މަންމަ ނުވަތަ ބައްޕަ ބަލިޙާލުގައި ބަލަންޖެހުމަކީ ސުވަރުގެ ވަނުމަށް ފަހިކޮށްދެއްވަވާ މަގެއް! އެކަން ލުއިކުރައްވަވައި ދެއްވެވުން އެދި މިމޭރުމުން ދުޢާ ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މަންމަ ނުވަތަ ބައްޕަ ބަލިޙާލުގައި ބަލަންޖެހުމަކީ ސުވަރުގެ ވަނުމަށް ފަހިކޮށްދެއްވަވާ މަގެއް! އެކަން ލުއިކުރައްވަވައި ދެއްވެވުން އެދި މިމޭރުމުން ދުޢާ ކުރައްވާ!

ބައެއް ޙާލަތްތަކުގައި ބަލިޙާލުގައި މައިންބަފައިން ބަލަން ޖެހެއެވެ. ތަންމަތީގައި ބާއްވައިގެންވެސް ބަލަން ޖެހެއެވެ. ކިރިޔަކިރިޔާ ތެދުވެވޭ ޙާލުގައިވެސް ބަލަންޖެހެއެވެ. އެކަމަށް ކަންބޮޑުނުވާށެވެ! އެއީ އެޚިދުމަތްކުރާ ދަރިއަކަށް ނުވަތަ ދަރިން ސުވަރުގެ ވަނުމަށް ﷲ ތަޢާލާ ދެއްވަވާ ރަނުގެ ފުރުޞަތެކެވެ.  

ގިނައިން ގޭގައި ތިބޭ ބައަކީ އަންހެނުން ކަމަށްވުމުން އެޙާލަތުގައި އުފުލަންޖެހޭ ބުރަ ގިނައިން އުފުލަންޖެހެނީވެސް އަންހެނުންނަށެވެ. އުފުލައި ގެންގުޅުން އުނދަގޫވާނެއެވެ. ސާފުތާހިރުކޮށް އެނދުތަންމަތިއެޅުމާއި ހަޑިވާ އުނު އަންނައުނު ދޮވެ ސާފުކުރުމަކީވެސް ނުހަނު ބުރަ މަސައްކަތެކެވެ.  

ވީމާ އެފަދަ ކަމެއް ތިމާއަށް ކުރިމަތިވެއްޖެނަމަ މިފަދައިން ދުޢާކުރާށެވެ!  

"ޔާ ﷲ! މިއަޅާގެ މަންމަ/ބައްޕަ އަށް ޚިދުމަތްކުރުމުގެ ހިތްވަރާއި ކުޅަދާނަކަން އަދި ތަނަވަސްކަން މިއަޅާއަށް ދެއްވަވާނދޭވެ! އަދި މިއަޅާ ކުރާ ޚިދުމަތް އިނ ﷲ ޤަބޫލުފުޅުކުރައްވަވާނދޭވެ!" އާމީން  

ﷲ ތަޢާލާ ކަމެއް ލުއިކޮށްދެއްވަވައިފިނަމަ އެކަމަކީ ކިތަންމެ ބުރަ ކަމެއް ނަމަވެސް އެއީ އެއްވެސް ބުރަކަމެއްގެ ގޮތުގައި އިޙްޞާޞެއް ނުކުރެވޭނެއެވެ. އިން ޝާ ﷲ. ވީމާ ކުރަންޖެހޭ ކޮންމެ ކަމެއްވެސް ލުއިފަސޭހަކޮށްދެއްވެވުން އެދިގެންނާއި ތިމާ ކުރާ ޢަމަލު ޤަބޫލުފުޅުކުރައްވަވައި ދެއްވެވުން އެދިގެން އަބަދުވެސް ދުޢާކުރަންވާނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން