ކައިވެންޏަށްފަހު ދެމީހުންގެ އުފަލަށް ނަގަންޖެހޭ އެންމެ ބޮޑު ރިސްކް ނަގަނީ އަނބިން! ވަރިގިނަވަނީ އަގުވަޒަންކުރާ ފިރިން މަދުވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ކައިވެންޏަށްފަހު ދެމީހުންގެ އުފަލަށް ނަގަންޖެހޭ އެންމެ ބޮޑު ރިސްކް ނަގަނީ އަނބިން! ވަރިގިނަވަނީ އަގުވަޒަންކުރާ ފިރިން މަދުވާތީ!

ޢާންމުގޮތެއްގައި ހުރިހާ އަންހެނުންވެސް އެމީހުންގެ ފިރިން އިމްތިޙާން ކުރަން ބޭނުންވާނެއެވެ. އަދި ދޭތެރެދޭތެރެއިން އިމްތިޙާންކުރަން މަސައްކަތްކުރާނެއެވެ. އެއީ އަންހެނުންގެ ޠަބީޢަތުގައިވާ ސިފައެކެވެ.  

ހޭލުންތެރިކަން އިތުރުވެ ކަންކަން ބަދަލުވަމުން އައިސް ލޯބިވެގެން އުޅޭ ދުވަސްވަރުގައިވެސް ގިނަ އަންހެނުން މިހާރު އެމީހުންގެ ލޯބިވެރިޔާ އިމްތިޙާނުކުރަން އެތައް ފަހަރަކު މަސައްކަތްކުރާނެއެވެ. އެތައް ގޮތަކުންވެސް މަސައްކަތްކުރާނެއެވެ.  

ނިކަންވިސްނައިލަބަލާށެވެ! ކައިވެނިކުރުމަށްފަހު އެންމެ ބޮޑަށް އެދެވެނީ ދަރިއަކަށެވެ. ދަރިން ހޯދަނީ ދެމީހުންވެސް ބޭނުންވެގެންނެވެ. ދެމީހުންގެ އުފަލަށެވެ. ދަރިން ހޯދުމުގައި ފިރިމީހާގެ ޒިންމާ ބޮޑުނަމަވެސް ނަގަންޖެހޭ އެންމެ ބޮޑު ރިސްކް ނަގަންޖެހެނީ އަނބިމީހާއަށެވެ!  

އަހުރެންގެ ވިސްނުމުން ބަލާއިރު އަންހެނުން މިކަން މިގޮތަށް ކުރާ ސަބަބަކީ ވިހެއުމަކީ އަންހެނުންނަށް ކުރަންޖެހޭ ކަމަކަށްވެފައި އަދި އެއީ ނަގަންޖެހޭ ވަރަށް ބޮޑު ރިސްކަކަށްވާތީއެވެ. ވިހެއުމަކީ ފުރާނަ އަތްމައްޗަށް ލައިގެން ކުރަންޖެހޭ ކަމަކަށްވާތީއެވެ. އަދި ވިހެއުމުގައި ފުރާނަ ސަލާމަތްވިނަމަވެސް ދަރިންތަކެއް ލިބޭފަހުން ވަރިކޮށްލައިފިނަމަ ނިކަމެތި ޙާލުގައި އުލެންޖެހެނީ އަންހެނުންނަށް ކަމުގައިވާތީއެވެ.  

ޒުވާން، ވިހާ ޢުމުރުގައި އަނބިން ފިރިންނަށް ފާރަވެރިވުން ގިނަވާނެއެވެ. ސަބަބު ގިނަ އަންހެނުންނަކަށް ނުވެސް ވިސްނެއެވެ. ކުރިން މިބުނި ފަދައިން އެކަން އަންހެނުންގެ ޠަބީޢަތުގައި އެވަނީ އެއީ ކުރަންޖެހޭ ކަމަކަށްވާތީއެވެ. އެކަން އަންހެނުންގެ ޠަބީޢަތުގައިވާ ސަބަބެއްކަމަށް އަހުރެންނަށް ވިސްނެނީ އެވަރުގެ ބޮޑު ރިސްކެއް ނަގައިގެން ދަރިން މިހޯދެނީ ތިމާއާއިއެކު ދިރިއުޅުމުގެ ޒިންމާ އުފާލާނެ މީހަކުކަން ޔަޤީންކުރުމަށެވެ.  

ދެން ބަލައިލަންވީ މިއަދުގެ ޙާލަތަށެވެ. ކިތަންމެ ވަރަކަށް ފާރަލައިގެން ބެލިނަމަވެސް އަދި އިމްތިޙާންކުރަން މަސައްކަތްކުރި ނަމަވެސް ކުރި ހުރިހާ އިތުބާރެއް ގެއްލިގެންދިއުން މިއޮންނަނީ ޢާންމުކަމަކަށްވެފައެވެ. ކިތަންމެ ގިނަ ދަރިން ތިބިނަމަވެސް ހިތަށްއަރާއިރަށް ވަރިކޮށްލާފައިދާތީއެވެ. އަންހެނުންނަށް ލިބޭ އެންމެ ބޮޑު އަނެއް ދެރައަކީ ދަރިން ބެލުމަކީ، ޚާއްޞަކޮށް ދަރިންނަށް ކުރަންޖެހޭ ޚަރަދުތައްކޮށް ދަރިން ތަރުބިއްޔަތުކުރުމަކީ ބައްޕަގެ ޒިންމާއެއް ނަމަވެސް އެކަންކަންވެސް އަނބިންގެ ބޮލަށްޖަހާ ކަމެވެ.  

އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި ދަރިން ލިބުމުން ކައިވެނި ރޫޅާލައި ދެމީހުން ވަކިވާން ބޭނުންވާނީ ވަރަށް މަދު އަންހެނެކެވެ. އެހެން އެއްވެސް ގޮތެއް އޮއްވައި އަނބިން އެކަމަކަށް ބޭނުމެއް ނުވާނެއެވެ. ހަމަޔަޤީނުންވެސް ހެޔޮލަފާ އަންތބަކު އެކަމަކަށް ބޭނުމެއް ނުވާނެއެވެ.

މިކަމުގައި އަހުރެންގެ ވިސްނުން ހާމަމިކުރި ސަބަބަކީ އަނބިން ފާރަވެރިވާނަމަ އަދި ސުވާލުތައްކުރާނަމަ އަނބިންދެކެ ރުޅިއަންނާތީއެވެ. އެއީ ބޮލަށް އުނދަގޫކުރުން ކަމުގައި ދެކޭތީއެވެ. އެގޮތަށް އެކަންކަން ދެކެން ހެޔޮވެސް ނުވާނެއެވެ.  

ކުރިން ދެއްކި ވާހަކައެއްގައިވެސް ބުނެފައިވާނެފަދައިން އަނބިން ފާރަވެރިވަނީވެސް ސުވާލުތައް ކުރަނީވެސް ލޯބިވާވަރު ބޮޑުކަމުންނެވެ. ވަކިވާން ބޭނުންނުވާތީއެވެ. ވީމާ ޢަމަލުތައް ސީދާކޮށްލާށެވެ! ތެދުވެރިކަން އިސްކުރާސެވެ! އެއިރުން އަނބިމީހާ ފާރަވެރިވާތީ އަދި ސުވާލުކުރާތީވެސް ކަންބޮޑުވާކަށް ނުޖެހޭނެއެވެ. 

ވަރިގިނަވަމުން މިދަނީ އަނބިން ނަގާ ކުރިން މިބަޔާންކުރި އަނބިން ނަގާ ބޮޑު ރިސްކްގެ އަގު ވަޒަންކުރާ ފިރިން ަމދުވާތީއެވެ. އަގުވަޒަންކުރާނަމަ ދަރިން ލިބުމަށްފަހު ހެޔޮލަފާ އަނބިން ވަރިއެއް ނުކުރާނެއެވެ!   

- އަލަފް / މިއަދުނޫސް

 

 

މިއަދު އޮންލައިން