މިދުޢާކުރުން ގިނަކުރަންޖެހޭ ދުވަސް މިވަނީ ބައްދަލުކޮށްފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
މިދުޢާކުރުން ގިނަކުރަންޖެހޭ ދުވަސް މިވަނީ ބައްދަލުކޮށްފަ!

ހަމައެކަނި އިވޭ އަޑުތަކަށާއި ފެންނަ މަންޒަރުތަކަށް ބަލައިފިނަމަ ވިސްނޭ ގޮތް ތަފާތުވެދާނެއެވެ! އަހުރެމެން މިތިބީ ދީނުގައި ވަރަށް ބަދަހިކަންމަތީގައި ކަމަސްވެސް ހީކުރެވިދާނެއެވެ. ނަމަވެސް އެއީ ހަހައެކަނި ކުރެވޭ ހީއެކެވެ. ޙަޤީޤަތް މުޅިން ތަފާތެވެ! މިތިބެވެނީ ވަރަށް ނުރައްކާތެރި ޙާލަތެއްގައެވެ. 

ބުނެދޭން މިއުޅެނީ އައު ދުޢާއެއް ނޫނެވެ. ނަމަވެސް މިދުޢާގެ މަތިން ގިނަގިނައިން ހަނދުމަކޮށްދޭން މިޖެހެނީ އަހުރެމެންނަށް މިއަދު އުޅެންޖެހިފައިވާ މިވާ ޙާލަތާއި މާޙައުލުގެ ސަބަބުންނެވެ. ބަލައިލި ކޮންމެ ދިމާއަކުންހެން މިފެންނަނީ އިސްލާމްދީނުގައި ސާބިތުވެ ހުރުމަށް ހުރަސްތައް ކުރިމަތިވާނެ ކަންތައްތައް ކަމުގައިވާތީއެވެ. 

އިސްލާމް ދީނުގައި ސާބިތުވެ ހުރުމަކީ އަތަށް އަނގުރު އަލިފާނގަނޑެއް ފަދަ ހޫނު ގަދަ އެއްޗެއް އަތަށް ލައިގެން އުޅެންޖެހޭ ފަދަ ދުވަހަކަށް ވާނެ ކަމަށް ނަބަވީ އިރުޝާދުގައި އޮތް ބަސްފުޅުގައި ބަޔާންކުރެއްވެވި ޒަމާން އަޅުގަނޑުމެންނާއި މިވަނީ ބައްދަލުކޮށްފައެވެ. ވީމާ މިފަދަ ދުޢާތައްމަތިން ހަނދުމަނުކޮށް ތިބެގެން ފަރުޖެއްސޭކަށް ނެތެވެ. ހަނދުމަކުރުމަކީ ގިނަގިނައިން އެފަދަ ދުޢާތައް ކުރުމެވެ.

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

މިއީ ރަސޫލް އެންމެ ގިނައިން ކުރެއްވެވި އެއް ދުޢާއެވެ. އަދި އެންމެ ގިނައިން ކުރެއްވެވި ދުޢާކަމުގައިވެސް ބަޔާންވެގެންވެއެވެ. މިދުޢާގައި ހިމެނިގެންވާ މާނައީ "އޭ ހިތްތައް ފުރޮޅުއްވަވާ އިލާހްއެވެ! ތިމަންކަލޭގެފާނުގެ ހިތްޕުޅު (މިއަޅާގެ ހިތް) އިނބަ ﷲ ގެ ދީނުގައި ޘާބިތުކޮށްދެއްވަވާނދޭވެ!" 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ރަސޫލް އެންމެ ގިނައިން މިފަދައިން ދުޢާކުރެއްވެވިއިރު އަހަރެމެން މިދުޢާކުރުން ގިނަކުރަން ޖެހޭނެ މިންވަރު އަމިއްލައަށް ހިތްމައްޗަށް ގެންނާށެވެ! އަހަރެމެންގެ އީމާންކަމާއި ތަޤްވާވެރިކަން ހުރިވަރު އެންމެ ރަނގަޅަށް އެނގޭނީ ހަމަ އަހަރެމެންނަށެވެ. ކަންކަން މިހެން ހުރުމުން ގިނަގިނައިން މިދުޢާމަތިން ހަނދާންކޮށްދޭން ޖެހެނީއެވެ. 

- އިސްލާމީ ތިލަފަތުގެ ދހަރުސަކުން

މިއަދު އޮންލައިން