ބޭނުންވާ ހިތްހަމަޖެހުމާ އުފާވެރިކަން ނުލިބިގެން ކަންބޮޑުވާ ގިނަ މީހުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގަ ފޭލްވެފަ ތިބޭ ބައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބޭނުންވާ ހިތްހަމަޖެހުމާ އުފާވެރިކަން ނުލިބިގެން ކަންބޮޑުވާ ގިނަ މީހުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގަ ފޭލްވެފަ ތިބޭ ބައެއް!

ވަކި މީހެއް ނުބަލައި އެންމެންނާއި ސުވާލުކޮށްގެން ބެލިނަމަވެސް އުފަލުން ހިތްހަމަޖެހިގެން ހުރިމީހަކު ވަރަށް މަދުވާނެއެވެ. ކޮންމެ މީހަކުވެސް އުޅޭނީ ކޮންމެވެސް ކަމަކާއިމެދު ހިތްހަމަނުޖެހިގެންނެވެ. ކޮންމެވެސް ކަންބޮޑުވުމެއްގެތެރޭގައެވެ.

ދެން ބަލައިލަންވީ އެމީހުން ނަމާދުކޮށް ޤުރްއާން ކިޔަވާތޯއެވެ! ﷲ ތަޢާލާގެމަތިން ހަނދުމަކުރޭތޯއެވެ. ޛިކުރުކުރޭތޯއެވެ. ރޭއަޅުކަންކުރޭތޯއެވެ. މިކަންކަމަށް ބަލައިފިނަމަ އެފަދަ ގިނަމީހުންނަކީ މިބުނި ކަންކަންކުރާ ބައަކަށް ނުވާނެއެވެ. އެމީހުންގެ ކަންބޮޑުވުން ފިލުވޭތޯ މަސައްކަތްކުރާނީ ކޮންމެވެސް އެހެން ކަންތައްތަކެއް ކޮށްގެންނެވެ.

އެކަމަކު ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބުންވަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ﷲ ތަޢާލާގެމަތިން ހަނދުމަކުރުމުންކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާކަން ނުއެނގޭ ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ވަޙީބަސްފުޅާއި ދެކޮޅަށް ކަންކަންކުރާ މީހަކަށް އޭނާގެ މައްސަލަތައް ޙައްލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ހިތަށް ހަމަޖެހުން ނުލިބިގެން، އުފާވެރިކަން ނުލިބިގެން އަންނަ މީހުން ގާތު އެމީހުން ފަރުޟު 5 ނަމާދުކުރަންތޯ އާއި ކޮންމެ ދުވަހަކުވެސް ޤުރްއާން ކިޔަވަމުތޯ އާއި އެމީހުން ކީރިތި ޤުރްއާނާއި ގުޅުން ބާއްވަމުތޯ ސުވާލުކޮށްފިނަމަ މަދުމީހަކު ނޫނީ ބުނަނީ އެކަންކަން ނުކުރާކަމަށެވެ. އަހަރު ދުވަސްނިމިގެންދާއިރުވެސް ޚަތިމެއްވެސް ކޮށްނުލެވޭކަމަށެވެ. ދުވަހަކަށް އިރުއަރައި އޮއްސިގެންދާއިރު ޛިކުރުކުރަން ވަގުތުކޮޅެއް ނުލިބޭކަމަށެވެ. ރޭއަޅުކަން ނުކުރެވޭ ކަމަށެވެ. އަދި ގިނަ މީހުންނަށް އޮންނަނީ އެންމެ ކުޑަމިނުން ފަރުޟު 5 ނަމާދުވެސް ނުކުރެވިފައެވެ.

މީސްތަކުންނޭވެ! ހިތްހަމަޖެހުމާއި އުފާވެރިކަން ބޭނުންނަމަ މިއާދަތައް ބަދަލުކުރާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ މަގުން ހިތްހަމަޖެހުން ހޯދަން މަސައްކަތްކުރާށެވެ. މިއުންމަތުގެ ޞަޙާބީންނާއި ތާބިޢީ ބޭކަލުން އަމަލުކުރެއްވެވި ފަދައިން ޢަމަލުކުރަން މަސައްކަތްކުރާށެވެ! އެއިރުން ހަމަ އެބޭކަލުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ދެއްވެވި ފަދައިން އަހަރެމެންނަށްވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން