އަނބިންގެ ޠަބީޢަތް ބަދަލުވެ މަޑުންތިބޭ 3 ޙާލަތުގައި ފިރިން ސަމާލުކަންދޭނަމަ ފިރިމީހާއަށް ކުރާ ފައިދާ އެތައް ގުނައަކަށް ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަނބިންގެ ޠަބީޢަތް ބަދަލުވެ މަޑުންތިބޭ 3 ޙާލަތުގައި ފިރިން ސަމާލުކަންދޭނަމަ ފިރިމީހާއަށް ކުރާ ފައިދާ އެތައް ގުނައަކަށް ބޮޑުވާނެ!

އަނބިމީހާ އާންމުކޮށް ހުންނަ މިޒާޖު ބަދަލުވެ މަޑުން ހުންނަން ފަށައިފިނަމަ އެއީ ސިގްނަލެކެވެ. އެކަމުން އެނގެނީ ވަރަށް ބޮޑު ހިތްދަތިކަމެއްގައި އޭނާ އުޅެމުން އަންނަކަމެވެ. އަދި ބައެއް ފަހަރު ބައްޔެއްގެ ސަބަބުން އަޅާ ވޭނުގެ ސަބަބުންވެސް އެގޮތަށް މަޑުން ހުރެދާނެއެވެ. ވީމާ މިދެޙާލަތުގައިވެސް ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. އަޅައިލުން ބޭނުންވާނެއެވެ. 

މިބުނި ފަދަ ޙާލަތު ކުރިމަތިވުމުން އެކަންކަމުގެ ވާހަކަ ދެއްކުން ގިނަކުރާ އަންހެނުންވެސް ތިބޭނެއެވެ. ނަމަވެސް ގިނަ އަންހެނުންގެ ކިބައިން ފެންނާނީ މަޑުމައިތިރިކަމެވެ. މަޑުމަޑުން ހުންނަ ތަނެވެ. އެއީ އެމީހުންގެ ފިރިންގެ ގާތުގައި އެކަމުގެ ވާހަކަދައްކައި އެމީހުންގެ ބޮލަށް އުނދަގޫކުރަން ބޭނުންނުވާތީއެވެ. 

ހަމަ އެއާއިއެކު ފިރިމީހާގެ ޢަމަލުތަކަށް ޝައްކުކުރެވެން ފެށުމުން ބައެއް އަންހެނުން މައްސަލަތައް ޖައްސަން ފަށާނެއެވެ. ޝަކުވާކޮށް ޒުވާބުވެސް ކުރާނެއެވެ. އަނެއްބައި އަންހެނުން ފުރަތަމަ އިޚްތިޔާރުކުރާނީ ކެތްތެރިވެލައިގެން މަޑުންހުރުމެވެ. އެއީ ފިރިމީހާއަށް ރަނގަޅު ގޮތް ވިސްނި އިޞްލާޙްވެދާނެ ކަމުގެ އުންމީދުގައެވެ. 

މިހާލަތުގައި ބައެއް ފިރިންނަށް ވިސްނެނީ އަނބިމީހާ މަޑުން އެހުންނަނީ ފުދިގެން ކަމަށެވެ. ފިޔަވަޅެއް އަޅަން ނުކެރޭތީ ކަމަށެވެ. ނަމަވެސް އެއީ މުޅިން ކުށްހީއެކެވެ. އެޙާލަތުގައި މަޑުން ތިބޭ އަންހެނުން ވަޤުތު ޖެހުމުން މާބާރަށް ދަތްއަޅާނެއެވެ. ފިސާރި ވަރުގަދައަށް ތަދުކޮށްލާނެއެވެ.

މިކަންކަމަށް ވިސްނުމުން އެނގެނީ އަނބިމީހާގެ މިޒާޖާއި ޠަބީޢަތް ބަދަލުވެ މަޑުން ހުންނަންފަށައިފިނަމަ އެކަނބަލުންނަށް ދޭސަމާލުކަން އިތުރުކުރަންޖެހޭނެ ކަމެވެ. އެތިބީ ފިރިމީހާގެ އެހީތެރިކަމަށް ބޭނުންވެގެން ކަމެވެ. ސަބަބު ދެނެގަނެ އެކަމެއް ޙައްލުކުރަން އެހީތެރިވެދޭންޖެހޭނެކަމެވެ. 

ހުޝިޔާރު ފިރިންނަކީ އަނބިންނަށް އަންނަ މިބާވަތުގެ ބަދަލުތައް ދެނެގަނެ އަމިއްލައަށް އިސްނަގައިގެން އަނބިންނަށް އަޅާލައި އެހީތެރިވެދޭ ފިރިންނެވެ. އެފަދަ ފިރިންނަށް އެހީތެރިކަމަށް ބޭނުންވާ ވަޤުތު އަނބިމީހާގެ ކިބައިން ލިބޭ އެހީތެރިކަން އެތައް ގުނައަކަށް ބޮޑުވާނެއެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން