ބޮޑު ބައްޔެއް ޖެހިފައިވާކަން އެނގިއްޖެނަމަ އަހަރެމެންނަށް ޢާންމުގޮތެއްގައި ކުރެވޭ ކަމަކީ ކަންބޮޑުވެ ހިތާމަކުރުމެވެ. ނަމަވެސް އަހަރެން ބުނާނީ ކިތަންމެ ބޮޑު ބައްޔެއް ޖެހިފައިވާކަން އެނގުނު ނަމަވެސް ކަންބޮޑުނުވެ އުފާކުރާށެވެ!
މިޘާލަކަށް މީހަކަށް ކެންސަރުޖެހިފައިވާކަން އެނގުނީ 4 ވަނަ ސްޓޭޖަށް ދިއަފަހުންނެވެ. އެހިސާބުން ގިނަ މީހުންނަށް ގޮތްހުސްވެއެވެ. ކުރާނެ ނުކުރާނެ ކަމެއް ނުއެނގިގެން ތެޅިފޮޅެވެއެވެ. އަހަރެން ބުނާނީ އެހާލަތުގައިވެސް ކަންބޮޑުވެ ރޮއި ހޮތާމަކޮށް ނުހެދުމަށެވެ.
އެއީ ކީއްވެގެންކަންވެސް ބުނެދޭނަމެވެ. މިސާލަކަށް އެކްސިޑެންޓެއްގައި ނުވަތަ ހާޓް އެތޭކެއްޖެހިގެން މަރުވާ މީހުން އެމަރުވަނީ ކުއްލިއަކަށެވެ. ތައުބާވުމަށްވެސް ފުރުޞަތު ނުލިބިއެވެ. ނަމަވެސް އެމީހަކަށް ނުރައްކައުތެރި ބޮޑު ބައްޔެއް ޖެހިފައިވާކަން އެނގުމަކީ ތައުބާވެ މަރަށް ތައްޔާރުވާން ފުރުޞަތުލިބޭ ކަމެކެވެ.
އަދި ކީއްހެއްޔެވެ؟ ބަލީގެ ޙާލަތު ހުންނަގޮތުން މަރުވާނެކަމަށް ޑޮކްޓަރުން ބުނާ މުއްދަތުގައި މަރުނުވެ އެއިގެ ފަހުން އެތައް ދުވަހެއް ފާއިތުވެ އަހަރުތައް ފާއިތުވަންދެންވެސް ގިނަ ބައަކު ދުނިޔޭގައި ތިބެއެވެ. އެކަމުން އެނގެނީ ކޮންމެ މީހެއްގެވެސް ފުރާނަ ހިއްޕަވާނެ ވަގުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމެވެ. އެކަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމެވެ. ޔަޤީންކުރަންވީ ކަމަކީ ކޮންމެ މީހަކުވެސް މަރުވާނީ އެމީހަކު ދުނިޔޭގައި ހުރުމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަޤުތު ޖެހުމުންނެވެ. (ޢުމުރު ހަމަވުމުންނެވެ.) އެއީ ޖެހޭ ބައްޔަކާއި ގުޅިފައިވާ ކަމެއް ނޫނެވެ.
މިބަހުގެ މާނަ އޮޅުވައިނުލާށެވެ! މިބުނަނީ ޞިއްޙަތަށް ގެއްލުން ލިބޭނެ ކަންކަން ކުރާކަށް ނޫނެވެ. ފުރާނައަށް ނުރައްކައުވާނެފަދަ ޢަމަލުތައް ކުރަމުން މަރުވާނީ ޢުމުރުހަމަވުމުން ކަމަށް ބުނެފި ނަމަ އެއީ ބުނެވޭ ވަރަށް ނުބައި ބަހެކެވެ. ދުޢާކުރުމުން އިރާދަ ކުރައްވަވާ އަޅަކަށް ޢުމުރު ދިގުކޮށް ދެއްވަވަތެވެ. ޢުމުރު ކުރެއްވެވުމަށްވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. ވީމާ ފުރާނައަށް ނުރައްކައުވާފަދަ ކަންކަން ކުރަމުން ޤަޟާޤަދަރާ ހަމަކުރުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ.
ވީމާ ކިތަންމެ ބޮޑު ބައްޔެއް ޖެހިފައިވާކަން އެނގުނު ނަމަވެސް ދެރަވެ މާޔޫސްނުވާށެވެ! އެންމެ ފަހު ނޭވައާއި ހަމައަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައިނުލާށެވެ! މިންވަރަށް އީމާންވުމަކީ އެއީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން