ތިބާގެ ވަށައިގެން ރަޙްމަތުގެ ގިނަ ދޮރުކޮޅުތަކެއް ހުޅުވިގެންދާން ބޭނުންނަމަ ސަމާލުކަންދޭންޖެހޭ 2 ކަންތައް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތިބާގެ ވަށައިގެން ރަޙްމަތުގެ ގިނަ ދޮރުކޮޅުތަކެއް ހުޅުވިގެންދާން ބޭނުންނަމަ ސަމާލުކަންދޭންޖެހޭ 2 ކަންތައް-: މުފްތީ މެންކް

ކޮންމެ މީހަކުވެސް ބޭނުންވާނީ އުފާވެރިކަމެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް މެއެވެ. އެކަން ޙާޞިލުކުރެވެން އޮތް ހަމައެކަނި ގޮތަކީ އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލެއްވެވުމެވެ. ވީމާ އެންމެ ބޮޑަށް މަސައްކަތްކުރަންވީ ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަދި ރަޙްމަތް ލައްވަވާ އަޅަކަށް ވުމަށެވެ.

އަހަރެމެން ކޮންމެ މީހަކުވެސް ވަރަށް ގިނަ ކަންކަމުގައި އަބަދުވެސް ގެންދަނީ ﷲ ތައާލާއަށް ދަންނަވަމުންނެވެ. ވަރަށް ގިނަ ބޭނުންތައް ފުއްދަވައި ދެއްވެވުން އެދި ދުޢާވެސް ކުރަމުންނެވެ ނަމަވެސް ކަންކަމަށް އެދި އަބަދު ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދާއިރު އަހަރެމެންގެ ތެރެއިން ޤަވާއިދުން ނަމާދުކުރަނީ މަދުމީހެކެވެ!

އަޖުމަ ބަލައިލަންވެސް ނިކަން ޤަވާއިދުން ފަރުޟު 5 ނަމާދު އަދާކުރަން ނިކަން ފަށައިބަލާށެވެ! ކޮންމެ ނަމާދެއްގެ ބަންގީގެ އަޑާއިއެކު މިސްކިތުގައި ހުރެބަލާށެވެ! ފަރުޟު ނަމާދާއިއެކު ކުރަން ހުރި ރަވާތިބު ސުންނަތްތައް ވެސް ކުރުމުގައި ސާބިތުވެބަލާށެވެ! ގިނަވެގެން 2 މަސް ދުވަސްވާއިރު ހަޔާތުން ބޮޑެތި ބަދަލުތައް ފެންނާނެއެވެ! ނުފުދިފައި ހުރި ގިނަކަންތައްތައް ފުދިގެންދާތަން ފެންނާނެއެވެ. އިން ޝާ ﷲ

އެހެނީ ނަމާދު ކުރުމުގައި ސާބިތުވުމަކީ އެމީހެއްގެ ވަށައިގެން ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވިގެންދާ ކަމެކެވެ. ނަމާދުކުރުމުގައި އިޚްލާޞްތެރިވީ މިންވަރަކުން ގިނަ ދޮރުކޮޅުތައް ހުޅުވިގެންދާނެއެވެ. އިން ޝަ ﷲ

ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވުމަށްޓަކައި ދެން އެންމެ މުހިންމު އެއްކަމަކީ ތިމާއަށް ކުރެވޭ ފާފަތައް ކުރުން ހުއްޓައިލުމެވެ. އެކަން މާދަމާއަށް މަޑު ނުކުރާށެވެ! މިއަދު އެކަން ކުރާށެވެ! އިޚްލާޞްތެރިވުމަކީ އެއީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް ބޭނުންވެގެން މިއުޅެނީ އަހަރެމެންނެވެ. ވީމާ ފުރަތަމަވެސް ދައްކައިދޭން ޖެހޭނީ އަހަރެމެންގެ އިޚްލާޞްތެރިކަމެވެ.

އެގޮތުން ކުރަން މިޖެހެނީ ދެކަމެކެވެ. އެއީ ބަރާބަރަށް ނަމާދުތައް ކުރުމާއި ފާފަ ނުކުރުމެވެ. މިދެބައި ފުރިހަމަކޮށްފި މީހަކަށް އެހެން ހެޔޮ އަމަލުތައް ދާނީ އޮޓޮމެޓިކުން ކުރެވެމުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން