އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރަން ބޭނުންނުވާ މީހަކާއެކު ކާމިޔާބު ދިރިއުޅުމެއް ނުއުޅެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރަން ބޭނުންނުވާ މީހަކާއެކު ކާމިޔާބު ދިރިއުޅުމެއް ނުއުޅެވޭނެ!

ގިނަ ބައަކު ތަޢްލީމް ޙާޞިލްކުރެއެވެ. ކަންކަން ހޯދައި އޮޅުންފިލުވައެވެ. އެކަމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި އެއްވެސް ތަފާތެއް ނެތެވެ. ތެދަށް ބުނާނަމަ ބުނަންޖެހެނީ މޮޅަށް ކިޔަވަން ބޭނުންވާ އަންހެނުން މާގިނަވެއްޖެކަމަށެވެ. އަދި އެކަނބަލުން އަންނަނީ ރަނގަޅު ނަތީޖާވެސް ހޯދަމުން ކަމަށެވެ.  

ތަނަކޮޅެއް ކުރީގެ ޒަމާނަށް ބަލައިފިނަމަ ބައިވެރިޔާގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތައް ކަނޑައެޅުމަކީ ހަމައެކަނި ފިރިހެނުން ކުރާ ކަމެކެވެ. ޤަބޫލުކުރެވިފައި އޮންނަނީ އެކަމަށް ޙައްޤުލިބިގެންވަނީވެސް ފިރިހެނުންނަށް ކަމަށެވެ. އެގޮތަށް ޤަބޫލުކުރެވިފައި އޮތީ އެޒަމާނުގައި ކިޔެވުމުގެ ފުރުޞަތު ލިބެނީ ފިރިހެނުންނަށް ކަމަށްވާތީކަމަށްވެސް ވެދާނެއެވެ.  

ނަމަވެސް އަންހެނުންވެސް ފިރިހެނުން ފަދައިން ކިޔަވަން ފަށައި ޢިލްމުވެރިވާން ފެށުމުން ޙާލަތު މިވަނީ ބަދަލުވެފައެވެ. ތިމާގެ ބައިވެރިޔާގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތައް އަންހެނުންވެސް ކަނޑައަޅައެވެ. އެކަމުގައި އަންހެނުން މާސްމާތް ކަމަށްވެސް މިހާރު ބުނަންޖެހެއެވެ.  

އަހުރެންގެ ބޭނުމަކީ އަންހެނުން ފިރިހެނުންގެ ބަހުސް ކުރުމެއް ނޫނެވެ. މިކުރިކަމަކީ ހަމައެކަނި ކަންތައް އޮތްގޮތް ބުނެލީއެވެ. މައުޟޫއަކީ ކޮންމެ މީހަކު ނަމަވެސް އެމީހެއްގެ ބައިވެރިޔާގެ ކިބައިގައި ހުންނަން އެމީހަކު ބޭނުންވާ ސިފަތައް މިހާރު ހާމަކުރާނެއެވެ. މައްސަލައަކަށްވަނީ ހާމަކުރުމެއް ނޫނެވެ. ހާމަނުކުރުމެވެ.  

ބުނަން ބޭނުންވަނީ އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް އޭނާގެ ބައިވެރިޔާގެ ކިބައިގައި ހުންނަން ޖެހޭނެކަމަށް އެމީހަކު ޤަބޫލުކުރާ ސިފަތައް ހާމަކުރުމުން އެކަން ބަލައިގަންނާށެވެ! އެކަމާ ފޫހިވެ ދެމީހުން ވަކިވުމުގެ ކުރިން އެކަންކަމަށް ވިސްނާށެވެ!  

ބަލަންވީ ހާމަކުރި މީހަކަށް ނޫނެވެ. އޭނާ ހާމަކުރި ކަންކަމަށެވެ. އެއީ ތިމާއަށް ފައިދާކުރާނެ ކަންކަން ކަމުގައިވާނަމަ އަވަހަށް ބަލައިގަންނާށެވެ. އިޞްލާޙްކުރަންޖެހޭ ކަންކަން އަވަހަށް އިޞްލާޙްކުރާށެވެ! އެކަމުން ލިބެން އޮތް ފައިދާ ލިބިގަންނާށެވެ!  

ހިތާމައަކީ ތިމާގެ ކިބައިގައި ހުންނަ އުނިކަންކަން ފާހަގަކުރުމުން މިބުނި މަގުން ކަންތައް ކުރުމުގެ ބަދަލުގައި ނަފްރަތުކުރެވޭކަމެވެ. އެމީހަކު ދެކެ ފޫހިވެ އެމީހަކާއި ވަކިވެވޭކަމެވެ. ޔަޤީންކުރާށެވެ! ބައިވެރިޔާ ހުށަހަޅާ ރަނގަޅު ކަންކަން ބަލައިނުގަންނަ މީހަކަށް ދުވަހަކުވެސް ރަނގަޅު ދިރިއުޅުމެއް ނުލިބޭނެއެވެ. އަދި ބައިވެރިޔާގެ އިތުރުން އެހެން މީހަކުނަމަވެސް މެއެވެ.  

ދެން ބުނެލަން ބޭނުންވަނީ އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރަން ދެކޮޅުހަދާ މީހަކާއިއެކު ކާމިޔާބު ދިރިއުޅުމެއް ނުއުޅެވޭނެ ކަމެވެ. އުފާވެރިކަމެއްވެސް ނުލިބޭނެ ކަމެވެ.  

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން