ޢަރަފާތު ދުވަހަކީ އާދައިގެ ދުވަހެއް ނޫނެވެ! އެއީ މާމުހިންމު ދުވަހެކެވެ. މީސްތަކުންނާއި ދުނިޔޭގައި ބައްދަލުކުރާނެ އެންމެ މުހިންމު އަދި އެންމެ ފައިދާހުރި ދުވަހެވެ. ސަބަބު އެނގޭހެއްޔެވެ؟
އެއީ އެންމެ ގިނަ މީހުން ނަރަކައިން ސަލާމަތް ކުރައްވަވާނެދުވަހެވެ! ލައިލަތުލް ޤަދްރިވިލޭރެއަށްވުރެވެސް ގިނައިންނެވެ. ރަމަޟާން މަހަށްވުރެވެސް ގިނައިންނެވެ.
ނަރަކައިން ސަލާމަތްކުރެއްވެވުމަކީ ކޮބައިހެއްޔެވެ؟ އެއިގެ މާނައިގައި އެމީހަކު ނަރަކައަށް ނުލެއްވެވުން ހިމެނެއެވެ. ވީމާ ތިބާ ދުނިޔޭގައި ހުރިނަމަވެސް ތިބާ ނަރަކައިން ސަލާމަތް ކުރައްވަވައިފިނަމަ ޤިޔާމަތް ދުވަހު ތިބާއަށް ނަރަކައަށް ވަންނާކަށް ނުޖެހޭނެއެވެ.
މީސްތަކުންނޭވެ! އެމަތިވެރި ރަހްމަތް ލިބިގަންނަން މިހާރުންސުރެ މަސައްކަތް ފަށާށެވެ! ވީހާ ގިނައިން ހެޔޮ ޢަމަލުތައް ކުރަމުން ގެންދާށެވެ! ޢަރަފާތު ދުވަހުގެ ރޯދަހިފާށެވެ! އަދި އެދުވަހު ވީހާގިނައިން ހެޔޮ ޢަމަލުތައް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!
އަދި މިހާރުންސުރެ ﷲ ތަޢާލާގެ ރަހްމަތަށް އެދިގެން ދުޢާކުރަމުން ގެންދާށެވެ! ދުޢާކުރުން އެދުވަހު ގިނަކުރާށެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން