ޒަވާޖީ ދިރިއުޅުމުގައިވެސް، ޢާއިލާގެތެރޭގައިވެސް އަދި އެކުވެރިންގެ މެދުގައިވެސް ގިނަ މައްސަލަތަކެއް ކުރިމަތިވާ ސަބަބަކީ އަނެކާގެ މައްޗަށް ނުބައި ޝައްކުކުރެވޭކަމެވެ. ނުބައި ޝައްކެއް ކުރެވޭއިރަށް އެމީހަކާއިމެދު ހިތް ގޯސްކުރެވޭކަމެވެ. ވީމާ އެއްވެސް ބާވަތެއްގެ ޝައްކެއް އުފެދިއްޖެނަމަ ފުރަތަމަ ކަމަކަށް އެކަން ޔަޤީންކުރާށެވެ. ޔަޤީންނުކޮށް ހިތްގޯސްނުކުރާށެވެ. އަދި ޔަޤީން ކުރެވުނަސް ހިތް ގޯސްނުކޮށް އޭނާއަށް މާފުކޮށް ހިތްޙަލާލުކުރާށެވެ! ދުރުހެލިވާންޖެހޭނަމަ ދުރުހެލިވުމަކީ އެންމެ ރަނގަޅު ގޮތެވެ.
މިހާރަކަށް އައިސް ކިރިޔާ ކަމެއްވާއިރަށް ސިހުރުވެރިންގެ ފަހަތުން ދުވާ މީހުން އެބަ ގިނަވެއެވެ. އެއީ ތިމާއަށް ގެއްލުމެއްދިނުމަށް ކޮންމެވެސް މީހަކު ކޮށްފައިހުރިކަމެއް ކަމަށް ޤަބޫލުކުރެވިގެން އެކަމުން ސަލާމަތްވެވޭނީ ސިހުރުވެރިންގެ ގާތަށް ގޮސްގެން ކަމަށް ޤަބޫލުކުރެވޭތީއެވެ!
މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ފުރަތަމަ ކަމަކަށް އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެސްފީނާ އާއި ސިހުރުގެ ނުބައިކަމުން ސަލާމަތްވުމަށް ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނަން މަސައްކަތްކުރުމެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ފަތިސްނަމާދުން ދުވަސްފެށުމެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމެވެ. އާޔަތުލްކުރިސި ކިޔެވުމެވެ. ބަޤަރާ ސޫރަތް ކިޔެވުމެވެ.
އެއްވެސް ޙާލެއްގައި ސިހުރުވެރިއެއްގެ އެހީތެރިކަން ހޯދުމެއް ނެތެވެ. ކޮންމެހެން ބޭނުންވެއްޖެ ހިނދެއްގައި ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދަންވާނީވެސް އަމިއްލައަށް ކުރެވެންހުރި މަސައްކަތްކުރުމަށްފަހުގައެވެ. އެހެނީ ތިމާއަށް ކަމެއް ދިމާވުމުން އެކަމުން ސަލާމަތްކުރެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވަންވީ ތިމާއެވެ! ކޮންމެ މީހަކު ކަމަކަށް އެދިގެން ދެންނެވިނަމަވެސް އެކަލާނގެ އައްސަވައިވޮޑިގެންވެއެވެ! އެކަމެއް ހިންމަވައިވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ
މީގެ އިތުރުން ކިރިޔާ ކަމެއް މެދުވެރިވާއިރަށް އެއީ މިވެނިއެވެނި މީހަކު ހެދި ސިހުރަކުން ކަމަށް ޤަބޫލުވެސް ނުކުރާށެވެ! އެއީ ކުށްހީއަކަށްވެފައިހުންނަނީ މަދަކުން ނޫނެވެ! ތިބާ ޝައްކުކުރާ މީހުން ތިބާއަށް ސިހުރު ނުހެދިނަމަވެސް ތިބާގެ ހިތަށް އެފަދަ ޝައްކުތައް ޝައިޠޯނާ ވައްދުވާނެއެވެ. އެއީ ދެމީހުންގެ މެދުގައި ފިތުނަ އުފެއްދުމުގެ ގޮތުންނެވެ.
ވީމާ ލޮލަސްފެނި ޔަޤީންނުކުރެވޭ އެއްވެސް ކަމެއްގައި އެއްވެސް މީހަކަށް ޝައްކުނުކުރާށެވެ! އެފަދަ ނުބައި ޝައްކުތައް ކުރުމަކީ ސިހުރުޖެހުމަށްވުރެވެސް ތިމާއަށް ގެއްލުންދޭ ކަންކަމެވެ. ބޮޑުތަނުން ތިމާ ފާފަވެރިވާނެ ކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން