އެންމެ ބޮޑަށް ވިސްނައި ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ ތެރެއިން ނަމާދުގެ ޖަމާޢަތަށް ދިއަނުދީ ހުރަސްއަޅަން ޝައިޠޯނާ ބޭނުންކުރާ ބައެއް އުކުޅުތައް-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
އެންމެ ބޮޑަށް ވިސްނައި ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ ތެރެއިން ނަމާދުގެ ޖަމާޢަތަށް ދިއަނުދީ ހުރަސްއަޅަން ޝައިޠޯނާ ބޭނުންކުރާ ބައެއް އުކުޅުތައް-: ބިލާލް އައްސަދު

ﷲ ތަޢާލާގެ މަގާއި ދުރުކޮށް ސުވަރުގެ ލިބުނަނުދިނުމަށްޓަކައި ކުރަން އޮންނަ އެންމެ ބޮޑު ކަމަކީ މީސްތަކުން ނަމާދުގެ ޖަމާޢަތަށް ދިއަ ނުދިނުމެވެ. ނަމާދުކުރިއަ ނުދިނުމެވެ. ވީމާ ޝައިޠޯނާ އެންމެ ބޮޑަށް ސަމާލުކަންދޭނެ އެއްކަމަކީ ނަމާދުކުރުމަށް ހުރަސްއެޅުމެވެ. 

ނަމާދު ވަގުތު ގާތްވުމުން ނަމާދަށް ދާން ތައްޔާރުވަން އުޅޭއިރަށް އެކަމަށް ހުރަސް އެޅޭ ސަބަބުތައް ވަރަށް ގިނައިން ދިމާވާނެއެވެ. މިޘާލަކަށް ވުޟޫކުރަންދާން ނުވަތަ މިސްކިތަށްދާން އުޅޭއިރަށް މުހިންމު ފޯނު ކޯލެއް އަތުވެދާނެއެވެ. އެކަން އެގޮތަށް މެދުވެރިވާ ސަބބާއިމެދު ވިސްނާލަމު ހެއްޔެވެ؟ 

މިގޮތަށް ވިސްނައިލާށެވެ. ތިބާ އެމީހެއްގެ ފޯނު ނަގަން ނުވަތަ ޖަވާބުދޭން ސަމާލުކަންދޭނެ މީހުން ލައްވައި ޝައިޠޯނާ ތިބާއަށް ގުޅުވަނީއެވެ. ކުއްލިއަކަށް ލިބޭ ފޯނުކޯލުގައި ބުނާނީ ވިޔަފާރީގެ ކަމަކު ނުވަތަ އެނޫންވެސް ކަމަކު ދެ މީހުން ވަރަށް އަވަހަށް ބއްދަލުކުރަންޖެހޭ ކަމަށެވެ. އަދި ލޯބިވެރިޔާ ލައްވައިވެސް މިފަދަ ކޯލުތައް ކުރުވައި ވަގުތު ނަގާލަން މަސައްކަތްކުރުވައެވެ. 

ﷲ އަށްޓަކައި ތެދުބަހުން ތިބާ ނިކަން ބުނެބަލާށެވެ! މިކަން މިގޮތަށް މެދުވެރިނުވޭ ހެއްޔެވެ؟ މެދުވެރިވުމުން ތިބާ އެވަގުތު ދާނީ ޖަމާއަތުގައި ބައިވެރިވާން މިސްކިތަށް ހެއްޔެވެ؟ ނޫނީ ވިޔަފާރި ޑީލް ނިންމާލަން މަޑުކުރާނީ ހެއްޔެވެ؟ ނޫންނަމަ ލޯބިވެރިޔާ އާއިއެކު އެވަގުތުކޮޅު ހޭދަކޮށްލާނީހެއްޔެވެ؟ އެއް ވަގުތެއްގައި ކުރަން އޮތީ 3 ކަމެކެވެ! 

އަހަރެން ޔަޤީން ކަމާއިއެކު ބުނެފާނަމެވެ. މިއަދު މިފެންނަ ޙާލަތުގައި "މިދަނީ ނަމާދަށް! ފަހުގެ ވަގުތެއްގައި ގުޅައިލާ! ނޫނީ ނަމާދުން އައިސް އެބަ ގުޅައިލަން!" ބުނެ ނަމާދަށް ދާނީ ވަރަށް މަދު މީހެކެވެ. ވީއިރު އަހަރެމެންގެ ހިތުގައި ﷲ ތަޢާލާއަށް މިއޮތީ ކޮން ލޯތްބެއް ހެއްޔެވެ؟ ކޮން ބިރުވެތިކަމެއް ހެއްޔެވެ؟ 

މިއަދު ގިނަބައަކު ނަމާދަށް ދަނީ ޖަމާއަތަށް ދިއުމުން ﷲ ތަޢާލާ ދެއްވަވާ ގިނަގުނަ ސަވާބަށް ބަލައި، ސަވާބު އެދިގެނެއް ނޫނެވެ. ދިރިއުޅުމަށްޓަކައި ދުނިޔަވީ ގޮތުން މަންފާ ކުރާނެ ކަމެއް އެވަގުތު ކުރަން ނެތުމުންނެވެ! 

ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް ޙަޤީޤަތަކީ މިއީއެވެ. ސުވަރުގެ ވައްދަވާ މީހުންގެ އަދަދު ހާހަކުން މީހަކަށް މަދުވެގެންދަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. ނަމާދުކުރާ އަދަދު މިއަށްވުރެވެސް މާ މަދުވާނެތީއެވެ. ދުނިޔަވީ އެދުންތައް ކަރުގައި އަޅައިގެންނާ ކޮނޑު ޖަހައިގެން ދުވާ މީހުން ގިނަވާނެތީއެވެ! 

ވީމާ ކޮންމެ 1000 އަކުން ސުވަރުގެ ވައްދަވާ އެންމެ މީހާގެ ތެރޭގައި ތިމާ ހިމެނޭތޯ މަސައްކަތްކުރުން އޮތީ ހަމަ ތިމާއަށެވެ.! ދަރުސް ފަށަމުން މިކިޔައިދިނީ މިކަންކަން މެދުވެރިވާ ސަބަބާއި މެދުވެރިވާ ގޮތެވެ. ޝައިޠޯނާގެ މަޅިން ސަލާމަތްވެވޭނީ އެކަމަށް އެމީހަކު ހޭލުންތެރިވީ ވަރަކުންނެވެ. 

- ބިލާލް އައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން