ހަނދުމަކޮށްދިނުމެއް: ޢަރަފާތު ދުވަހަށް ދެއްވަވާފައިވާ މަތިވެރިކަން މިމިންވަރަށް އެނގޭ މީހާ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރިނަމަވެސް ދުޢާކުރުން ހުއްޓާނުލާނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ހަނދުމަކޮށްދިނުމެއް: ޢަރަފާތު ދުވަހަށް ދެއްވަވާފައިވާ މަތިވެރިކަން މިމިންވަރަށް އެނގޭ މީހާ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރިނަމަވެސް ދުޢާކުރުން ހުއްޓާނުލާނެތެވެ!

ޢަރަފާތު ދުވަހު ރޯދަހިފަންޖެހޭ ސަބަބުތަކުގެ ތެރެއިން އެދުވަހަށް ﷲ ތަޢާލާ ދެއްވަވާފައިވާ ޚާއްޞަ އެތައްކަމެއްވެއެވެ. އެއިގެ ތެރެއިން ވެސް އެންމެ ޚާއްޞަވެގެންވާ ކަންތައް އެނގޭ ހެއްޔެވެ؟

ކޮންމެ ރެއަކުވެސް ﷲ ތަޢާލާ އެންމެ ތިރީ އުޑަށް ފައިބާވޮޑިގަންނަވައެވެ. އަދި އެންމެހައި މީސްތަކުންނާއި މުޚާޠަބް ކުރައްވަވައެވެ. ނަމަވެސް ﷲ ތަޢާލާ އެންމެ ތިރީ އުޑަށް ފައިބާވޮޑިގަންނަވާ ހަމަ އެކަނި ދުވަހަކީ ޢަރަފާތު ދުވަހެވެ. 

އަދި ޢަރަފާތު ދުވަހު ޢަރަފާތު ބިމަށް އެއްވެ ތިބޭ މީސްތަކުންނާއިމެދު ފަޚުރުވެރިވެވޮޑިގެން އެކަން މަލާއިކަތުންނަށް ބަޔާން ކުރައްވަވަތެވެ. 

އަދިކީއްހެއްޔެވެ؟ ރޭތަކުގެ ތެރެއިން އެންމެ މާތްކަންބޮޑު ރޭ ކަމުގައިވާ ލައިލަތުލްޤަދްރިވިލޭރެއަކީ ކޮބައިކަން ﷲ ތަޢާލާ ވަނީ ވަންހަނާކުރައްވަވައިފައެވެ. ނަމަވެސް ދުވަސްތަކުގެ ތެރެއިން އެންމެ މާތްވެގެންވާ ދުވަސްތައް، ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަސް ވަންހަނާ ކުރައްވަވާފައެއް ނުވެއެވެ. އަދި އެންމެ މާތް ކުރެއްވެވި ޢަރަފާތު ދުވަސް ވެސް ވަންހަނާ ކުރައްވާފައެއް ނުވެއެވެ. 

މީސްތަކުންނޭވެ! ޢަރަފާތު ދުވަހު ދުޢާކުރުން އޮތީ ހަމައެކަނި ޙައްޖުވެރިންނަކަށް ނޫނެވެ. ހުރިހާ މުސްލިމުންނަށެވެ. 

މީސްތަކުންނޭވެ! ޢަރަފާތު ދުވަހު (ޚާއްޞަކޮށް ޢަޞްރުން ފެށިގެން އިރުއޮއްސެންދެން) ދުޢާކުރާށެވެ! ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި ﷲ ތަޢާލާ ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު ޢަރަފާތު ދުވަހު ކުރާ ދުޢާ އަނެއް އަހަރުގެ ޢަރަފާތު ދުވަސް އައުމުގެކުރިން ޢިޖާބަކުރައްވަވާނެތެވެ. 

އަދިވެސް ޢިލްމްވެރިން ބަޔާންކުރައްވަވަތެވެ. "އެންމެ ބޮޑު ޖާހިލުންނަކީ ޢަރަފާތް ދުވަހުގެ މާތްކަން ލިބިގަންނަން މަސައްކަތްނުކުރާ މީހުންނެވެ! ޢަރަފާތު ދުވަހު ކުރާ ދުޢާ ޢިޖާބަކުރައްވަވާނެ ކަމަށް ޤަބޫލުނުކުރާ މީހުންނެވެ." 

- ޝައިޚް ތައުފީޤް ޗައުދްރީގެ ދަރުސަކުން 

 

މިއަދު އޮންލައިން