ﷲ ތަޢާލާގެ މަގުގަ އިޞްލާޙަށް މަސައްކަތް ކުރާނަމަ ރުޅިގަދަވާނެ ބައަކު އަބަދުވެސް ތިބޭނެ! ބިރުވެތިވާންވީ އެމީހުންގެ ރުޅިއަކަށް ނޫން! މަރުވުމުން ދެއްވަވާނެ ޢަޛާބަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ﷲ ތަޢާލާގެ މަގުގަ އިޞްލާޙަށް މަސައްކަތް ކުރާނަމަ ރުޅިގަދަވާނެ ބައަކު އަބަދުވެސް ތިބޭނެ!  ބިރުވެތިވާންވީ އެމީހުންގެ ރުޅިއަކަށް ނޫން! މަރުވުމުން ދެއްވަވާނެ ޢަޛާބަށް!

ހެޔޮލަފާ ޞާލިހުންދެކެ އެންމެންވެސް ލޯބވެއެވެ. އެކަމަކު އޭނާއަކީ ﷲ ތަޢާލާގެ މަގަށް ގޮވާލައި އިޞްލާޙަށް މަސްއްކަތްކުރަންފަށާ ހިސާބުން މީސްތަކުން އޭނާދެކެ ނުރުހުންތެރިވެ ރުޅިއަންނަން ފަށައެވެ. ސަބަބަކީ ﷲ ތަޢާލާގެ މަގުގައި އިޞްލާޙަށް މަސައްކަތްކުރާމީހާ އިސްލާމް ދީނުގެ ޢަދާވާތްތެރިންގެ އެދުންތަކަކާއި ވިސްނުންތަކާއި ދެކޮޅުހަދާކަމެވެ.

ރަސޫލާ ﷺ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން މައްކާގެ އަހްލުވެރިން އެކަލޭގެފާނުދެކެ ލޯބިވިއެވެ. ސަބަބަކީ އެކަލޭގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލަކަށްވުމުންނެވެ. ތެދުވެރި އަމާނާތްތެރިޔާގެ ލަގަބު ރަސޫލް ﷺ އަށް އެރުވީ އެމީހުންނެވެ. އެމީހުން އަމިއްލައަށެވެ. ނަމަވެސް އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުމާއިއެކު އެބައިމީހުން އެކަލޭގެފާނާއި ދެކޮޅުވެގަތެވެ.

ސަބަބަކީ އެކަލޭގެފާނު އިޞްލާޙަށް މަސައްކަތް ކުރައްވަން ފެއްޓެވުމެވެ. އެހިސާބުން އެކަލޭގެފާނަކީ ދޮގުވެރިއެކޭ ސިޙުރުވެރިއެކޭ ގޮވަންފެށިއެވެ.

ވީމާ ﷲ ތަޢާލާގެ މަގުގަި ޙައްޤުބަސްބުނާ އަޅުންނަށް ތަކްލީފްތައް ކުރިމަތިކުރުވާނެކަން ޤަބޫލުކޮށްގެން ކުރިއަށްދާން މަސައްކަތްކުރާށެވެ! ނަޞްރާއި ކާމިޔާލިބުން ވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.

ހައްޤު މަގަށް ގޮވާލައި މީސްތަކުން އިޞްލާޙްކުރަން މަސައްކަތްކުރާނަމަ އެމީހަކު މަރުވާ ވަޤުތުން ފެށިގެން އެމީހަކަށް އޮތީ އުފާވެރިކަމެވެ. އެއުފާވެރިކަމަށް ނިމުމެއްވެސް ނެތެވެ. ﷲ ތަޢާލާގެ މަގު ދޫކޮށްލައި ހަމައެކަނި މީސްތަކުންގެ ރުހުން ހޯދަން މަސައްކަތްކުރާނަމަ އެމީހަކު މަރުވުމުން އޮތީ ނިމުމެއް ނެތް ހިތާމައެވެ. ގަދަ އަޅައި މަސައްކަތްކުރަންވީ އެފަދަ މީހަކު ކަމުގައި ނުވުމަށެވެ. ކައްވަޅާއި ނަރަކައިގެ ޢަޛާބުން ސަލާމަތްވެ ތިބުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން