައްވަޅަށް ދިއުމަކީ އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން