ދުޢާކިޔުމާ ދުޢާކުރުން- ތަފާތު 2 ކަމެއް! ޢިޖާބަކުރައްވަވާނީ ދުޢާކުރުމުން!: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ދުޢާކިޔުމާ ދުޢާކުރުން- ތަފާތު 2 ކަމެއް! ޢިޖާބަކުރައްވަވާނީ ދުޢާކުރުމުން!: ޝައިޚް ޢަލީ ހައްމުދާ

ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިގެން ނުވަތަ ޢިޖާބަ ކުރެއްވެވުން ލަސްވެގެން ގިނަ ބައަކު އުޅޭއިރު އެމީހަކަށް ދުޢާ ކުރެވޭ ގޮތަކާއިމެދު އެންމެ ފަހަރަކުވެސް ވިސްނައިލެވޭ ހެއްޔެވެ؟

މީސްތަކުންގެ ތެރެއިން އެއް ބައަކީ ދުޢާ ކިޔާ މީހުންނެވެ. އެމީހުން ހަދާ ގޮތަކީ ފޯނުންނަމަވެސް ފޮތެއް ނުވަތަ ކަރުދާސްގަނޑެއްނަމަވެސް ނޫންނަމަ ކޮންމެވެސް އެއްޗެއް ބަލައިގެން ދުޢާތައް ކިޔަނީ އެވެ. އެކަންކުރާއިރު އެންމެ ކުޑަމިނުން ތިމާ މިކުރަނީ ކީއްކަންވެސް ހިތަކަށް ނާރުވައެވެ. ތިބެނީ ހިތަށް ކޮންމެވެސް އެހެން ކަންތައްތަކެއް އަރުވައި އެކންކަމަށް ޣާފިލުވެގެންނެވެ! އަދި ދުޢާތައް ހިތުދަސް މީހުންވެސް މިފަދައިން ޣާފިލުކަންމަތީގައި ތިބެ ދުޢާ ކިޔައެވެ.

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ދުޢާކުރުމަކީ އެގޮތަށް ކުރަން އޮތް ކަމެއް ނޫނެވެ. ދުޢާކުރުމަށްޓަކައި މީހާގެ ހިތް އެކަމަށްޓަކައި ޚާއްޞަކުރަންޖެހޭނެއެވެ. ހިތަށް މަޑުމޮޅިކަން ގެންނަން ޖެހޭނެއެވެ. މިކުރެވޭ ދުޢާއަށް ސަމާލުކަންދީ ހިތްމައްޗަށް ދުޢާ ގެންނަން ޖެހޭނެއެވެ. ޢަރަބި ބަހުން ދުޢާ ކުރާނަމަ ދުޢާގެ މާނަ ހިތްމައްޗަށް ގެންނަން ޖެހޭނެއެވެ. އަދި ދުޢާކޮށް ނިމިގެން ދުޢާ އިޖާބަކޮށްދެއްވެވުން އެދިވެސް ދުޢާކުރާށެވެ!

މީސްތަކުންނޭވެ! ދުޢާ ކުރުމަކީ ކަމަކަށް އެދި ﷲ ތައާލާގެ ޙަޟްރަތުގައި ދެންނެވުމެވެ. ވީމާ އެދޭ ކަންތައް ނުވަތަ ކަންތައްތައް ހިތް މައްޗަށް ނުގެނެވޭނަމަ ދުޢާކުރިކަމަށްވާނީ ކިހިނަކުން ހެއްޔެވެ؟ މީހަކު ބުނީތީ ލިޔުމެއް ކިޔައިލާ އުޞޫލުން އެއްވެސް ސަމާލުކަމެއް ނުދީ އެއްޗެއް ކިޔައިލުމަކީ ދުޢާކުރަން އޮތް ގޮތެއް ނޫނެވެ!

ހިތް އެހެންތަނެއްގައި ބާވައިގެން، އެހެންކަމަކަށް ޣާފިލުވެގެން ހުރެ ކުރާ ދުޢާ އިޖާބަ ނުކުރައްވަވާނެ ކަމަށް ރަސޫލް (ﷺ)ގެ ހަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ މިއީ އަހަރެމެން ކޮންމެ މީހަކުވެސް ދުޢާކުރާއިރު ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ.

--އުސްތާޛް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން