ދަރިންގެ ހިތުގަ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުވުމުގެ ޝައުޤުވެރިކަން އުފައްދުވައި ޢަމަލުކުރަން ޝައުޤުވެރިކުރުވަން އަޅުގަނޑު ބޭނުންކުރި އުކުޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދަރިންގެ ހިތުގަ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުވުމުގެ ޝައުޤުވެރިކަން އުފައްދުވައި ޢަމަލުކުރަން ޝައުޤުވެރިކުރުވަން އަޅުގަނޑު ބޭނުންކުރި އުކުޅު!

ދަރިންގެ ހިތުގައި އިސްލާމް ދީނަށް ލޯބިޖައްސުވައި އިސްލާމް ދީނުގައިވާ ގޮތް ދަރިންނަށް ދަސްކޮށްދޭން ކުރެވިދާނެ ކަމަކާއިބެހޭ ގޮތުން ކިޔުންތެރިއަކު ސުވާލުކުރައްވާފައިވާތީ ދަންނަވަމެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ. އެއީވެސް ހަމަ ވަރަށް ފަސޭހައިން ޢަމަލުކުރެއްވިދާނެ ވަރަށް ފައިދާހުރި ކަންކަމެވެ.

އަޅުގަނޑަށް ދަރިން ލިބުނީންސުރެ ދިއައީ ދީނީ ފޮތްތައް ގެއަށް ޖަމާކުރަމުންނެވެ. އަދި ވަގުތު ހޯދައިގެންވެސް ކުދިންނާއިއެކު އިށީނދެ ފޮތްތަކުން ތަފާތު ކަންކަމުގެ ވާހަކަ ހޯދައިގެން ކުދިންނާއި މަޝްވަރާކުރަމުންނެވެ. ތަފާތު މައުޟޫތަކަށެވެ.

ދެން އަޅުގަނޑު ކުރަންފެށި ކަމަކީ ކުދިންގެ އުމުރާއި ގުޅޭ ގޮތުން ލިޔެވިފައި ހުންނަ ފޮތް ކުދިންނަށް ދީފައި މިވެނި ކަމެއްގައި (މިސާލަކަށް: ނަމާދު ، ރޯދަ، ވުޟޫކުރުން، ދޮގުބުނުން ފަދަ) އެފޮތުގައި ބަޔާންކޮށްފައިވަނީ ކީކޭކަން މަންމައަށް އޮޅުން ފިލުވައިދޭން އެދެނީއެވެ.

އަޅުގަނޑަކީ ފަޤީރެކެވެ. އެހެންވެ ކޮންމެ ދުވަހަކު އިނާމެއް ނުދެމެވެ. ނަމަވެސް ކޮންމެ މަހެއް ނިމުމުން އެމަހެއްގައި މައުލޫމާތު ހޯދަން އެންމެ ރަނގަޅަށް މަސައްކަތްކުރި ދަރިފުޅުގެ ފަރާތުން ކަމަށްބުނެ ހުރިހާ ކުދިންނަށް "ޓްރީޓެއް" ދެނީއެވެ.

އެކަމުގެ ނަތީޖާ ދަންނަވަންތޯއެވެ؟ ކުދިން މިހާރު އެތިބީ ބޮޑެތިވެފައެވެ. ބައެއް ކުދިން ކައިވެނިކޮށް ދަރިންވެސް ލިބިއްޖެއެވެ. މިހާރުވެސް ހުރިހާ ކުދިން ގެއަށް ޖަމާވާ ދުވަހެއްނަމަ ކުދިން އަމިއްލައަށް އިސްނަގައިގެން މިވެނި ފޮތެއްގައި އޮތީ މިހެންކަމަށްބުނެ ދީނުގެ ކޮންމެވެސް ވާހަކައެއް ނުދައްކާ ދުވަހެއް ހަމަ ވަރަށް މަދުވާނެއެވެ!

ދާދިފަހުންވެސް ހުރިހާ ކުދިން ކާންތިބެފައި ހަގު ދަރިފުޅަސް ވައަތުން ފެންބޯތަށީގައި ހިފުނީމާ ދޮށީ ދަރިފުޅު ޙަދީޘް ކިޔާފައި ބުނީ "ތަށީގެ ބޭރު ހަޑިވީމާ އެހެން ތަށިތައްވެސް ދޮންނަ މީހަކު ފެންބޯތަށިވެސް ދޮންނާނެއެވެ. ކަނައަތުން ހިފާށެވެ!"

އަޅުގަނޑުގެ ދަރިންނަކީ ޝައިޚުން ނުވަތަ ދީނީ ޢިލްމުވެރިންނެއް ނޫނެވެ. ނަމަވެސް ދީނުގައިވާ ގޮތަށް ކަންކަން ކުރަން އެކުދިންނަށް އެނގެއެވެ. އަދި ކުރަންވެސް މަސައްކަތްކުރެއެވެ. އިން ޝާ ﷲ

--އާމިނަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން