އަޅުގަނޑުގެ ފިރިމީހާއަކީ ހަމަ އެންމެ "ބެސްޓް" ފިރިއެއް! ލިބުނީވެސް ގޭގަ އިންދަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
އަޅުގަނޑުގެ ފިރިމީހާއަކީ ހަމަ އެންމެ "ބެސްޓް" ފިރިއެއް! ލިބުނީވެސް ގޭގަ އިންދަ!

އަޅުގަނޑުގެ ފިރިމީހާއަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އެންމެ ރަނގަޅު ފިރިންގެ ތެރޭގައި ހިމެނޭނެ ފިރިހެނެކެވެ. ހީވާގި މަސައްކަތްތެރިއެކެވެ. ލިބޭ އާމްދަނީން ޢާއިލާއަށް ޚަރަދުކުރެއެވެ. އަޅައިލައެވެ. ވަޤުތުދެއެވެ. ބޮޑު ބައްޔެއް ވެއްޖެނަމަ އެހީތެރިވާން ލީވްނަގައިގެން ގޭގައި ހުންނަނީ ބުނެގެނެއް ނޫނެވެ. މިހެން ގޮސް ފިރިމީހާގެ ކިބައިން ފެންނަ ރަނގަޅު އެތައް ކަމެއްގެ ވާހަކަ  ބުނެވިދާނެއެވެ. 

އަޅުގަނޑުމެން ކައިވެނިކުރީ އަޅުގަނޑުގެ ޢުމުރުން 24 އަހަރުގައެވެ. ޔަޤީންކަމާއިއެކު ބުނަމެވެ. ކައިވެނި ހެޔޮނުވާ ފިރިހެނަކާއިއެކުވެސް އަދި ފިރިހެނުންތަކަކާއިއެކުވެސް ދުވަހަކުވެސް އެންމެ ކުޑަމިނުން ކޮފީއަކަށްވެސް ނުދަމެވެ. އަންހެނެން އެކުވެރިންނާއިއެކު ތަނެއްގައި އިންދައިވެސް ހިލޭ ފިރިހެނަކު އަތުވެއްޖެނަމަ ތެދުވެގެންދަމެވެ. އެހެންވެ އަޅުގަނޑުގެ އެކުވެރިން އަލުގަނޑާއިއެކު އުޅެނީ އެކަމަށް ވިސްނައިގެންނެވެ. 

ފިރިއަކު ލިބުނީ ގޭގައި އިނދެގެން ކުރި މަސައްކަތުންނެވެ. އެއީ ނަމާދުކުރުމާއި ދުޢާކުރުމެވެ. ވީވަރަކުން ޤޢުރްއާން ކިޔެވުމެވެ. 

ދެން މިކިޔައިދެނީ ކައިވެނިކުރެވުގޮތެވެ. އޭނާއަކީ ބޭބެގެ ރައްޓެހިކަމުގައި ގެއަށް އައިސް އުޅުނު މީހެކެވެ. ދުވަހަކުވެސް އެކަނި ވާހަކަދައްކަންވެސް ނުއިންނަމެވެ. ހިނިތުންވެލައިފިނަމަ ހިތުންވެލަމެވެ. 

އެއްރޭ ބޭބެއާއިއެކު ގެއަށް އައިސް ކައިގެން ނުކުންނަމުން އަޅުގަނޑުގެ މޫނަށް ބަލާލާފައި ބިންމައްޗަށް ވައްޓައިލީ ކަރުދާސްކޮޅެކެވެ. ނުކުމެގެން ދިއުމުން ކަރުދާސްކޮޅު ނަގާފައި ކިޔާލިއިރު ލިޔެފައި އޮތީ "އަހަރެންނާ ކައިވެނިކުރަން އެއްބަސްވާނަންތަ؟ ބޭބެވެސް މަންމަވެސް ބައްޕަވެސް ބުނީ ތިބާގެ ގާތުގަ އެހުމަށް! ޖަވާބެއް ބޭނުން!" މިހެންނެވެ. 

އަނެއް ދުވަހު ބޭބެއާއި މަންމައާއި ބައްޕަގެ ގާތުގައި އެވާހަކަ ދެއްކުމުން ބުނީ އޭނާ އަޅުގަނޑުގެ ކައިވެންޏަށް އެދުމުން އެގޮތަށް ބުނެފައިވާނެ ކަމަށެވެ. 3 މީހުންވެސް އެގޮތަށް ބުނުމުން ކައިވެނީގެ ކަންކަން ހަމަޖައްސަން ބުނީ ބައްޕަގެ ގާތުގައެވެ. އެހިސާބުން ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެއްސީ ޢާއިލާއިންނެވެ. ކައިވެންޏަށް މިހާރު 12 އަހަރެވެ. ކުރިއަށްދަނީ އެންމެ ރަނގަޅު ގޮތުގައެވެ. އިން ޝާ ﷲ 

އަޅުގަނޑު މިވާހަކަ ހާމަމިކުރީ ބައެއް އެކުވެރިން ދައްކާ ވާހަކައަކުންނެވެ. ރަނގަޅު ފިރިއަކު ހޯދަން ބޭނުންނަމަ އެކަމަށް މަސައްކަތްކުރަންޖެހޭ ކަމަށާއި މީހުންނާއި ވާހަކަދައްކަން ކޮފީތަކަށް ދާންޖެހޭނެ ކަމަށް ބުނާތީއެވެ. 

އެތަނުން އެއްކަންތަކަށް އަޅުގަނޑު އެއްބަސްވަމެވެ. އެއީ ރަނގަޅު ފިރިއަކު ހޯދަން މަސައްކަތްކުރުމެވެ. ރަނގަޅު މީހަކު ފެނިއްޖެނަމަ އިސްވެ ހުށަހެޅުމަށްވެސް އަޅުގަނޑު ތާއީދުކުރަމެވެ. ސަބަބަކީ ދުނިޔޭގައި ކުރެވުނު އެންމެ ކާމިޔާބު ކައިވެންޏަކީ ޚަދީޖަތުގެފާނާއި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމެގެ ކައިވެނިފުޅުކަމަށްވެފައި ކައިވެނިފުޅަށް އިސްނެންގެވީ ޚަދީޖަތުގެފާނުކަމަށްވާތީއެވެ. ދެވަނަ ބައަކަށް އެއްބަހެއް ނުވަމެވެ. ހިލޭ އަންހެނުންނާއި ފިރިހެނުން ބައްދަލުވުމަކަށް ނުރުހެމެވެ. އެއީ ދީނުގައި އެކަމުގެ ޙުކުމަކީ ޙަރާމް ކަމުގައި އޮތީމައެވެ. އަލުގަނޑު ޤަބޫލުކުރަނީ ދީނުގައި ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ކޮށްގެން ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެ ކަމަށެވެ. 

މިމައްސަލައިގައި މިއަދުނޫހުގައި ލިޔެފައި ހުންނަ ލިޔުންތައް އަޅުގަނޑު ކިޔަމެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުންވެސް އެނގެނީ ކަން އޮތީ އަޅުގަނޑު މިބުނި ގޮތަށް ކަމެވެ. ދެން އަޅުގަނޑު ބުނެލަން ބޭނުންވަނީ އަންހެނުން އެކަނބަލުންގެ މަޤާމުގައި (ގޭގައި) ތިއްބައި ލިބޭ ފިރިންގެ ކިބައިން ލިބޭ އުފާވެރިކަން މާބޮޑުކަން އަޅުގަނޑަށްވެސް މިވަނީ ތަޖުރިބާ ކުރެވިފައެވެ. 

- ޚަލީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން