މުޞީބާތް ކުރިމަތިވުމުން ލިބޭ ފައިދާ އަހަރެމެންނަށް އެނގޭނަމަ ކަންބޮޑެއް ނުވާނެ! ޝުކުރުވެރިވެ އުފަލުން ހިތް ފުރޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މުޞީބާތް ކުރިމަތިވުމުން ލިބޭ ފައިދާ އަހަރެމެންނަށް އެނގޭނަމަ ކަންބޮޑެއް ނުވާނެ! ޝުކުރުވެރިވެ އުފަލުން ހިތް ފުރޭނެ!

ރަނަކީ އެންމެން އެންމެ ބޮޑަށް ބޭނުންވާ އެކައްޗެވެ! އެންމެ އަގުބޮޑު އެކައްޗެކެވެ. ނަމަވެސް ރަން ރަނަށްވަނީ އިންތިހާއަށް ގަދަ ހޫނުގައި ހޫނުކޮށްގެންނެވެ. ރަނަކީ ރަންކަމަށްވެ އަގު އަރައިގެންދަނީ ހޫނުކޮށް ރަނަށް ހެދުމުންނެވެ.

މީސްތަކުންނަށް ކުރިމަތި ކުރައްވަވާ މުޞީބާތްތަކަކީ ވެސް ހަމަ މިފަދައިން ހިނގާ ކަމެކެވެ. މުޞީބާތުގައި ކެތްތެރިވެ ފާސްވެއްޖެ ނަމަ އެމީހާގެ އީމާންތެރިކަން އެތައް ގުނައަކަށް ވަރުގަދަވެގެންދާނެއެވެ.

މުޞީބާތަށް ކެތްތެރިވުމަކީ ހާދަ ގިނަ މާކްސްތަކެއް އެމީހަކަށް ލިބިގެންދާ ކަމެކެވެ. ދަރަޖަ މަތިވެރިވެގެންދާ ކަމެކެވެ. މުޞީބާތެއް ކުރިމަތި ނުކުރައްވަވާނަމަ މުޞީބާތަށް ކެތްތެރިވުމުގެ މާރކްސް އެމީހަކަށް ނުލިބޭނެއެވެ. އެކަމުގެ ސަބަބުން އެމީހެއްގެ ދަރަޖަ އުފުލިގެނެއްވެސް ނުދާނެއެވެ.

ތިބާ ކުރިއަށް ގޮސްގޮސް ހުއްޓައި މަގު ބަންދުކުރައްވަވައިފާނެއެވެ. އެއިގެ މާނައަކީ އެއަށްވުރެ ރަނގަޅު މަގެއް، ތިބާއަށް މާ ފައިދާ ބޮޑު މަގެއް އޮންނާނެ ކަމެވެ. މަސައްކަތްކުރަންވީ އެ މަގު ހޯދުމަށެވެ.

ކުރަން އުޅޭ ކައިވެންޏެއް ކުރަން ހުރަސް އެޅިދާނެއެވެ. އެއީ ވެސް ކަންބޮޑުވާން ޖެހެންވީ ސަބަބެއް ނޫނެވެ. އެއިގެ މާނައަކީ އެބައިވެރިޔާ ކަމު ނުދަނީއެވެ. މާރަނގަޅު ބައިވެރިއަކު ދެއްވަވާނެ ކަމެވެ.

އަހަރެމެންނަށް މުޞީބާތެއް ޖެހުމުން އެކަމުގައި ފޮރުވިގެންވާ ފައިދާ އަހަރެމެންނަށް ނުއެނގެނީއެވެ. އެކަންކަން އަހަރެމެންނަށް އެނގޭނަމަ އުފަލުން ފޮޅޭވަރުވާނެއެވެ. އަބަދު ހުންނާނީ ހިނިތުންވެފައެވެ. ވީމާ މުޞީބާތެއް ކުރިމަތިވާއިރަށް އެއީ ބޮޑު ތަކްލީފެއް ކަމަށް ނުވިސްނާށެވެ! އެކަމުން ލިބޭ ތަކްލީފަށްވުރެ ފޮރުވިފައިވާ ނިޢްމަތް މާމަތިވެރިކަން ޔަޤީންކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން