ޤަޟާކުރަންޖެހޭ ރޯދައިގެ ޢަދަދާމެދު ޝައްކުވެއްޖެނަމަ ޢަމަލުކުރަންވީ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޤަޟާކުރަންޖެހޭ ރޯދައިގެ ޢަދަދާމެދު ޝައްކުވެއްޖެނަމަ ޢަމަލުކުރަންވީ ގޮތް-

މިދިއަ ރަމަޟާން މަހު އަޅުގަނޑަށް ގެއްލުނީ ކިތައް ރޯދަކަން ޔަޤީނެއް ނޫނެވެ. 6 ނުވަތަ 7 އެވެ. ވީމާ އަޅުގަނޑު ޢަމަލުކުރަންޖެހޭނީ ކޮން ގޮތަކަށްތޯއެވެ.؟

މިއީ ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލެކެވެ. ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.

ޤަޟާކުރުން ވާޖިބުވެފައިވާ ރޯދަތަކުގެ ޢަދަދާމެދު ޝައްކުވެއްޖެނަމަ ފަހެ އޭނާ ހިފާނީ އޭގެ މަދުމިންވަރެވެ. މިޘާލަކަށް އަންހެނަކު ނުވަތަ ފިރިހެނަކުވިޔަސް، ތިން ރޯދަތޯ ނުވަތަ ހަތަރުރޯދަތޯ ހިފަންޖެހިފައިވަނީ ޝައްކުވާނަމަ ފަހެ އޭނާ އެތަނުން ޤަޟާކުރާނީ މަދުމިންވަރެވެ. [ތިން ރޯދައެވެ.] އެހެނީ އެއީ ޔަޤީންވެގެންވާ މިންވަރެވެ. އެއަށްވުރެ އިތުރުވެފައިވާ މިންވަރަކީ އެއީ ޝައްކުވެފައިވާ މިންވަރެވެ. އަޞްލަކީ އޭނާގެ ޛިންމާ ބަރީއަވެގެންވުމެވެ.

އެއާއެކުވެސް އެންމެ ރައްކާތެރިގޮތަކީ އޭނާއަށް އެ ޝައްކުވެފައިވާ ދުވަހުގެ ރޯދަވެސް ޤަޟާގެ ގޮތުގައި ހިފުމެވެ. އެހެނީ:

– އެދުވަހަކީ އޭނާ ރޯދަހިފުން ވާޖިބު ދުވަހެއްނަމަ އޭނާގެ ޛިންމާއިން އެބަރީއަވީއެވެ.

– އޭނާގެ މައްޗަށް އެރޯދަ ވާޖިބުނޫންނަމަ އެވެގެންދާނީ ސުންނަތް ރޯދައަކަށެވެ.

އިޙްސާންތެރީންގެ އަޖުރު ﷲ ތަޢާލާ ބާޠިލުނުކުރައްވާނެއެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން – رحمه الله –

"فتاوى نور على الدرب"

--މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން