ތިމާއަށް ޙަސަދަލާ ޙަސަދަވެރިޔާއަށް އެންމެ ބޮޑު ދެރަދޭން އެންމެ ފަސޭހަ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ތިމާއަށް ޙަސަދަލާ ޙަސަދަވެރިޔާއަށް އެންމެ ބޮޑު ދެރަދޭން އެންމެ ފަސޭހަ މަގު-

ވަކިމީހެއްގެއެއް ނޫނެވެ. ހަމަކޮންމެ މީހެއްގެ ވެސް ޙަސަދަވެރިން ތިބޭނެއެވެ! އެންމެ ގާތް މީހުންގެ ތެރޭގައިވެސް ހަސަދަވެރިން ތިބޭނެއެވެ. އެމީހުން ކުރާ ކަންކަމުން ހިތުގައި ރުޅިވެރިކަންވެސް އުފެދޭނެއެވެ. އެއީ ހަމަ ކޮންމެ މީހަކަށް ނަމަވެސް މެދުވެރިވާނެ ކަންކަމެވެ.

އެހެންކަމުން ޢިލްމުވެރިން ވިދާޅުވަނީ އެންމެ ވަރުގަދަ މީހުންނަކީ އެމީހެއްގެ ހިތުގައި އުފެދޭ ހަސަދަވެރިކަން ލޯތްބަށް ބަދަލުކުރެވޭ މީހުން ކަމަށެވެ. އެހެނީ މީހަކު ކުރި ކަމަކުން އެމީހަކާއިމެދު ޙަސަދަވެރިވެއްޖެ ނަމަ ތިމާވެސް އެވެށްޓެނީ ހަމަ އެމީހާގެ ދަރަޖައަށެވެ.

ހަސަދަވެރިކަން ލޯތްބަށް ބަދަލުކުރުމަކީ ހަސަދަވެރިޔާ ދެކެ ލޯބިވުން އިތުރުކުރުމެއް ނޫނެވެ. އެއީ އޭނާ ކަންކަމަށް ކަންބޮޑު ނުވެ، އޭނާ އާއި ހަސަދަވެރި ނުވެ ކެތްތެރިވުމެވެ. އެކަން އެގޮތަށް ކުރެވޭނީ ވަރަށް ހިތްވަރު ގަދަ މީހަކަށެވެ. އެފަދަ މީހުން މިއަދު ވަރަށް މަދެވެ. ގިނައީ ރައްދު ދެވޭ މީހުންނެވެ.

ޙަދީޘްފުޅުގައި އޮތީ ޙަސަދަވެރިކަމަކީ އެމީހާ ކުރާ ހެޔޮ ޢަމަލުތައް، އަލިފާން ދަރު އަންދައި ހުސްކުރާ ފަދައިން އަންދައި ހުސްކުރާނެ ކަމެއް ކަމަށެވެ. ވީމާ މީހަކު ހަސަދަވެރިވެގެން އުޅޭތީ އެމީހާ އާއި ހަސަދަލައި ތިމާ ކުރާ ހެޔޮ ޢަމަލުތައް ހުސްކުރަންވީ ކީއްކުރަން ހެއްޔެވެ؟

ހަސަދަވެރިއަކަށް ދެވޭނެ އެންމެ ބޮޑު ދެރައަކީ އެމީހަކާއިމެދު ހަސަދަވެރި ނުވުމެވެ. އެއިރުން ދެދުނިޔޭގައިވެސް ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގެންދާނީ ޙަސަދަލީ މީހާއެވެ. އަދި ކީއްހެއްޔެވެ؟ މީހކާއިމެދު ހަސަދަވެރި ވެވިއްޖެ ނަމަ އެމީހަކަށް އަބަދުވެސް ހުރެވޭނީ އެމީހަކާއިމެދު ވިސްނުމުގައެވެ. އެމީހާގެ މައްޗަށް ކުރި ހޯދާނެ ގޮތަކާއިމެދުގައެވެ.

އެއިރުން ގެއްލިގެން އެދަނީ ތިބާ ﷲ ތަޢާލާ ހަނދުމަކޮށް، އަޅުކަންކޮށް ޛިކުރުކުރަން ލިބޭ އަގުހުރި ވަގުތުތަކެވެ. އެކަން ވެގެންދާނީ މީހަކަށް އަމިއްލައަށް ލިބިގަނެވޭނެ އެންމެ ބޮޑު ގެއްލުމަށެވެ. އަނިޔާއަށެވެ. ވީމާ ހަސަދަވެރިންގެ މައްސަލަތަކަށް ނުވިސްނައި އެމީހުންގެ މައްސަލަތައް ﷲ ތަޢާލާއަށް ވަކީލުކޮށް ނިންމައިލާށެވެ! އެންމެ ފައިދާހުރި ގޮތަކީ އެއީ އެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން