ގޭގަ ޤުރްއާން ކިޔަވާނަމަ ސިޙުރާ އެސްފީނާގެ މުޞީބާތްތަކުން ސަލާމަތްކުރައްވަވާ!: ޝައިޚް މުޙައްމަދު މަންސޫރު

އަހުމަދު
ކިޔުމަށް ހޭދަވާނީ 4މ 21ސ
ގޭގަ ޤުރްއާން ކިޔަވާނަމަ ސިޙުރާ އެސްފީނާގެ މުޞީބާތްތަކުން ސަލާމަތްކުރައްވަވާ!: ޝައިޚް މުޙައްމަދު މަންސޫރު

ލޮބުވެތި އަޚުން ކީރިތި ޤުރުއާން ކިޔެވުމަށް ޢަޒުމް ކަނޑައަޅަންވީ. މިކަހަލަ ދަރުސެއް ދިނުމުގެ ބޭނުމަކީ އަޅުގަނޑުމެން ކިތަންމެ މަދު ބޭފުޅުން މިތާ ތިއްބަސް މާދަމާ ހެނދުނު ﷲ އިރާދުކުރެއްވިއްޔާ އޮފީހަށް ދިޔުމުގެ ކުރިން އެއް ޞޮފްޙާ ކިޔަވާނަމޭ. ފެއްޓުމުގެ ގޮތުންވެސް އެއް ޞަފްޙާ ކިޔަވާލާނަމޭ. ކޮންމެ ދުވަހަކު ދެން ﷲ އިރާދުކުރެއްވިއްޔާ ދެން އަންނަ ހުކުރެއް އަންނަންވާއިރު، މާދަމާއަކީ ހުކުރުދުވަހޭ، މި ފެށިއްޔޭ އިރާދުކުރެއްވިއްޔާ، މި ޢަޒުމް ކަނޑައަޅަންވީ. ﷲ އިރާދުކުރެއްވިއްޔާ ކީރިތި ޤުރުއާން ޚަތިމް ކުރުމުގެ ޢަޒުމޭ މި ކަނޑައަޅަނީ. ކޮންމެ ނަމާދަކަށްފަހު 3 ޞޮފްޙާ ކިޔަވާނަމޭ. ހިތްވަރެއް ކޮށްލާނަމޭ. ދާނީ 5 ވަރަކަށް މިނެޓޭ. ދާނީ 10 މިނެޓޭ. ތިބާއަށް ވަގުތުވާ މިންވަރަކުން، ނިދުމުގެ ކުރިން ﷲ އިރާދުކުރެއްވިއްޔާ މުލްކު ސޫރަތް ކިޔަވާނަމޭ. 

މިރޭ މީ ކޮންރެއެއްތޯ؟ ހުކުރު ވިލޭރޭ ދެއްތޯ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ --- " މީހަކު ދަސްވެފަ ހުރިއްޔޭ 10 އާޔަތް." --- " ކަޙަފް ސޫރަތުގެ އެންމެ ފުރަތަމަ އާޔަތްތަކުން"  ދަސްވެފަ ހުރެއްޖެއްޔާ ކޮބައިތޯ --- ޞަޙީހު މުސްލިމްގެ ރިވާޔަތެއް. " އެމީހަކު ދައްޖާލުގެ ކިބައިން ރައްކާތެރިވެގެން ވެއެވެ." އަނެއް ރިވާޔަތުގައި އަންނަނީ ފިތުނައިން ރައްކާތެރި ވެގެން ވެއެވެ. މީހަމަ އެއް މާނައެއް މީ. މާނައަކީ ދައްޖާލުގެ ފިތުނައިން އެމީހަކު ރައްކާތެރިވެގެން ވެއެވެ. 

ލޮބުވެތި އަޚުން، އެހެންވީމަ އަޅުގަނޑުމެން ކީރިތި ޤުރުއާނަށް ސަމާލުކަން ދޭންވީ. މިއަދު އަޅުގަނޑަށް ކީރިތި ޤުރުއާން އުނގަންނައިދޭ މުދައްރިސަކާ އެއްކޮށް ވަގުތުކޮޅެއް ހޭދަކުރެވުނު. ވާރޭ ވެހެމުން ދިޔައީ. އެހެންވީމަ މަޑުޖެހިލައިގެން ތަނެއްގައި އިށިއިނދެލައިގެން މަޣްރިބްގެ ކުރިން އިށިއިނދެވުނު. އެބޭފުޅަކު ދަންނަވަނީ އެކިއެކި އާޔަތްތަކުގެ މާތް ކަމާއި މިކަންކަން އައިސްފައިވާތީ، އޭނައަކީ ކީރިތި ޤުރުއާން ގޭގަ އަބަދުހެން ކިޔަވާ މީހެއް. ދަރިންނަށް އުނގަންނައިދޭ މީހެއް. ދަންނަވަނީ އާއިލާގެ ވަރަށް ގިނަ ބޭފުޅުންނަށް ސިޙުރާއި އަދި އެކިއެކި ނުރައްކަތެރި އެކިއެކި ކަހަލަ ކަންކަން މެދުވެރިވެފައޭ ވަނީ ކުރީއްސުރެވެސް. އެކަމަކު މި އާއިލާގެ ތިމަންގެ އަންހެނުންނަށް މިކަމެއް އެގޮތަކަށް މެދުވެރިވެގެން ނުދެއޭ، އެހެން އެންމެންނަށް ދިޔަގޮތަށް.

އެއްފަހަރެއްގައި ޢިލްމުވެރިއަކާ، ރުޤްޔާ ކުރާ ބޭފުޅަކާ ސައުދީގެ ބޭފުޅަކާ ބައްދަލުވެ އެބޭފުޅުން އެހާހިސާބަށްވެސް ދިޔަ. އާއިލީ އެ ކަންކަމުގަ ވާހަކަ ދެއްކުމަށްޓަކާ، އެކަންކަން ހައްލު ކުރުމަށްޓަކާ. ބައްދަލުވެފަ ބުންޏޭ، ކީއްވެގެންހެއްޔޭ ތިބާ ކޮންކަމެއް ހެއްޔޭ ކުރަނީ. އެހިނދު އެމީހުން ބުންޏޭ، އެގޭގަ ވަރަށް ގިނައިން ކީރިތި ޤުރުއާން ކިޔަވާނެއޭ، އުނގަންނައި ދޭނެއޭ، އެ އަޑުތައް އިވޭނެއޭ. އެހިނދު ދެންނެވިއޭ، އެގެ ސަލާމަތްވެފަ އެހެރީ ކީރިތި ޤުރުއާނުގެ ސަބަބުންނޭ. 

އެހެންމަ ބައެއް ފަހަރު ޙަސަދަވެރިކަމާއި، ރުޅިވެރިކަމާއި، ސިޙުރައިގެ ކަންކަމުންވެސް މީހާ ރައްކާތެރިކޮށްދޭ އެއްޗެއް ކީރިތި ޤުރުއާނަކީ. ހަމައެކަނި ޤީޔާމަތްދުވަހެއް ނޫން. ދުނިޔޭގެވެސް އެތަކެއް ފަދާތަކެއް އަޅުގަނޑުމެންނަށް ލިބޭ ކީރިތި ޤުރުއާން ކިޔެވުމުން. ދުނިޔޭގަ އުޅޭއިރު އެތަކެއް ކަމެއް މެދުވެރިވެދާނެ. ހިތްހަމަ ނުޖެހޭ އެތަކެއް ބަޔަކުވެސް އުޅެދާނެ. މި ހުރިހާ ކަމަކުން މީހާ ރައްކާތެރިކޮށްދޭ ކަމެއް ކީރިތި ޤުރުއާން ތިލާވަތު ކުރުމަކީ. 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކިޔުއްވުމާ ބެހޭގޮތުން އިބްނު މަސްޢޫދު ވިދާޅުވެފައިވޭ، އެއީ މެދުމިނުގެ ކިޔެވުމެކޭ. އަކުރައް ދަންމަވާފައޭ ކިޔުއްވަނީ. މައްދަށް އޭގެ ޙައްޤު ދެއްވައޭ ކޮންމެ އަކުރަކަށް އޭގެ ޙައްޤު ދެއްވައޭ. އަދި އެ ކިޔުއްވާއިރު ބައެއް އަޞްޙާބު ބޭކަލުން ކިޔުއްވުމުގަ، ކިޔުއްވާލެއް ފުރިހަމަ ކަމުން އަސަރު ކުރާވަރުން ކީރިތ ކުރެއްވެނީ. --- މި ސޫރަތް ކިޔުއްވާއިރުވެސް ކިޔުއްވީމަ ބައެއް ބޭފުޅުންގެ ދެލޮލުން ކަރުނަ އޮހޮރިގެން ފައިބައިގެންދޭ.  

އެހެންމަ މީ އަޅުގަނޑުމެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވެ އެކަލޭގެފާނުގެ ސުންނަތަށް ޢަމަލު ކުރާނަމަ ކީރިތި ޤުރުއާން ތިލާވަތު ކުރުމަކީ މުހިއްމު ކަމެއް. އެންމެ ކުޑަ މިންވަރަކީ 40 ދުވަސް. މީ ޢިލްމުވެރިން ކަނޑައަޅާފަ އޮތް މިންވަރު. ނިކަން ބައްލަވާ އެވަރަށް މަސެއްކަތް ކުރެވިއްޖެއްޔާ އަޅުގަނޑަށް ބުނެވޭނެ އަޅުގަނޑު އެބަ މަސެއްކަތް ކުރަމޭ. އެކަމަކު ދުނިޔޭގެ އެތަކެއް ކަމެއްގައި، އެތަކެއް ފިލްމެއް ބަލާ، އެތަކެއް ވީޑިއޯއެއް ބަލާ، އެތަކެއް ސިޔާސީ ސައްލާކޮށް، އެތަކެއް ކޮފީއެއްގަ ވަގުތު ހޭދަކުރާއިރު ﷲ ގެ ކަލާމްފުޅުން ދުވާލަކު ބަލާލެވެނީ ކިހާވަރަކަށްތޯ؟  

ލޮބުވެތި އަޚުން، ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ހެޔޮގޮތް މިންވަރު ކުރައްވާ، އަޅުގަނޑުމެންނަކީ ކީރިތި ޤުރުއާނަށް ލޯބި ޖެހިފައިވާ ބައެއް ކަމުގައި ލެއްވުން. އަދި ކީރިތި ޤުރުއާން ތިލާވަތު ކުރުމުގެ ހެޔޮ ތަޢުފީޤު އަޅުގަނޑުމެންނަށް މުންވަރު ކުރެއްވުން. އަޅުގަނޑުމެންނަކީ ކީރިތި ޤުރުޢާނާޢި ގާތް ރައްޓެހި މިތުރެއް ކަމުގައި ލެއްވުން. ﷲ ސުބުޙާނަހު ވަތަޢާލާ މި ބަރަކާތްތެރި މަޖްލީހަށް ވަޑައިގެންނެވި އެންމެ ބޭފުޅުންގެ ކުއް ފާފަތައް ފުއްސަވާ ސުވަރުގެ ވަންތަ ވެރިން ކަމުގައި ލައްވާށި.

ވައްސަލާމް ޢަލައިކުމް މަރަޙްމަތުﷲ ވަބަރަކާތު.  

- ޝައިޚް މުޙައްމަދު މަންސޫރުގެ ދަރުސަކުން 

 

މިއަދު އޮންލައިން