ކައިވެންޏާއިމެދު ޣާފިލް ނުވާށެވެ! އެއީ ﷲ ތަޢާލާ ދެއްވަވާ ވަރަށް ބޮޑު ނިޢުމަތެކެވެ.
ކޮންމެ މީހަކީވެސް ޤިޔާމަތް ދުވަހު ސުވާލުކުރެއްވޭނެ މީހެކެވެ. އެގޮތުން ކޮންމެ ރަސޫލްބޭކަލަކާއިވެސް ސުވާލު ކުރެއްވެވޭނެތެވެ. ކުރެއްވޭނެ ސުވާލުތަކުގެ ތެރޭގައި އެމީހަކަށް ﷲ ތަޢާލާ މިންވަރު ކުރެއްވެވި ކޮންމެ ނިޢްމަތަކާއިމެދު ވެސް ސުވާލުކުރެއްވޭނެއެވެ. ވީމާ ތަންކޮޅެއް ފުންކޮށް ވިސްނައިލަމާ ހެއްޔެވެ؟
އިންސާނާއަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކުގެ ތެރޭގައި ކައިވެނީގެ ދިރިރއުޅުންވެސް ހިމެނެއެވެ. ވީމާ ކައިވެނީގެ ދިރިއުޅުން ހޭދަކުރި ގޮތުގެ ޒިންމާވެސް އުފުލަން ޖެހޭނެއެވެ. ވަކިމީހަކު ނޫނެވެ. ދެމަފިރިންނެވެ. ވީއިރު ސުވާލަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވެވޭ ގޮތަށް ދެމްފިރިންގެ ގުޅުމާއި ޢާއިލީ ޒިންމާ އުފުލަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ އިންޞާފުވެރިކަމާއި ލޯތްބާއިއެކު އަމަލުކުރަނީ ކިތައް މީހުން ހެއްޔެވެ؟ ޙަޔާތުގެ ބައިވެރިޔާގެ ޙައްޤުތައް ހިމާޔަތްކޮށް އަދުލުވެރިވަނީ ކިތައް މީހުން ހެއްޔެވެ؟
މިކަމާއި ގުޅިގެން ޝައިޚް ނިމާލް މުޙައްމަދު ވިދާޅުވެފައިވެއެވެ.
"ތިމަން ﷲ މިވެނި މީހަކާ ތިބާ ކައިވެނިކޮށް ނުދެއްވަމުހެއްޔެވެ؟" ﷲ ތަޢާލާ ޤިޔާމަތް ދުވަހުން ސުވާލުކުރައްވަވާނެއެވެ. އެކަމުން އެނގިގެންދަނީ ކައިވެންޏަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއް ކަމާއި އެ ނިޢްމަތް ބޭނުންކުރި ގޮތަކާއިމެދު ޤިޔާމަތް ދުވަހުން ސުވާލު ކުރައްވަވާނެ ކަމެވެ. އަދި ކައިވެނި ކުރަން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް ކައިވެނި ނުކުރެވިތިބި އެތައް މިލިއަން މީހުން ދުނިޔޭގައި ތިބިކަމީވެސް މިކަމުގެ ހެއްކެކެވެ.
ކައިވެނީގެ ބައިވެރިޔާ އިޚްތިޔާރުކުރަނީ އަމިއްލައަށެވެ. އެހެންކަމާއިއެކުވެސް ބައިވެރިޔާ އިޚްތިޔާރުކުރާއިރު މިނިޢްމަތް އެންމެ ރަނގަޅު ގޮތުގައި ދެމެހެއްޓޭނެ ގޮތްތަކަށް ވިސްނައިގެން ބައިވެރިއަކު އިޚްތިޔާރުކުރަން އެބަ ޖެހެއެވެ. ހަމައެއާއިއެކު ވެސް އަނބިމީހާ އަދި ފިރިމީހާ ނަމަވެސް ނަމާދުނުކޮށް، ތަޤްވާވެރިކަން ކުޑަވާނަމަ އެކަންކަން އިޞްލާޙްކުރަން މަސައްކަތް ކުރުމަކީވެސް މިނިޢްމަތަށް ޝުކުރުވެރިވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަޅުގަނޑުމެންނަށް ދެއްވަވާ ކޮންމެ ނިޢްމަތަކާއިމެދުވެސް ބަރާބަރަށް ސުވާލުކުރެވޭނެއެވެ. އެސުވާލުތަކަށް ދޭނެ ޖަވާބެއް ބަރާބަރަށް ތައްޔާރުކޮށްފައި ބާއްވަން ޖެހޭނެއެވެ. ވީމާ ކޮންމެ މީހަކުވެސް އެމީހެއްގެ ޢަމަލުތައް ބަހައްޓަންޖެހޭނީ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވެވޭނެ ގޮތަށެވެ. މިކަމުގައި އަންހެނުންނެއް ފިރިހެނުންނެއް ތަފާތެއް ނެތެވެ. ޖަވާބުދާރީވުމަކީ ކޮންމެ މީހަކަށްވެސް ކުރަންޖެހޭނެ ކަމެކެވެ.
--ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން