ތިބާގެ ކިބައި މިސިފަ ހުރެއްޖެނަމަ ތިބާއަކީ ކިތަންމެ ގިނަ އަޅުކަންކޮށް ކިތަންމެ ގިނަ ހެޔޮކަން ހިފައިގެން ދިއަ ނަމަވެސް ޤިޔާމަތް ދުވަހު ފޭލްވާނެ މީހުންގެ ތެރޭގައި ހިމެނިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ތިބާގެ ކިބައި މިސިފަ ހުރެއްޖެނަމަ ތިބާއަކީ ކިތަންމެ ގިނަ އަޅުކަންކޮށް ކިތަންމެ ގިނަ ހެޔޮކަން ހިފައިގެން ދިއަ ނަމަވެސް ޤިޔާމަތް ދުވަހު ފޭލްވާނެ މީހުންގެ ތެރޭގައި ހިމެނިދާނެ!

ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ އެއްބައަކީ ދުނިޔޭގައި ވަރަށް ގިނަ ހެޔޮ އަމަލުތައްކޮށް ޤިޔާމަތް ދުވަހު ބޮޑެތި ފަރުބަދަތައް ވަރުގެ ގިނަ ހެޔޮކަންތައްތައް ހިފައިގެން ދިއުމުން، އެޢަމަލުތައް ޤަބޫލުފުޅު ނުކުރެއްވެވުމުން ފޭލްވެ ނަރަކައަށް ވަންނަން ޖެހޭނެ މީހުންނެވެ. އެޙާލަތުކުރިމަތިވާނެ ގިނަ ބައަކު ތިބޭނެއެވެ.

އެމީހުން ކުރި ނަމާދުތަކާއި ކިޔެވި ކީރިތި ޤްރުއާނާއި ކުރި ޞަދަޤާތާއި ކުރި އެހެނިހެން އަޅުކަންތައް ގިނަކަމުން ބޮޑެތި ފަރުބަދަތައް ވަރުގެ ބޮޑެތި ފުނިތައް އެމީހުންނާއިއެކުގައި ވާނެއެވެ. ނަމަވެސް ހިސާބު ބެއްލެވުމުގެ ވަގުތުގައި އެ ފުނިވަރުތައް އަޅިތަކެއް ފަދައިން ވަޔަށް ބުރައިގެންދާނެއެވެ. އެއިން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

ކީއްވެގެން ހެއްޔެވެ؟ އެމީހުން އަޅުކަންކުރީ މީސްތަކުންގެ ލޯތަކަށް ދައްކައި މީސްތަކުންގެ ތަޢްރީފް ހޯދަން ކަމުގައިވާތީއެވެ. އެހެންކަމުން އެކުރި ހުރިހައި އަމަލެއް ހިމެނިގެންދާނީ ދެއްކުންތެރިކަމުގެ އަމަލުތަކުގެ ގޮތުގައިކަމަށްވާތީއެވެ. ދެއްކުންތެރި ކަމުގެ ގޮތުގައި ކުރާ އެއްވެސް ހެޔޮ އަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ.

އެފަދަ މީހުން އެކަންކަން ކުރަން ދުނިޔޭގައި ތަކްލީފްވެސް އުފުލިއެވެ. އަތުން ޚަރަދުވެސް ކުރިއެވެ. ވަގުތުތައްވެސް ހޭދަކުރިއެވެ. މަސައްކަތްތަކެއްވެސް ކުރިއެވެ. ނަމަވެސް މިހުރިހައި ކަންކަމާއިއެކުވެސް އެމީހުންގެ އަމަލުތައް ވަޔަށް ބުރައިގެން އެދަނީ ދެއްކުންތެރިކަން އެމީހާގެ ހިތުގައި އޮތީތީއެވެ.

ވީމާ ދެއްކުންތެރިކަމާއި ކައިރިވެސް ނުވާށެވެ! ދެއްކުންތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި ނުބާއްވާށެވެ! އަހަރެމެން ކުރާ ކޮންމެ ކަމެއް ކުރަންވީ ﷲ ތައާލާއަށް ދެއްކުމަށެވެ. އަހަރެމެން ކުރާ ކޮންމެ ކަމެއް ކުރަންވީ ހެޔޮ އަމަލުގެ ފޮތުގައި މަލާއިކަތުން ލިޔުއްވެވުން އެދިގެންނެވެ. ވީމާ ދެއްކުންތެރިކަމުގެ ވިސްނުންވެސް ހިތަށް ނުގެންނާށެވެ! ހިތަށް އައިނަމަވެސް އަވަހަށް ތައުބާވާށެވެ! އެފަދަ ކަމެއް ހިތަށް އެރީތީވެސް ރޮއި ހިތާމަކުރާށެވެ! ނޫންނަމަ ތިމާ ހިމެނިގެންދާނީ ގެއްލެނިވެ ނަރައަށް ދާން ޖެހޭނެ މީހުންގެ ތެރެއިން ކަމުގައި ވެދާނެތީ ބިރުވެތިވާށެވެ!

ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި މީސްތަކުންގެ ސަމާލުކަން ހޯދުމަށްޓަކައި އަގުބޮޑު ރިވެތި ފޭރާން ލުމަކީވެސް ދެއްކުންތެރި ކަމުގެ ޢަމަލެކެވެ. ތިމާ އެކަމުގެ ސަބަބުން ފާފަވެރިވާނެ ކަމެކެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން