ރަސޫލް ޞޢޥ ގެ ޒަވާޖީ ޙަޔާތްޕުޅު: އަނބިއަނބި ކަނބަލުންނަށް ވަފާތެރި ބޭކަލެއް ކަމުގައި ވެވަޑައިގަންނެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ރަސޫލް ޞޢޥ ގެ ޒަވާޖީ ޙަޔާތްޕުޅު: އަނބިއަނބި ކަނބަލުންނަށް ވަފާތެރި ބޭކަލެއް ކަމުގައި ވެވަޑައިގަންނެވި!

ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަށް ވަފާތެރި ބޭކަލެއްގެ ކަމުގައި ވެވަޑައިގަންނެވިއެވެ: 

އެކަލޭގެފާނު އެކަނބަލުންގެ އެންމެހާ ޙައްޤުތަކަށް ރައްކާތެރިވެވަޑައިގަންނެވިއެވެ. އަދި އޭގެ އިތުރުން އެކަލޭގެފާނު ވެވަޑައިގެންނެވީ އެކަނބަލުން ނެތް ދުނިޔޭގައިވެސް އެކަނބަލުންނަށް ހެޔޮފުޅު އިޙްސާންތެރި ބޭކަލެއް ކަމުގައެވެ. އެކަނބަލުންގެ މަތިން ހަނދުމަކުރައްވައި ވާހަކަފުޅު ދައްކަވާ ކަމުގައިވަނީނަމަ އެއްވެސް ފޫހިކަމެއް ނެތި އެކަނބަލުންނަށް ތަޢުރީފުކުރައްވައި ފާފަފުއްސެވުމަށް އެދިވަޑައިގެން ދުޢާކުރައްވައެވެ. 

އެކަން ބަޔާންކުރައްވައި ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ: 

"ރަސޫލާ صلى الله عليه وسلم ޚަދީޖާ رضي الله عنها ގެ ވާހަކަ ދައްކަވާ ކަމުގައިވާނަމަ އެކަމަނާއަށް ތަޢުރީފު ކުރައްވައި ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރެއްވަށް ފޫހިފުޅު ވެވަޑައިގެން ނުގަންނަވައެވެ"

الطبرانيالمعجم الكبير 16-319. 

އޭގެ އިތުރުން ރަސޫލާ صلى الله عليه وسلم އަށް ޚަދީޖާ رضي الله عنها ގެ މަތިން ހަނދުމަފުޅުވާ ކަމެއް މެދުވެރި ވާއިރަށް ނުވަތަ އަޑެއް އިވޭއިރަށްވެސް އެކަލޭގެފާނުގެ މުޅި މިޒާޖުފުޅު އާރޯވެގެން ދެއެވެ. މޫނުފުޅުމަތިން އުފާވެރިކަމާއި އުޖާލާކަން ފާޅުވެގެން ދެއެވެ. 

ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ: 

"(އެއް ފަހަރަކު) ހާލާ ބިންތު ޚުވައިލިދި – ޚަދީޖާ ގެ ދައްތަ –  ރަސޫލާ صلى الله عليه وسلم އަރިހަށް ވެދެވަޑައިގަތުމައްޓަކައި ހުއްދައަށް އެދިވަޑައިގަތެވެ. އެހިނދު (އެކަމަނާގެ އަޑުފުޅު ޚަދީޖާ رضي الله عنها ގެ އަޑުފުޅާ ވައްތަރުކަމުން) ޚަދީޖާ رضي الله عنها ގެ މަތިން ހަނދުމަފުޅު އާވެގެން ދިޔައެވެ. އަދި އެކަލޭގެފާނު އެކަމަނާއަށް އިސްތިޤުބާލު ކުރެއްވުމައްޓަކައި އުފާވެރިކަމާއެކު ތައްޔާރުވެވަޑައިގެންނެވިއެވެ."

أحمد 24343. 

- ޝައިޚް ޒަމްޒަމް ފާރިޝް

 

މިއަދު އޮންލައިން