ޝައިޠޯނާ އެންމެ ދެރަވެ ހިތާމަކުރާކަމަކީ މީސްތަކުން ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. ސަޖިދައިގައި އޮންނަ ވަޤުތަކީ ދެރަވެ ހިތާމަކޮށް ރޮއި ކަރުނައަޅާ ވަޤުތެވެ. އެހެންވެ މީސްތަކުން ކުރާ އަޅުކަން ހަލާކުކޮށްލަން ޝައިޠޯނާ އަބަދުވެއް އޭއްޗަށް ކުރެވުނުހައި މަސައްކަތްތަކެއް ކުރަމުންގެންދާނެއެވެ. އެކަމުގައި ދުވަހަކުވެސް ވަރުބައްޔެއްވެސް ނުވާނެއެވެ.
ޝައިޠޯނާ އެންމެ ބޮޑަށް މަސައްކަތްކުރާނީ އަޅުކަންކުރިއަ ނުދިނުމަށެވެ. އަޅުކަންކުރުން ނުހުއްޓުވުމުން ދެން މަސައްކަތްކުރާނީ ކުރާ އަޅުކަން ހަލާކުކޮށްލައި ބޭކާރުކޮށްލުވުމަށެވެ. އެގޮތުން ދެކަމަކަށް މަސައްކަތްކުރާނެއެވެ.
އެއްކަމަކީ އެއަޅުކަމެއް ކުރަން އަންގަވާފައިވާ ގޮތަށްވުރެ ބޮޑަށް ނުވަތަ އިތުރަށް ކުރުވުމެވެ. ދެވަނަ ގޮތަކީ ކުރަން އަންގަވާފައިވާ ގޮތަށްވުރެ އުނިކޮށް ކުރުވުމެވެ. ވީމާ އަޅުކަންކުރާއިރު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.
ވީމާ ކޮންމެ އަޅުކަމެއް ކުރިނަމަވެސް އެއަޅުކަމެއް ކުރަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްފުޅުކޮށް ދެއްވަވާފައިވާ ގޮތަށް ކުރަން މަސައްކަތްކުރާށެވެ. މިޘާލަކަށް ބުނާނަމަ ނަމާދުކުރުމުގައިވެސް ކަންކަން ކުރަންވާނީ ސުންނަތާއިއެއްގޮތަށެވެ. މޮޅުކޮށްލަން ކަންކަން އިތުރުކޮށް އަދި އަވަސްކޮށްލަން ކަންކަން ދޫކޮށްލައި ނުހަދާށެވެ. ކޮންމެ ޙަރަކާތެއް ކުރުމުގައިވެސް ސުންނަތުން ޘާބިރުވާ އިންތަކުގައި ހިފަހައްޓާށެވެ. މޮޅުކުރަން އިތުރުކޮށް އަދި ލުއިކުރަން އުނިކުރުން ފަދަ ކަންކަން ނުކުރާށެވެ. އަދި ކޮންމެ އަޅުކަމެއް ކުރިނަމަވެސް މިކަންކަން ނަގަހައްޓައި ދަމަހައްޓާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން