ޛުލްޙައްޖު މަހުގެ ފުރަތަމަ 10 ދުވަހާއިމެދު ޣާފިލުވުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޛުލްޙައްޖު މަހުގެ ފުރަތަމަ 10 ދުވަހާއިމެދު ޣާފިލުވުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރަ!

މިއަހަރުގެ ޛުލްޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް އަޅުގަނޑުމެންނާއި ބައްދަލުކުޜީއެވެ. ވީމާ މިވާހަކަތައް އައުކޮށްފައި ހަނދާންކުރަން އެބަޖެހެއެވެ. 

ދުނިޔޭގެ ކަންކަން މިހައިތަނަށް އައިއިރު މަރުވެފައިވާ މީހުންގެ ޢަދަދު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއިގެ ތެރެއިން ގިނަ ބައަކީ ޛުލްޙީއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ދުނިޔޭގައި އުޅެފައިވާ މީހުންނެވެ. އަދި ހަމައެފަދައިން އެއިގެ ތެރެއިން ގިނަ މީހުންނަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހުގެ އިތުރުކަން ލިބިނުގަތް މީހުންނެވެ. 

އަހަރެން ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. މަރުވެފައިވާ މީހަކަށް ދުނިޔެއަށް އަލުން އެނބުރި އައިސް އޭނާގެ އިޙްޞާޞްތައް ކިޔައިދޭން ފުރުޞަތު ލިބިއްޖެ ނަމަ ފުރަތަމަވެސް ބުނާނެ އެއްވާހަކައަކީ މި 10 ދުވަހުގެ މަތިވެރިކަމުގެ ވާހަކައާއި އެދުވަސްތަކުގެ މަންފާ ނުހޯދިހުރި މީހަކު ކަމުގައިވާނަމަ އެމީހަކު އެކަމުގައި އިހްމާލްވެވުނީތީ ކުރަންޖެހުނު ހިތާމައިގެ ބޮޑުކަމުގެ ވާހަކައެވެ. 

އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ އެންމެ މަތިވެރި ކުރެއްވެވި ދުވަސްތަކުގައި ދުނިޔޭގައި ހުރެ އެދުވަސްތަކާއިމެދު ޣާފިލުވުމުން އެބުނެވެނީ ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އެދެން ބޭނުން މީހެއް ނޫންކަމަށް ނޫންހެއްޔެވެ؟ ފާފަ ފުއްސަވައި ދެއްވެވުމަށް ބޭނުން ނުވާކަމަށް ނޫންހެއްޔެވެ؟ ދިރިއުޅުމުގައި ބަރަކާތް ލައްވަވަންވެސް ބޭނުން ނުވާކަމަށް ނޫންހެއްޔެވެ؟ 

އެފަދަ މީހަކު މަރުވުމުން ﷲ ތަޢާލާ އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކޮށްދެއްވަވަން އެދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ މިދެއްކެނީ ކުޑަ ވާހަކައެއް ނޫނެވެ. ވަރަށް ބޮޑު ވާހަކައެކެވެ. އާދޭސްކޮށްފައި ބުނަމެވެ. މިހިސާބުން ނަމަވެސް މިއަދު، އަޑުއިވުމުން ނަމަވެސް ހޭލުންތެރިވާށެވެ! މިދުވަސްތަކުގައި (މި 10 ދުވަހު) ވީހާ ގިނަ ހެޔޮ ޢަމަލުކުރާށެވެ! ރޯދަ ހިފުމާ ޤުރްއާން ކިޔެވުމާ އަޅުކަންކުރުން ގިނަކުރާށެވެ! ޞަދަޤާތްކުރުން ގިނަކުރާށެވެ! ޢާއިލާގެ މީހުންގެ ޙާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުން ގިނަކުރާށެވެ! 

މަރުވުމަށްފަހު އެކަންކަން ނުކުރެވުނީތީ ހިތާމަކުރަން ނުޖެހޭ މީހުންގެ ތެރެއިން ވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން