ކޮންމެ ގެއެއްގައި ކަންތައްތައް ހުންނާނީ އެއްގޮތަކަށް ނޫނެވެ. ބައެއް ގޭގޭގައި މާބޮޑު މައްސަލައެއް ނުޖެހުނު ކަމުގައިވީނަމަވެސް ހަރުކަށި ބަސްތައް ބުނެވެއެވެ. އެފަދަ ޢާއިލާތަކުގައި އެއީ ޢާންމުކަމަކށްވުމުން އެކަމަކަށް މާބޮޑު ސަމާލުކަމެއްވެސް ނުދެއެވެ. އެކަން ވެފައި އޮންނަނީ ޢާންމު ކަމަކަށެވެ.
ކަމުގެ ޙަޤީޤަތަށް ބަލައިފިނަމަ މިއީ ރަނގަޅު އާދައެއްވެސް ނޫނެވެ. ނުރަނގަޅު އާދައެކެވެ. އެކަން އިތުރަށް ގޯސްވެގެންދާ ޙާލަތެއްވެސް ކުރިމަތިވެއެވެ. އެއީ ކައިވެނިކޮށްގެން ގެއަށް އިތުރު މީހަކު ގެނެވޭ ހިސާބެވެ. އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސްމެއެވެ.
ބޭރުން ގެއަށް ގެނެވުނު މީހާގެ ޢާއިލާގެ ތެރޭގައި އެކަންކަން ނެތްނަމަ އެކަންކަން ބަލައިގަންނަން އޭނާއަކަށް ފަސޭހައެއް ނުވާނެއެވެ. އެކަން އޭނާއަށް ފެންނާނީ ވަރަށް ދަށުދަރަޖައިގެ ކަމެއްގެ ގޮތުގައެވެ. އެޢާއިލާ އާއިމެދުގައިވެސް އޭނާއަށް ބެލެވޭނީ ވަރަށް ދަށުދަރަޖައިގެ ޢާއިލާއެއްގެ ގޮތުގައެވެ.
އެހައި ދަށުދަރަޖައިގެ ޢާއިލާއެއްގެ ތެރޭގައި ނުއުޅެންވެގެން ވަކިވެގެންދާ މީހުންވެސް މަދެއް ނޫނެވެ. އަދި ބައެއް މީހުން މަޑުކޮށްލައިގެން ތިއްބައި އެނުބައި އާދަ އެމީހުންގެ ގައިގައިވެސް ހަރުލައެވެ. އެހިސާބުން އޭނާ ބުނާ ބަސްތައް މާހަރުކަށިވެފައިވެސް އެބަހުއްޓެވެ. އެހެންވެ ޢާއިލާއިން އެމީހަކަށް ނަފްރަތުވެސް އެބަކުރެއެވެ.
މިކަމަށް އޮތް ޙައްލަކީ ޢާއިލާގެ އެންމެންނަކީވެސް އަޚްލާޤީ ގޮތުން ނަމޫނާބައަކަށްވުމެވެ. ހަރުކަށި ނުބައި ބަސްތައް ނުބުނުމެވެ. ޚާއްޞަކޮށް ބޭރުން ގެއަށް ގެނެވޭ މީހާއަށް އެފަދަ އެއްވެސް ކަމެއް ނުދެއްކުމެވެ.
--އަލަފް / މިއަދުނޫސް