ދަރިން ލިބުމުން ދަރިންނަށް ނަން ކިޔާފައިވެސް ދުޢާ ކުރަން ހަނދާންކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދަރިން ލިބުމުން ދަރިންނަށް ނަން ކިޔާފައިވެސް ދުޢާ ކުރަން ހަނދާންކުރަންވާނެ!

ދަރިން ލިބުމުން އެއީ ލިބުނު ބޮޑު ނިޢުމަތެއްކަމާއިމެދު ވިސްނާ މީހުން މަދެވެ. އެކަން އެހެން އެވަނީ ގިނަ ބައަކަށް ދަރިން ލިބޭތީ އެއީ ޢާންމު ކަމެއްކަމަށް ދެކެވޭތީއެވެ. ނަމަވެސް ޢަދަދު މަދުނަމަވެސް ދަރިން ނުލިބޭ އެތައް ބައަކު އެބަތިއްބެވެ. އެމީހުންގެ ތެރޭގައި ތިމާ ނުހިމެނުނުކަން އެއީ ދެއްވެވި ކިހާބޮޑު ނިޢުމަތެއް ކަމާއިމެދު ވިސްނާނަމަ ކުރިން މިބުނި ވިސްނުން އެހެން ގޮތަކަށް ބަދަލުވެގެންދާނެއެވެ. ދެއްވެވި ނިޢުމަތަށް ޝުކުރުވެރިވާން އަވަސްވެގަންނާނެއެވެ.

ދަރިންނަކީވެސް ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅަކަށް އެކަލާނގެ ކަނޑައަޅުއްވަވާ ޢަދަދަކަށް ދެއްވަވާ ނިޢްމަތެކެވެ. އަދި ދަރިންނަށް ނަންކިޔާނެ ފުރުޞަތު ލިބުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެކެވެ. ވީމާ ދަރިން ލިބުމުން ވެސް ދުޢާކުރަންވާނެއެވެ. އަދި ދަރިންނަށް ނަން ކިޔާފައި ވެސް ދުޢާކުރަންވާނެއެވެ.

އެ ދަރިފުޅަކީ ހެޔޮލަފާ ޞާލިޙް އަޅަކުކަމުގައި ލައްވަވައިދެއްވެވުން އެދިއެވެ. އެހެނީ ތިމާއަށް ދެއްވަވާ ކޮންމެ ނިޢްމަތެއް ދެއްވެވުމުންވެސް ﷲ ތަޢާލާއަށް ޙަމްދުކޮށް ޝުކުރުވެރިވެ ދުޢާކުރުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެކެވެ.

މީގެ މާނައަކީ އެއަށްފަހު ދަރިންގެ މައްޗަށް ހެޔޮ ދުޢާ ނުކުރުމެއް ނޫނެވެ. ދަރިންގެ މައްޗަށް ގިނަގިނައިން އަބަދުވެސް ހެޔޮ ދުޢާކުރަންވާނެއެވެ.

ދަރިންނަކީ ހެޔޮ ލަފާ ޞާލިޙް އަޅުން ކަމުގައި ވުމަކީ ތިމާއަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢްމަތެވެ. އެހެނީ ތިމާ މަރުވުމަށްފަހު ތިމާއަށް ފައިދާ ކުރާނެ މަދު ކަންކަމުގެ ތެރޭގައި ޞާލިޙް ދަރިންގެ ހެޔޮ ދުޢާ ހިމެނޭތީއެވެ.

ކަން މިހެން އޮތް ނަމަވެސް ބައެއް އެހެން ދީންތަކުގެ މީހުން އަމަލުކުރާފަދައިން ދަރިން ލިބުމާއި ދަރިންނަށް ނަން ކިޔުމަކީ މުނާސަބަތަކަށް މުސްލިމުންގެ ތެރެއިންވެސް ބައަކު ހަދައިފިއެވެ. މުނާސަބަތުތައް ފަށައި ފާހަގަކޮށް ނިންމައިލާއިރުވެސް ﷲ ތަޢާލާގެ މަތިން ހަނދުމަވެސް ނުކުރެއެވެ.

އެގޮތަށް އެކަން ނުކުރާށެވެ! ދަރިއަކު ލިބުމުން ތަނަވަސްކަން ހުރިނަމަ އުފާފައުޅުކުރުމުގެ ގޮތުން ކިތަންމެ ބޮޑު ހަފްލާއެއް ބޭއްވި ނަމަވެސް ﷲ ތައާލާގެ މަތިން ހަނދުމަކުރުމާއި ﷲ ތަޢާލާއަށް ދުޢާކުރުން ހަނދާން ނައްތައިނުލާށެވެ! ބަރަކާތް އިތުރުވާނީ ދުޢާކުރުން ގިނަކުރިވަރަކުންނެވެ!

--މަޢުލޫމާތު: ޝައިޚް މުޢިއްޒު ބުޚާރީގެ ދަރުސަކުން

މިއަދު އޮންލައިން