ގިނަ ބައަކަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ތިމާއަކީ އަޅައިލާނެ މީހަކު ނެތް އެކަނިވެރިއެއް ކަމަށް އިޙްޞާޞްކުރެވުން! ޙައްލު މިއޮތީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ގިނަ ބައަކަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ތިމާއަކީ އަޅައިލާނެ މީހަކު ނެތް އެކަނިވެރިއެއް ކަމަށް އިޙްޞާޞްކުރެވުން! ޙައްލު މިއޮތީ!: މުފްތީ މެންކް

ގިނަ ބައަކަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ތިމާއަކީ އަޅައިލާނެ އެއްވެސް މީހަކު ނެތް އެކަނިވެރިއަކު ކަމަށް އިޙްޞާޞްކުރެވުމެވެ. އެންމެ ގިނަ ބައަކަށް ދިރިއުޅުމާއިމެދު މާޔޫސް ވެވެނީވެސް އެޙާލަތުގައެވެ. ވީމާ މިއީ ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް އޮންނަނީވެފައެވެ.

ކޮންމެ ކަމެއް ދިމީވެގެން ނަމަވެސް، ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ނުވަތަ ސަބަބެއް މެދުވެރި ނުވެ ނަމަވެސް އެކަނިވެރިކަން އިޙްޞާޞް ކުރެވޭނަމަ އެކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ރޭގަނޑުގެ ފަހުބައިގައި ހޭލައި ﷲ ތަޢާލާއަށް އަޅުކަންކޮށް ދުޢާކުރުން ގިނަ ކުރުމެވެ. ﷲ ތަޢާލާއި މުޢާމަލާތުކުރުން ގިނަކުރުމެވެ.

އަހަރެމެން ދަންނަވާ ދެންނެވުންތަކަށް ﷲ ތަޢާލާ ދެއްވަވާ ޖަވާބު ނުވަތަ އިޖާބައިގެ އަޑު އަހަރެމެންނަށް ނުއިވިދާނެއެވެ. އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. އަހަރެމެންގެ ދެންނެވުންތައް އައްސަވައި ވޮޑިގެންވާކަމާއި އިޖާބަ ދެއްވަވާނެ ކަމަށް ވަޙީ ކުރައްވަވާފައި އޮތުމުން އަހަރެމެންނަށް ފުދެންވާނެއެވެ. ﷲ ތަޢާލާގެ ބަސްފުޅަށް އިތުބާރުކުރުމަކީ އެއީއެވެ.

މިފަދައިން ކަންކަން ކުރާ މީހާއަކީ ޙަޤީޤަތުގައި އެކަނިވެރިއެއް ނަމަވެސް އެކަން އެމީހަކަށް އިޙްޞާޞެއް ނުކުރެވޭނެއެވެ. އިޙްޞާޞް ކުރެވޭނީ އެމީހަކާއިއެކު އެތައް ބައަކު އެބަތިބި ކަމަށެވެ. އެގޮތަށް އިޙްޞާޞް އެކުރެވެނީ އަހަރެމެންގެ ދުޢާ އަޑުއައްސަވައި އިޖާބަ ދެއްވަވާތީއެވެ.

ތިމާ އެކަނިވެރިވެއްޖެ ކަމަށް ޤަބޫލުކުރެވޭނަމަ އެކަމުން އެނގެނީ އެމީހަކު ތައުބާވާންޖެހޭ ގިނަ ފާފަތަކެއް ކުރެވި ތައުބާ ނުވެވި ހުރިކަމެވެ. އެފަދަ މީހަކު އެތައް ސަތޭކަ ބައެއްގެ މެދުގައި ހުރިނަމަވެސް އެމީހަކަށް ޤަބޫލުކުރެވޭނީ އެމީހަކީ އެކަނިވެރިއެއް ކަމަށެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތް މީހެއް ކަމަށެވެ. އެމީހަކާއިމެދު ވިސްނާ ހަމަ އެކަކުވެސް ނެތް ކަމަށެވެ.

މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ އެކަން އެހެންވާ ސަބަބަކީ އެމީހަކު ﷲ ތަޢާލާގެ އެންގެވުންތަކަށް ފަރުވާކުޑަކޮށް އަޅައިނުލައި ދޫކޮށްލުމުން ﷲ ތާޢާލާ އެމީހަކު ދޫކޮށްލައްވަވަނީއެވެ. ދުނިޔޭގެ ހަޔާތަށް ބެލި ނަމަވެސް އެމީހަކާއިމެދު އަޅައިނުލާ މީހުންނަށް އަޅައިލުމަކީ ކުރެވޭ ކަމެއް ނޫނެވެ. އެމީހަކާއިމެދު ފަރުވާ ނުބަހައްޓާ މީހަކަށް ފަރުވާ ބެހެއްޓުމަކީވެސް ކުރެވޭ ކަމެއް ނޫނެވެ. މިކަންކަން މިގޮތަށް މެދުވެރި ކުރައްވަވަނީވެސް ޢިބްރަތް ޙާޞިލުކުރުމަށެވެ.

--މުފްތީ މެންކުގެ ދަރުސްކުން

 

މިއަދު އޮންލައިން