ޚުޠުބާ: ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުން! ހެޔޮ ކަންކަމަށް އަމުރުކުރުމެއް ނޫން!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 38ސ
ޚުޠުބާ: ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުން! ހެޔޮ ކަންކަމަށް އަމުރުކުރުމެއް ނޫން!

ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުމެވެ. އެއާ ޚިލާފަށް، އިސްލާމް ދީނުގައި އޮންނަ ގޮތަށް، ޙުކުމްތައް ބަޔާންކޮށްދިނުމާއި، ބަރާބަރަށް ނަމާދުކުރުމަށާއި، ސުންނަތާ އެއް ގޮތަށް އާދަކާދަތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމާއި، ރިބާ ނުކެއުމާއި، މަސްތުވާތަކެތި ބޭނުންނުކުރުމަށް ގޮވައިލުން ފަދަ ކަންކަމަކީ، ހައްދުފަހަނަޅައިދިއުމެއް ނޫނެވެ. އަދި ފޭރާން އެޅުމުގައި ޝަރުޢީ މިންގަނޑުގައި ހިފެހެއްޓުން ފަދަ ކަންކަމަކީ ވެސް ހަރުކަށިކަމާ ގުޅުން ހުރި ކަންކަމެއް ނޫނެވެ. 

މިއަދު މަދުން ނަމަވެސް ފެތުރެމުންދާ ބިރުވެރި އަނެއް ކަމަކީ، އިސްލާމް ދީނަށާއި، ދީނީ ޢިލްމުވެރީންނަށް ފުރައްސާރަކުރުމާއި، ދީނީ ކަންކަމަށް ހަޖޫ ޖެހުމެވެ. ދީނުގައި ޝަރުޢުކުރައްވައިފައިވާ ކަމަކަށް ހަޖޫޖަހައި، ފުރައްސާރަކުރުމީ ދީނުން ބޭރުވާ ކަމެކެވެ. ތަބޫކު ހަނގުރާމައިގައި ބައިވެރިވި މުނާފިޤުންގެ ޖަމާޢަތުގެ މީހުން ކީރިތި ރަސޫލާ z އަށާއި ޞަޙާބީންނަށް މަލާމާތްކޮށް ފުރައްސާރަކުރިހިނދު ﷲ تَعَالَى ވަޙީކުރެއްވިއެވެ. ----މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލުކުރައްވައިފި ނަމަ، އެއުރެން ދަންނަވާނެ ކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކައިލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللهއާއި، އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާއަށްހެއްޔެވެ؟ ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ! ތިޔަބައިމީހުން އީމާން ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފިރުވެފައިކަން ކަށަވަރެވެ." 

އިސްލާމް ދީނަށް ބަދުބަސް ބުނެ، އެ ދީނަށް ފުރައްސާރަކުރުމަކީ، ސަމާސާ ކަމެއް ނޫނެވެ. އެ ފަދަ ޢަމަލުތައް ކުރާ މީހުން، އެ ކަންކަން ދޫކޮށް، އަވަހަށް ތައުބާވާން ގޮވައިލަމެވެ! الله سُبْحَانَهُ وَتَعَالَىއީ ތައުބާ ޤަބޫލުކުރައްވާ އޯގާވަންތަ ރަސްކަލާނގެއެވެ.   

ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނީ ކަންކަމުގައި ޞައްޙަ މަޢުލޫމާތު ނުލިބުމުގެ ސަބަބުންނެވެ. މިއަދަކީ، އިންޓަނެޓުގެ ޒަމާނެވެ. އިންޓަނެޓުގައި ޢާންމުކުރާ ހުރިހައި ތަކެއްޗަކީ، ޞައްޙަ ތަކެއްޗެއް ނޫނެވެ. އެހެންކަމުން ޚާއްޞަކޮށް އިސްލާމްދީނާ މެދު ލިޔެފައި ހުންނަ ވާހަކަތަކަކީ، އިތުބާރު ހިފޭ މަޞްދަރުތަކަކުން ކަށަވަރުކުރެވޭ މަޢުލޫމާތުތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. 

އިންޓަނެޓުގައި ބައެއް މަޢުލޫމާތު ގެނެސްދީފައި ހުންނަނީ، ދީނުގެ ޞައްޙަ މަފްހޫމުތައް މުޅީން އޮޅޭ ގޮތަށެވެ. އެ ފަދަ މަޢުލޫމާތު ގެނެސްދޭ ބަޔެއްގެ އަވައިގައި ޖެހުމުން، މީހުންގެ ޖާނާއި މާލަށް ގެއްލުންދޭން ޖެހިލުން ނުވާ ހިސާބަށް، ބައެއް މީހުންގެ ވިސްނުން ބަދަލުވެއެވެ. ކީރިތި ޤުރްއާނުގެ އާޔަތެއްގެ ބޭރުފުށުގެ މާނައާއި، އޭގެ ޙަޤީޤަތާ މުޅީން ތަފާތުވެދާނެއެވެ. އައްތައުބާ ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނާގައި ވެއެވެ. "ޙުރުމަތްތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައިމީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން ޤަތުލުކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން ޙިޞާރުކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެ ތަނެއްގައި އެއުރެން އަތުލައިގަތުމަށް ޓަކައި، ހުޝިޔާރުވެ ފިލައި ތިބޭށެވެ! ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ އުޅެފި ނަމަ، ދެން އެއުރެން މިނިވަންކަމާ އެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ."[1] ބައެއް ޖަމާޢަތްތަކުން މި އާޔަތުގެ މާނަ ބުނެދީފައި އޮންނަނީ، ކޮންމެ ޒަމާނެއްގައި ވެސް، ޙުރުމަތްތެރިވެގެންވާ މައްސަރުތައް ނިމުމާ އެކު، މުޝްރިކަކު ފެނުނު ކޮންމެ ތަނަކުން އެ މީހަކު ޤަތުލުކުރަން ޖެހޭނެކަން ދޭހަވާ ގޮތަށެވެ. ނަމަވެސް އާޔަތުގައި އެ ވަނީ ހަނގުރާމައިގެ ޙާލަތުގައި ކަންކުރާން ޖެހޭ ގޮތެވެ. އެ ނޫން ޙާލަތްތަކުގައި މުޝްރިކުންނާއި ކާފިރުންނަށް، މުސްލިމުންނާ އެކު، އަމާންކަން މަތީ ދިރިއުޅެވޭނެއެވެ. އެ މީހުންނާ މުޢާލަމާތްތައް ކުރެވޭނެއެވެ. އިސްލާމް ދީނުގައި، ޛިއްމީންނާއި، މުސްތައުމަނުންނާއި، މުޢާހަދުންނަށް، މުސްލިމުންނާ އެކު އަމާންކަންމަތީ ދިރިއުޅުމުގެ ޝަރުޢީ މިންގަނޑުތަކެއް ވެއެވެ. އިސްލާމީ ޤައުމުތަކުގައި މިއަދު ވެސް ޢަމަލުކުރަމުން އަންނަނީ އެ ގޮތަށެވެ.

މިއަދު އޮންލައިން