އިސްލާމް ދީނަކީ، މެދުމިނުގެ ދީނެވެ. އެބަހީ އެންމެ ފުރިހަމަ، އެންމެ ހެޔޮ، އެންމެ ޢަދުލުވެރި، އަދި އެންމެ ލުއިފަސޭހަ ދީނެވެ. ހޭދަކުރުމުގައްޔާއި، އަޅުކަން ކުރުމުގައި ވެސް އެ ދީނުގައި އޮތީ މެދުމިނެވެ. ﷲ تَعَالَى ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފި ނަމަ، އިސްރާފުނުކުރާ، އަދި މުށްބާރު ވެސް ނުކުރާ، އަދި އެ ދެމެދުގައި މެދުމިންވެ ތިބޭ މީހުންނެވެ." މިއީ ﷲ ދެއްވި ތަކެތީން ހޭދަކުރުމުގައި އޮތް ގޮތެވެ. އަޅުކަމުގައި ވެސް އޮތީ މެދުމިނެވެ. އަޞްޙާބު ބޭކަލުން ކުރެ، تَقْوَى ވެރިވުމުގެ ގޮތުން، އަބަދު ރޭއަޅުކަންކުރައްވައި، އަބަދު ރޯދަހިއްޕަވައި، ކާވެނި ނުކޮށް އަޅުކަމަށް ޚާއްޞަވެ ތިއްބެވުމަށް ނިންމެވި ޞަޙާބީ ބޭކަލުންގެ ޖަމާޢަތަކަށް، ކީރިތި ރަސޫލާ z ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެވެނިމިވެނި ވާހަކަތަކެއް ދެއްކެވީ ތިޔަބޭކަލުންނޫންހެއްޔެވެ؟ ދަންނާށެވެ! ފަހެ ތިމަންކަލޭގެފާނީ ތިޔަބައިމީހުން ކުރެ އެންމެ ބޮޑަށް ﷲ ދެކެ ބިރުފުޅުގެންވަޑައިގަންނަވާ، އަދި އެންމެ تَقْوَى ވެރި މީހާއެވެ. އެކަމަކު ތިމަންކަލޭގެފާނު ރޯދަހިއްޕަވަމެވެ. އަދި ރޯދަނުހިއްޕަވައި ވެސް ހުންނަވަމެވެ. ރޭއަޅުކަންވެސް ކުރައްވަމެވެ. އަދި އަވަހާރަފުޅު ވެސް ލައްޕަވަމެވެ. އަދި ކާވެނިފުޅު ބައްލަވައިގަންނަވަމެވެ. ފަހެ ތިމަންކަލޭގެފާނުގެ ސުންނަތުން އެއްކިބާވެ އެއާއި ދުރަށްދާ މީހާއީ، ތިމަންކަލޭގެފާނުގެ ގޮތުގައި ހިފަހައްޓާ މީހެއް ނޫނެވެ."[1]
އިސްލާމް ދީނުގައި، ދަތި، އުނދަގޫ އެއްވެސް ކަމެއް ލައްވައިފައެއް ނުވެއެވެ. ﷲ تَعَالَى ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "(އުންމަތްތަކުގެ ތެރެއިން) އެކަލާނގެ ތިޔަބައިމީހުން ޚިޔާރު ކުރެއްވިއެވެ. އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ. ތިޔަބައިމީހުންގެ ބަފައިކަލުނަވި އިބްރާހީމުގެފާނުގެ މިއްލަތަށް ތިޔަބައިމީހުން ތަބަޢަވާށެވެ! ކުރީގެ ފޮތްތަކުގައްޔާއި، މި ޤުރްއާނުގައި، ތިޔަބައިމީހުންނަށް މުސްލިމުންގެ ނަން ދެއްވީ އެކަލާނގެއެވެ." އަދިވެސް ﷲ تَعَالَى ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "الله، ތިޔަބައިމީހުންނަށް ލުއިފަސޭހަ ގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫ ގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ." ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (يَسِّرُوْا وَلَا تُعَسِّرُوْا، وَبَشِّرُوْا وَلَا تُنَفِّرُوْا)[2] މާނައީ: "ތިޔަބައިމީހުން މީސްތަކުންނަށް ފަސޭހަކުރާށެވެ! އަދި އުނދަގޫނުކުރާށެވެ! އުފާވެރިކަމުގެ ޚަބަރު ދޭށެވެ! އަދި ނަފުރަތު ނުކުރުވާށެވެ!"
އިސްލާމްދީނަކީ މެދުމިނުގެ ދީންކަމަށްވާ އިރު، އެ ދީނާ ދުރު ބައެއް ފިކުރު، ދިވެހީންގެ ތެރޭގައި ވެސް ފެތުރެން ފަށައިފިއެވެ. އޭގެ ތެރޭގައި ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުން ފަދަ ކަންކަން ހިމެނެއެވެ.
މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރުމުގެ ފިކުރެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ފިކުރުގެ އަހުލުވެރިންނާ މުސްލިމުންނާ ދެމެދު އޮންނަ ޝަރުޢީ ގުޅުންތައް ކެނޑޭނެއެވެ. ކާވަނީގެ ގުޅުމާއި، ވާރުތަވުން ފަދަ ހުރިހައި ގުޅުންތަކެއް ކެނޑޭނެއެވެ. އޭގެ އިތުރަށް އެ މީހުން އެ ގޮތުގައި މަރުވެއްޖެ ނަމަ، ތިބޭނީ ނަރަކައިގައެވެ. ﷲ تَعَالَى ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކު ކަމުގައިވާ ޙާލު މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް އުވި ގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ."[3]
މިއަދު ފެތުރޭ އަނެއް ފިކުރަކީ، ދީނުގައި ހަރުކަށިވުމުގެ ފިކުރެވެ. ދީނުގައި އޮތް މެދުމިން ދޫކޮށް، ހަރުކަށިވެ، ޙައްދުފަހަޅައިދިއުމަކީ، ކީރިތި ރަސޫލާ z މި އުންމަތަށް މަނާކުރައްވައި، އޭގެ ސަބަބުން އަހަރެމެން ހަލާކުވެދާނެކަމަށް އިންޒާރު ކުރައްވައިފައިވާ ކަމެކެވެ. މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (إِيَّاكُمْ وَالْغُلُوَّ فِي الدِّيْنِ، فَإِنـَّمَا هَلَكَ مَنْ كَانَ قَبْلَكُمْ بِالْغُلُوِّ فِي الدِّيْنِ)[4] މާނައީ: "ތިޔަބައިމީހުން ދީނުގައި ހައްދުފަހަނަޅައި ދިއުމާ މެދު ބިރުވެތިވާށެވެ! ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީން އުޅުނު މީހުން ހަލާކުވީ، ދީނުގައި ހައްދުފަހަނަޅައި ދިއުމުގެ ސަބަބުންނެވެ."