ގިނަގިނައިން ފާފަ ފުއްސެވުން އެދި ދަންނަވަންޖެހޭ ސަބަބާއި އެކަމުގެ ފައިދާ ވަނީ ގިނަ ބައަކަށް އޮޅިފައެވެ. ޙަޤީޤަތަކީ ފާފައެއް ކުރެވުމުން އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ފާފަ ފުސއސަވައި ދެއްވެވުން އެދި ދެންނެވުމުން އެކަން އެއޮތީ ނިމިފައެވެ. އެމީހެއްގެ ފާފަ ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
ދެން އޮތީ ފާފަފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެންނެވުމުން ކުރާނެ ފައިދާއެވެ. ތައުބާވެ ފާފަނުކޮށް ހުންނަ ޙާލުގައިވެސް ފާފަ ފުއްސަވައިދެއްވެވުން އެދި ގިނަގިނައިން ދެންނެވުމަކީ އެކަމުގެ ސަބަބުން އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލި މަތިވެރިވަމުންދާނެ ސަބަބެކެވެ. އަދި އެމިހާގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ. ވީމާ ތިމާގެ ބޭނުންތައް ފުދި އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ މަތިވެރިކުރަން އެދޭމީހާ ތައުބާވުން ގިނަކުރާށެވެ.
ވިސްނައިލާށެވެ! ރަސޫލް ﷺ ގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާފައިވާކަން ރަނގަޅަށް އެނގިވަޑައި ހުންނަވައިގެންވެސް ކޮންމެ ދުވަހަކު 70- 100 ފަހަރު ތައުބާވެވަޑައިގަންނަވަމުން ގެންދެވީ އެކަމުގެ މުހިންމުކަން އުންމަތަށް ބަޔާކޮށްދެއްވެވުމަށެވެ. އެކަން އަހަރެމެންވެސް ކުރަންވާނެއެވެ.
ކޮންމެ ނަމާދެއް ނިމިގެން އަހަރެމެން 3 ފަހަރު އަސްތަޣްފިރުﷲ ކިޔައި ފާފަ ފުއްސަވައި ދެއްވެވުމަށް އެދެމުއެވެ. އަހަރެން ބުނާނީ ނަމާދުކޮށް، ޛިކުރުކޮށް ނިމިގެން މިސްކިތުނަ ފައިބާއިރުވެސް އަސްތަޣްފިރުﷲ ކިޔަމުން ފައިބާށެވެ. އެއިރުން އެއްވެސް ބުރަކަމަކާއި ނުލައި ކޮންމެ ދުވަހަކު 100 ފަހަރު ކިޔޭނެތީއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން