ސުވަރުގެ އެދޭމީހާ ކުރިއަށް ދާންވީ އެންމެ ގިނަ ބައަކު ރުހޭ މީހާގެ ފަހަތަކުން ނޫން! އެންމެ ތަޤްވާވެރި މީހާގެ ފަހަތުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ސުވަރުގެ އެދޭމީހާ ކުރިއަށް ދާންވީ އެންމެ ގިނަ ބައަކު ރުހޭ މީހާގެ ފަހަތަކުން ނޫން! އެންމެ ތަޤްވާވެރި މީހާގެ ފަހަތުން!: މުފްތީ މެންކް

މީސްތަކުންގެ ކިތަންމެ ބޮޑު ތާއީދެއް އޮތް ނަމަވެސް، ކިތަންމެ ގިނަ ބައަކު ރުހޭ މީހަކުކަމުގައިވިޔަސް އެއީ ސުވަރުގެ ވަދެވޭ ސަބަބެއް ނޫނެވެ. ސުވަރުގެ ވަދެވޭނީ ހަމައެކަނި ﷲ ތަޢާލާގެ ރުއްސެވުން ލިބިގެންނެވެ. އެހެންކަމުން ރައްޔިތުންގެ ކިތަންމެ ބޮޑު ތާއީދެއް އޮތް ނަމަވެސް އެމީހަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިއަކު ކަމުގައި ނުވަނީނަމަ އެމީހެއްގެ ފަހަތުގައި އަބަދު އެލިގަނެގެން އޮތުމަކީވެސް ސުވަރުގެ ވަދެވޭނެ ސަބަބެއް ނޫނެވެ.

ސުވަރުގެ އެދޭނަމަ ކުރިއަށްދާންވީ އެމީހަކަށް ތާއީދުކުރާ ރައްޔިތުންގެ އަދަދުބަލައި އެންމެ ގިނަ މީހުން ތާއީދުކުރާ މީހެއްގެ ފަހަތަކުން ނޫނެވެ. ކުރިއަށްދާންވީ އެންމެ ތަޤްވާވެރި މީހާ ބަލައި އެމީހެއްގެ ފަހަތުންނެވެ. ކުރަންވީ ރައްޔިތުންގެ ތާއީދު އެންމެ ބޮޑު މީހާ ބުނާ ކަންކަމެއްވެސް ނޫނެވެ. ކުރަންވީ އެކަމެއް ކުރުމަށް ﷲ ތަޢާލާ އަންގްވާފައިވާ ކަންކަމެވެ. އެގޮތުގައި ކަންކަން ކުރެވޭނީ ތަޤްވާވެރިންނާއިއެކު އުޅެ އެބައެއްގެ ފަހަތުން ކުރިއަށް ދިއުމުންނެވެ.

ގަދައަޅައި މަސައްކަތްކުރަންވީ ތަޤްވާވެރިންނާއިއެކު މަހްޝަރު ކުރައްވަވައި ދެއްވަވާތޯއެވެ! އެންމެ ތާއީދު ބޮޑު މީހާ އާއިއެކު މަޙްޝަރު ކުރައްވަވައި ދެއްވަވާތޯއެއް ނޫނެވެ. ނަމަވެސް ހިތާމައަކީ ގިނަ ބައަކަށް މިއަދު މިކަންކަން ވަރަށް ބޮޑަށް އޮޅިފައިވާތީއެވެ. ތަޤްވާވެރި ހެޔޮލަފާ މީހުންނަށްވުރެ މަޝްހޫރު، ތާއީދު ބޮޑު މީހުންނަށް ލޯބިކުރެވޭ މިންވަރު އިތުރުވެފައިވާތީއެވެ!

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކާމިޔާބު މީހަކަށް ވެވޭނީ ދުނިޔެ ނުވަތަ މުޖުތަމައުގެ ގިނަ ބައަކު ބުނާގޮތަށް އުޅޭ މީހުންނަށް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ނުބައި ވިސްނުމެކެވެ. ސަލާމަތްކަން ލިބޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމުންނެވެ.

މުޖުތަމައުގެ ގިނަ ބައަކު ބޭނުންވާ ގޮތަށް އުޅެގެން މުޖުތަމައުގެ ތާއީދު ހޯދިދާނެއެވެ. ނަމަވެސް އެ މުޖުތަމައުއަކީ ﷲ ތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މުޖުތަމައުއެއް ނޫން ނަމަ އެ ތާއީދަކީ ހަޤީޤަތުގައި އެއްވެސް ފައިދާއެއް ހުރި އެއްޗެއް ނޫނެވެ.

ޣައިރު މުސްލިމް ބައެއް ޤައުމުތަކުގައި ރައްޔިތުންގެ ތާއީދު ލިބިގެން އެތައް އަހަރަކު ވެރިކަންކުރާ މީހުން އެބަ އުޅެއެވެ. އެމެރިކާގެ ވެރިކަން ވެސް އެޤައުމުގެ ޤާނޫނުގައި ހުއްދަކުރާ އެންމެ ދިގު މުއްދަތަށް، 10 އަހަރު އެކުރަނީ ނޫންހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން