ދަރިންނަށްޓަކާ ތަޤްވާވެރި ބައިވެރިއަކު ހޯދާފަ ތިމާ ތަޤްވާވެރިނުވީމާ ކުރާނީ ކޮން ފައިދާއެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ދަރިންނަށްޓަކާ ތަޤްވާވެރި ބައިވެރިއަކު ހޯދާފަ ތިމާ ތަޤްވާވެރިނުވީމާ ކުރާނީ ކޮން ފައިދާއެއް؟

ތަޤްވާވެރި އަންތބަކު ހޯދަންޖެހޭ އެންމެ ބޮޑު އެއް ސަބަބުގެ ގޮތުގައި އަހަރެން ފާހަގަކުރާނީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމެވެ. އެހެނީ މައިމީހާއަކީ ތަޤްވާވެރިއަކު ކަމުގައި ނުވެއްޖެ ނަމަ މުސްލިމް ވަންތަ ކުދިންގެ ގޮތުގައި ދަރިން ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. އިސްލާމް ދީނަށް ލޯބިކުރާ ބައެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތެއް ނުކުރެވޭނެއެވެ.

މިވާހަކަ މިހެންދައްކާއިރު ބައްޕަގެ ވާހަކަވެސް އެބަ ދައްކަން ޖެހެއެވެ. ބައްޕައަކީ ވެސް ތަޤްވާވެރިއަކު ކަމުގައި ނުވާނަމަ މަންމަ އެކަނި ތަޤްވާވެރިވެގެން ދަރިން ތަރުބިއްޔަތުކުރަން ބޮޑެތި މައްސަލަތައް ކުރިމަތިވާނެތީއެވެ. ބައްޕައަކީ ތަޤްވާވެރިއެއް ކަމުގައިވެ އިސްލާމް ދީނުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަށް ދަރިންގެ މަންމައަށް އެއްބާރުލުން ދީ ބާރު ނުއަޅާނަމަ މަންމައަށް އެކަނި އެކަމެއް ނުކުރެވޭނެއެވެ.

ކައިވެނިކުރާއިރު ތަޤްވާވެރި އަންބަކު އިޚްތިޔާރުކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ފިރިހެންމީހާއެވެ. ސަބަބަކީ ލިބޭ ދަރިން އިސްލާމީ ވަންތަކަމުގައި ތަރުބިއްޔަތު ނުކުރެވިއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ފިރިމީހާއަށް ކަމުގައިވާތީއެވެ. ޢާއިލާގެ އެންމެ އިސްވެރިއަކީ ފިރިމީހާ ކަމުގައިވާތީއެވެ.

ހަމަ އެފަދައިން ދަރިން ލިބުމުން ތަޤްވާވެރިކަން އިތުރުކޮށް ދަރިންނަށް ނަމުނާ ދެއްކުމަކީ ބައްޕަގެ ވާޖިބެކެވެ. ފިރިން ފަދައިން އަނބިންވެސް މިކަމަށް ވިސްނަން ޖެހޭނެއެވެ. ތިމާއަށް ލިބޭ ދަރިންނަށް ތަޤްވާވެރި ބައްޕައަކު ނުދެއްކިއްޖެނަމަ އެކަމުގެ ހިތާމަކުރަންޖެހޭނެތީއެވެ.

ވީމާ ކައިވެނި ކުރުމުގެ ކުރިން މިކަންކަމަށް ފުރިހަމައަށް ވިސްނައިލުން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ކައިވެނީގެ ސަބަބުން ދުނިޔޭގައި ލިބިގެންދާ އުފަލަކީ ޢާޚިރަތް ދުވަހު ތިމާ ފޭލްވެގެން ހިނގައިދާނެ ސަބަބެއް ކަމަށްވެދާނެ ކަމާއިމެދު ބިރުވެތިވާށެވެ! އެފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ ލިބޭނެ ދެރަ ދުނިޔޭގައި ލިބުނު އުފަލަށްވުރެ މާ ހިތިވެގެން ހިނގައިދާނެ ކަމަށް ބިރުވެތިވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން