ފަރުޟު ނަމާދަށް މިސްކިތައް ދިއުމަކީ ނަމާދުކުރުމުން ލިބޭ ޘަވާބުގެ އިތުރުން ގިނަ އަދަދެއްގެ ފާފަ ފުހެވި، ގިނަ އަދަދެއްގެ ޘަވާބު ލިބޭ ކަމެކެވެ. ގޭގައި ނަމާދުކުރުން ހުއްދަ ނަމަވެސް ގޭގައި ނަމާދުކުރާ މީހާއަށް ނަމާދަށް މިސްކިތަށް ދިއުމުން ލިބޭ ގިނަ ފައިދާތައް ނުލިބޭކަން ޙަދީޘްފުޅުން އެނގިގެންދެއެވެ. އަދި ފިރިހެނުންނަށް އޮތީ މިސްކިތުގެ ޖަމާއަތަށް ނަމާދަށް ދިއުންކަން އެނގިގެންދާ ޙަދީޘްފުޅުތައް ވަރަށް ގިނައެވެ.
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވެވިއެވެ:
(من حين يخرج أحدكم من منزله إلى مسجده فرجل تكتب حسنة والأخرى تمحو سيّئة)صححه الألباني. "
މާނައީ: ތިއަބައިމީހުންކުރެ މީހަކު މިސްކިތަށް ދިއުމަށްޓަކައި ގެއިން ނުކުންނަ ހިނދުން ފެށިގެން އެއް ފިޔަވަޅުން ހެޔޮކަމެއް ލިޔެވި އަނެއް ފިޔަވަޅުން ފާފައެއް ފޮހެދެތެވެ."
ގެއާއި ކައިރީގައި ހުންނަ މިސްކިތަކަށް ދާނަމަ އެޅޭނީ މަދު ފިޔަވަޅުކޮޅެކެވެ. ދުރު މިސްކިތަކަށްދާނަމަ އެޅޭފިޔަވަޅުތައް ގިނަވާނެއެވެ. ވީމާ ގިނަ ފާފަތައް ފުހެވި ލިބޭ ޘަވާބު އިތުވެގެންދާނެއެވެ. ވީމާ ވަޤުތު އޮތްވަރަކުން މިކަމަށް ސަމާލުކަންދޭށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން