ބައެއް މީހުން އެކަނިވާ ވަޤުތު ނުވަތަ އެކަނިހުރެ ވާހަކަދައްކައެވެ. އެތަން ފެނުމުން ބައެއް މީހުންނަށް ވިސްނެނީ އޭނާއަކީ މޮޔައަކު ކަމަށެވެ. ނުވަތަ ސިކުނޑީގައި އުނިކަމެއް ހުރި މީހަކު ކަމަށެވެ. ނަމަވެސް ޙަޤީޤަތް މުޅިން ތަފާތެވެ.
ހިތުގައި އުފެދޭ އުދާސްތައް ބޭރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނޫންނަމަ އެކަންކަމަށް ވިސްނެމުންގޮސް ނުބައި މަގަކުންވެސް ދެވިދާނެއެވެ. ނުބައި ނިންމުމެއްވެސް ނިންމިދާނެއެވެ.
އެހެންވެ ގިނަ މީހުން އެމީހުންގެ ކަންކަން އެކުވެރިންނަށް ޙިއްޞާކުރެއެވެ. އެކުވެރިންނަށް ޙިއްޞާކުރުމުން ރަނގަޅު ގޮތްވެސް މެދުވެރިވެއެވެ. އަދި ދެރަގޮތްވެސް މެދުވެރިވެއެވެ. އެހެނީ ގިނަ އެކުވެރިން ބަލާނީ އެޙާލަތުގައި ތިބާގެ ކިބައިން ކޮންމެވެސް ގޮތަކުން ނާޖާއިޒް ފައިދާއެއް ނެގުމަށެވެ. ރަނގަޅު ނަޞޭޙަތެއްދީ ތިބާއަށް އެހީތެރިވެދޭނީ މަދުމީހެކެވެ.
އެކަނިހުރެ ވާހަކަދެއްކުމަކީ ހިތުގެ އުދާސްތައް ބޭރުކޮށްލަން އެންމެ ފަސޭހަ އެއްގޮތެވެ. އަދި އެންމެ ފައިދާހުރި ގޮތްކަމަށްވެސް ބެލެވެއެވެ. އެއީ ގިނަ ފަހަރަށް އެކަން ވެފައި އޮންނަނީ އެކުވެރިން ގާތުގައި ކިޔައިދިނުމަށްވުރެ ފައިދާބޮޑުވެސް ގޮތަށް ކަމަށްވާތީއެވެ. ސަބަބަކީ ހަމަޔަޤީނުންވެސް ތިބާގެ ޙާލަތު އެނގިގެން އެހެން މީހަކަށް ނާޖާއިޒު ފައިދާއެއް ނުނެގޭނެތީއެވެ.
އާނއެކެވެ! ސކުނޑީގައި މައްސަލަ ހުންނަ މީހުންވެސް އެކަނި ތިބެ ވާހަކަދައްކައެވެ. ނަމަވެސް އެކަނި ހުރެ ވާހަކަދައްކާ ކޮންމެ މީހަކީ އެމީހާގެ ސިކުނޑީގައި މައްސަލައެއް ހުންނަ މީހެއްކަމަށް ބަލައިގެންނުވާނެއެވެ. ސަބަބަކީ އެކަނިހުރެ ވާހަކަދެއްކުން މިހާރު ވެފައިވަނީ ބުއްދިވެރިން އެމީހުންގެ ސިކުނޑިއަށް މައްސލަ ޖެހުނަ ނުދޭން ކުރާކަމަކަށެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ! ބައެއް ފަހަރު ބައިވެރިޔާ، ޚާއްޞަކޮށް އަނބިމިހާ އެކަނިހުރެ ވާހަކަދައްކާނަމަ އޭނާގެ ސިކުނޑިއަށް އެވަނީ މައްސަލައެއްޖެހިފައިކަމަށް ވިސްނެއެވެ. ވިސްނަންވީ އެގޮތަކަށް ނޫނެވެ. ވިސްނަންވީ އޭނާއަށް ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވެފައިވާ ކަމެވެ. މަސައްކަތްކުރަންވީ އެކަމެއް ދެނެގަނެ އެކަން ޙައްލުކުރަން އެހީތެރިވުމަށެވެ. އެއީ ތިބާގެ ފުށުން އަނބިމީހާއަށް ކުރިމަތިވެފައިވާ ޙާލަތެއް ނަމަ އަވަހަށް އަނބިމީހާ އެކަމުން ސަލާމަތްކޮށްދޭށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން