ކޮންމެ މީހެއްގެވެސް އެކުވެރިންނާއި ގާތް މީހުން ތިބޭނެއެވެ. ތިމާއަށް އެހީތެރިވެދީ ތިމާގެ ބޭނުންތައް ފުއްދައިދޭ ބައަކުވެސް ތިބޭނެއެވެ. އެހެންކަމާއިއެކުވެސް ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް އެބައޮތެވެ.
ފުރަތަމަ ކަމަކީ އެއީ ކިތަންމެ ތަނަވަސް އަދި ކިތަންމެ ނުފޫޒު ގަދަ ނުވަތަ ކިތަންމެ މަޤާމެއްގައި ތިބި ބައަކު ނަމަވެސް އެމީހުންނަށް ތިބާގެ ބޭނުންތައް ފުއްދައިދެވޭނީ ހަމައެކަނި މިދުނިޔޭގައިކަމެވެ.
ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާނެ ދުވަހަކީ ޤިޔާމަތް ދުވަހެވެ. ޤިޔާމަތް ދުވަހަކީ ހަމައެކަކަށްވެސް އެހެން އެއްވެސް މީހަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދުވަހެއް ނޫނެވެ. އަދި ކިތަންމެ ކުޑަ އެހީތެރިކަމެއް ނަމަވެސް އެހެން މީހަކަށް ފުއްދައިދޭން ބޭނުންވާނެވެސް ދުވަހެއް ނޫނެވެ. އެކަން މިއޮތީ ކީރިތި ޤުރްއާނުން ވަރަށް ރަނގަޅަށް އެނގޭށެވެ.
ލުޤްމާން ސޫރަތުގެ 33 ވަނަ އާޔަތް ބަލާށެވެ!
"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އަދި އެދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތިން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށްވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން، اللَّه ގެ ވަޢުދުފުޅަކީ، ޙައްޤު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި މަކަރުވެރި ޝައިޠޯނާ، ތިޔަބައިމީހުން اللَّه އާމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! " (ލުޤްމާން: 33)
ވީމާ ތިމާގެ ކިތަންމެ ގިނަ ބޭނުންތަކެއް ފުއްދައިދޭ މީހަކު ބުނި ނަމަވެސް، ކިތަންމެ ގާތް މީހަކު ބުނިނަމަވެސް، ވަޒިފާދިން މީހާ ބުނި ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރާށެވެ! ޤިޔާމަތް ދުވަހު ހުރިހާ ކަމެއް ނިންމަޥާނީ ﷲ ތަޢާލާއެވެ. އެމީހަކާއިމެދު ކަންކަން ނިންމަވާނީ އެމީހަކު ދުނިޔޭގައި ހުރިއިރު ޢަމަލުތައް ކުޅަ ގޮތެއްގެ މައްޗަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން