ވަކި ޤައުމަކަށް ނޫނެވެ. މުޅި އިސްލާމީ އުންމަތަށް ބެލިނަމަވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކައިވެނި ރޫޅުމެވެ. ކައިވެނިތައް ރޫޅުމުން ކުރިމަތިވާ މައްސަލަތައް ގިނަކަމުންނެވެ. މިރޭ މިއުޅެނީ އެކަންކަމުގެ ތަފްޞީލަށްދާކަށް ނޫނެވެ.
ކައިވެނި ރޫޅުން ގިނަވަމުންދާ ކަމުގެ ވާހަކަ އެންމެންވެސް ދައްކައެވެ. ކަންބޮޑުވުން ވެސް ފައުޅުކުރެއެވެ. އަހަރެންގެ އޮތީ ހަމަ އެންމެ ސުވާލެކެވެ. ދެމީހުންވެސް ﷲ ތަޢާލާއަށްޓަކައި ލޯބިވެގެން ކުރެވުނު ކައިވެންޏެއް ރޫޅިގެން އުޅޭ ކަމުގެ ވާހަކަތައް އަޑުއެހިން ހެއްޔެވެ؟ އިވިފައިވާނަމަ އެކަން ވާނީ ހަމަ ހާހަކުން އެންމެ އެކަކަށެވެ. މާނައަކީ އެކަން އެގޮތަކަށް ނުވާނެއެވެ! އިން ޝާ ﷲ
ކައިވެނިތައް ރޫޅެމުން މިދަނީ ކައިވެނިކުރާ ސަބަބަކީ ދުނިޔަވީ ސަބަބުތައް ކަމުގައި ހަދާތީއެވެ. ގައިގެ ކުލައަށާއި ބުރުސޫރައަށާއި މުއްސަނދިކަމަށާއި ޢާއިލީ ނިޞްބަތް ފަދަ ކަންކަމަށް ބަލައިގެން ކައިވެނިތައް ކުރާތީއެވެ.
ކައިވެނި ދަމަހައްޓަން ބޭނުން ނަމަ އަދި ކައިވެނީގެ ފޮނިމީރުކަން ލިބެން ބޭނުންނަމަ ކުރެވޭ ކައިވެނިތަކަކީ ހަމައެކަނި ދުނިޔޭގެ އެދުންތައް ހާޞިލުކުރަން ކުރެވޭ ކަމެއް ކަމަށް ނުހަދާށެވެ. ދުނިޔަވީ ސަބަބުތަކަށްޓަކައި ކައިވެނި ކުރުމުގެ ބަދަލުގައި ﷲ ތަޢާލާ އަށް ލޯބިން ކުރާ ކައިވެނިތަކަކަށް ހަދާށެވެ. އެކަން ކުރެވޭނީ ބޭރުފުށުގެ ސިފަތަކަށް ބެލުމުގެ ބަދަލުމުގައި ތަޤްވާވެރިކަމަށް ބަލައިގެން ކައިވެނި ކުރުމުންނެވެ.
ވިސްނާށެވެ! މުއްސަނދިކަން ގެއްލޭނެއެވެ. ބުރުސޫރަ އާއި ސިފަތައްވެސް ގެއްލޭނެއެވެ. ހަށިގަނޑުގެ ރީތިކަންވެސް ގެއްލޭނެއެވެ. ނަމަވެސް ތަޤްވާވެރިކަމަކީ އެމީހަކު ދަމަހައްޓަން ބޭނުންހައި ދުވަހަކު ދެމެހެއްޓޭނެ ކަމެކެވެ. އެމީހަކު ދޫކޮށްލުމުން ނޫނީ ގެއްލިގެން ނުދާނެއެވެ.
ކައިވެންޏަކީ ހަޔާތުގެ އެންމެ މުހިންމު އަސާސްއެވެ. ވީމާ ކައިވެނިކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ތަޤްވާވެރިކަމަށެވެ. ކައިވެނީގެ ބައިވެރިޔާއަކީ ތަޤްވާވެރިއަކު ކަމުގައި ނުވެއްޖެ ނަމަ ކުރިމަތިވާނެ މައްސަލަތައް ވަރަށް ގިނައެވެ. ސަބަބަކީ ދެމަފިރިންކުރެ އެކެއްގެ ކިބައިގައި ނަމަވެސް ތަޤްވާވެރިކަން ނެތިއްޖެނަމަ އާޚިރަތް ކާމިޔާބުކުރަން ކުރަންޖެހޭ ކަންކަމަށް ހުރަސްއެޅި މުޅިން ފޭލްވެގެން ހިނގައިދާނެތީއެވެ، ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން