ކެތްތެރިކަމުގަ ވަރަށް ފުރިހަމަ ނަމޫނާ ދެއްކެވި ޞަޙާބީއެއްގެ ވާހަކަ- ކޮންމެ މުސްލިމަކު ދަސްކުރަންޖެހޭ ފިލާވަޅެއް!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ކެތްތެރިކަމުގަ ވަރަށް ފުރިހަމަ ނަމޫނާ ދެއްކެވި ޞަޙާބީއެއްގެ ވާހަކަ- ކޮންމެ މުސްލިމަކު ދަސްކުރަންޖެހޭ ފިލާވަޅެއް!: ޝައިޚް އަބޫބަކުރު ޒައުދު

މިރޭގެ ދަރުސް މިފަށަނީ ކުރުކުރު އެހެނަސް މުހިންމު ވާހަކައަކުންނެވެ. ސަމާލުކަންދީގެން އަޑުއަހާށެވެ!

ޞަޙާބީއަކު ދަތުރުޅެއްގެމަތީގައި އުޅުއްވަނިކޮށް ފައިންޕުޅަށް ދިމާވި ކަމެއްގެ ސަބަބުން ކަނޑާލަން ޖެހުނެވެ. އެއީ ބަނގުރާ ޙަރާމްކުރެއްވެވުމުގެ ކުރިއެވެ. އެއިރު އައްސިކުރަން ހަދާގޮތަކީ ބަނގުރާ ބޮއިބޮއި މަސްތުވަނީއެވެ. މަސްތުވުމުން އެކަމެއް ކުރަނީއެވެ. ނަމަވެސް ޞަޙާބީ އެކަމަށް ދެކޮޅު ހެއްދެވިއެވެ. ވިދާޅުވީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްޗެއް ނުހިއްޕަވާނެ ކަމަށެވެ. އަދި ސަޖިދައިގައި އޮންނަވަނިކޮށް ފައިންޕުޅު ކަނޑާލުމަށެވެ.

އެގޮތަށް އެކަންކުރެވުނެވެ. އެކަންކުރަނިކޮށް ހޭފުޅު ނެތުނެވެ. އެހިނދު އެހެން ބޭކަލުންނަށް ލިބިވަޑައިގެންނެވި ޚަބަރަކީ ޞަޙާބީގެ ދެފިރިހެން ދަރިކަލުން ބައްޕާފުޅުގެ އަރިހަށް ވަޑައިގަންނަވަންވެގެން އަސްމަތީގައި ދަތުރުފުޅު ކުރައްވަވަނިކޮށް އެއް ދަރިކަލުން އަސްމަތިންވެއްޓިވަޑައިގެން އަވަހާރަވިކަމުގެ ޚަބަރެވެ.

އެކަބަރު ޞަޙާބީއަސް ދެންނެވުމާއިމެދު ބަހުސްކުރެވުނެވެ. ބައެއް ބޭކަލުން ވިދާޅުވީ ދެ ހިތާމައިގެ ކަންތައް އެއްފަހަރާ އެނގިވަޑައިގަތުމުން ޞަޙާބީ ހިތާމަފުޅުކުރައްވަވާނެވަރު ބޮޑުވުމުން ކެތް ކުނުކުރެއްވެވިދާނެތީ ދަރިކަލުން އަވަހާރަވި ޚަބަރު ފަހުން ދަންނަވާނީކަމަށެވެ. އަނެއްބައި ބޭކަލުން އެކަމަސް ދެކޮޅު ހެއްދެވިއެވެ. އެއީ ދަރިކަލުންގެ މައްޗަށް ބައްޕާފުޅު ކަށުނަމާދުކުރެއްވެވުމުގެ މުހިންމުކަން ބޮޑުކަމުންނެވެ.

ކޮންމެއަކަސް ޞަޙާބީ ހޭފުޅު އެރުމާއިއެކު އެ ޚަބަރު ދެންނެވިއެވެ. ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ.! ނަމަވެސް ޞަޙާބީ އެތައްފަހަރަކު ވިދާޅުވީ "އަލްޙަމްދުލިﷲ" އެވެ. އެއީ ދެފައިންޕުޅުގެ ތެރެއިން އެއް ފައިންޕުޅު ސަލާމަތުން ހުރީތީއެވެ. ދެދަރިކަލުންގެ ތެރެއިން އެއް ދަރިކަލަކު ދުނިޔޭގައި ހުންނެވީތީއެވެ.

މިކިޔައިދިން ވާހަކައިން ދަސްކުރަންވީ ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ނަމަވެސް ކިތަންެ ބޮޑު މުޞީބާތެއް ކުރިމަތިވިނަމަވެސް ކެތްތެރިވާންޖެހޭނެ މިންވަރެވެ. ދެން ފުރަތަމަ މިބަލައިލަނީ ކެތްތެރިކަމުގެ މާނައަށެވެ.

ކެތްތެރިކަމުގެ މާނައަކީ ކޮންމެ ފަދަ މުޞީޞާތެއް ޖެހުނު ނަމަވެސް، ކިތަންމެ ބޮޑު ހިތްދަތިކަމެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކޮށްހުރުމެވެ. އެފަދަ ބަހެއްވެސް ނުބުނުމެވެ. އަދި އެކަމަކަށް ކަންބޮޑުވެގެންވެސް ނުއުޅުމެވެ.

ކޮންމެ މުޞީބާތެއް ކުރިމަތިވިނަމަވެސް ކެތްތެރިކަމުގެ ދަރަޖަތައް 4 އެވެ. ފުރަތަމަ އޮތީ ވާޖިބު ދަރަޖައެވެ. އެހެނީ ކެތްތެރިވުމަށް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. ވީމާ އެއީ އިޚްތިޔާރީ ކަމެއް ނޫނެވެ. އެއީ ކަނޑައެޅިގެން އޮތް ވާޖިބެކެވެ.

ކޮންމެ ފަދަ މުޞިބާތެއް ކުރިމަތިވިނަމަވެސް އެއީ ﷲ ތާޢާލާ މިންވަރުކުރެއްވެވި ކަމެއްކަން ޤަބޫލުކުރުމަކީ ކެތްތެރިކަމުގެ އެންމެ ކުޑަމިންވަރެވެ. އެކަމެއް ކުރިމަތިކުރެއްވެވީ ކީއްވެގެންކަމާއިމެދު ހިތުގައި ސުވާލުއުފެދޭނަމަ އެމީހަކީ ކެތްތެރިވެވޭ މީހެއް ނޫނެވެ.

އަދި އެއްވެސް ކަމެއް ކުރިމަތިވުމުން އެއީ މިވެނި މީހެއްގެ ސަބަބުން މެދުވެރިވިކަމެއްކަމަށް ދެކެފިނަމަ އެފަދަ ބަހެއް ބުނެވިއްޖެނަމަ އެއޮތީ އިމުން ބޭރުވެވިފައެވެ. ގޯހުން ގޯހަށް އޭނާގެ ވިސްނުން ގޮސްފައެވެ.

ދެވަނަ ދަރަޖައަކީ ކެތްތެރިވާންޖެހޭ ފަދަ ކަމެއް މެދުވެރިވުމުން އެކަކަށް ރުހިގެންހުރުމެވެ. އެކަމާއި ކަންބޮޑުވެގެން ނުއުޅުމެވެ. އެކަމެއް މެދުވެރިނުވާއިރުވެސް އުޅެމުން އައިގޮތަށް އުޅުމެވެ.

ދެން އޮތީ 3 ވަނަ ދަރަޖައެވެ. އައްޔޫބްފާނާއި ޔޫނުސްގެފާނާއި އިބްރާހީމްގެފާނާއި އެހެންވެސް ނަބީބޭކަލުންނަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވެވަޑައިގަތުމުން ޢަމަލުފުޅު ކުރެއްވެވި ދަރަޖައެވެ. އެއީ ކުރިމަތިވެވަޑައިގެންކަމުގެ ބޮޑުކުޑަމިނަށް ނުބައްލަވައި "އަލްޙަމްދުލިﷲ" ވިދާޅުވެ ﷲ ތަޢާލާއަށް ޙަމްދުކުރެއްވެވުމެވެ.

މިހާވަރުން ކެތްތެރިވުމަކީ ކޮބައިކަމާއިމެދުގައި އަދި ކެތްތެރިވާންވީ ކިހައި މިންވަރަކަށް ކަމާއިމެދުގައި ކޮންމެވެސް މިންވަރަކަށް ކަންކަން އޮޅުންފިލާނެ ކަމަށް ހީކުރަމެވެ. ކެތްތެރިވާށެވެ. އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން