ކުރިމަތިވެދާނެ މުޞީބާތާއި މެދު ވިސްނާ މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތާ ނަފްސާނީ ބަލި ގިނަވަމުންދާ ސަބަބާ އެކަމަށް އޮތް އެންމެ ޔަޤީން ޙައްލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކުރިމަތިވެދާނެ މުޞީބާތާއި މެދު ވިސްނާ މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތާ ނަފްސާނީ ބަލި ގިނަވަމުންދާ ސަބަބާ އެކަމަށް އޮތް އެންމެ ޔަޤީން ޙައްލު!

ފުރަތަމަވެސް ބުނަން އޮތީ ތިމާއަށް ހިތްދަތިކަމެއް ނުވަތަ މުޞީބާތެއް ކުރިމަތިވެދާނެ ކަމަށް ބިރުން އެކަމަށް ވިސްނަން ވަގުތު ހޭދަކުރުމަކީ މުސްލިމަކު އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ މުޅިން ބޭކާރު ކަމެކެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެގެން ހުރި ހަމައެކަކުވެސް އެކަމެއް ނުކުރާނެއެވެ.

އެހެނީ ކޮންމެ މުޞީބާތެއްވެސް ކުރިމަތިވާނީ ﷲ ތަޢާލާ އެކަމެއް މިންވަރު ކުރެއްވެވުމުންކަން ކޮންމެ މުސްލިމަކަށްވެސް ޔަޤީންކުރެވޭނެއެވެ. އަދި ހަމައެފަދައިން ﷲ ތަޢާލާ މިންވަރު ކުރައްވަވައިފި މުޞީބާތެއް ހުއްޓުވޭނެ ހަމައެކަކުވެސް ނުހުންނާނެ ކަމާއި މުޅި ދުނިޔެ ބޭނުންވި ނަމަވެސް އެކަމެއް ނުހުއްޓުވޭނެކަންވެސް ޔަޤީންކުރެވޭނެއެވެ.

ވީމާ މުސްލިމުންނަށް އަބަދުވެސް އޮތީ ﷲ ތަޢާލާއަށް ވަކީލުކުރުންމަތީގައި ސާބިތުވުމާއި ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމެވެ. ކުރިމަތިވެދާނެ މުޞީބާތާއި މެދު ވިސްނާ މީހަކަށް އޭނާ އެކަމަށް ވިސްނާ ވިސްނުންވެސް ވާނީ މުޞީބާތަކަށެވެ! އެކަމުގެ ސަބަބުން މީހާ ދާނީ ނަފްސާނީ ގޮތުން ބަލިކަށިވަމުންނެވެ. ހިތްވަރު އެލެމުންނެވެ.

ނަފްސާނީ ބަލީގެ މީހުން މިއަދު ގިނަވަމުންދާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ! މީހަކު ދީފާނެ ގެއްލުމަކާއިމެދު މާބޮޑަށް ވިސްނޭތީއެވެ! މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ސަލާމަތް ނުވެވިދާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ! ތިމާއަކީ އެކަނިވެރިއެއް ކަމަށް ޤަބޫލުކުރެވޭތީއެވެ.

ޙަޤީޤަތަކީ އެއްވެސް މީހަކީ އެކަނިވެރިއެއް ނޫން ކަމެވެ. ﷲ ތަޢާލާއަށް ތެދުވެރިވެ އިޚްލާޞްތެރިވެ ވަކީލުކުރާ ކޮންމެ މީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވެއެވެ. ކޮންމެ މީހަކާއިމެދުގައިވެސް ﷲ ތަޢާލާ ރަހްމަތުގެ ބެއްލެވުމުން ބައްލަވައިވޮޑިގެންވެއެވެ. އެމީހާއަށް ކުރިމަތިވެފައިވާ ތަކްލީފްތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް ﷲ ތަޢާލާއެވެ!

އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ހިތުގެ އަޑިން ޤަބޫލުކޮށް ޔަޤީންކޮށްގެން ހުންނަ މީހަކަށްވުރެ އުފަލުގައި ދުނިޔޭގައި އުޅެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ! އެކަން ޤަބޫލު ނުކުރެވޭ މީހާގެ ވަށައިގެން ކިތަންމެ ގިނަ ބައަކު ތިބި ނަމަވެސް، ހަތިޔާރުއެޅި ފާރަވެރިން ތިބިނަމަވެސް އެމީހާ އަބަދުވެސް ހުންނާނީ ހިތްހަމަ ނުޖެހުމާއި ބިރުވެރިކަމުގެ ތެރޭގައެވެ. މިއީ މުޅި ދުނިޔެ އަބަދުވެސް ކުރަމުންދާ ތަޖުރިބާއެވެ! ޢިބްރަތް ޙާޞިލުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން