ޑިމޮކްރަސީ އައިފަހުން ގިނަ ބައަކު ބަލަނީ އެންމެ ގިނަ މީހުން އުޅޭ ގޮތާއި ކުރާ ކަންކަމަކީ އެންމެ ރަނގަޅު ކަންކަން ކަމަށެވެ. ނަމަވެސް މިއީ މުސްލިމެއްގެ ޙައިޞިއްޔަތުން ވިސްނައިފިނަމަ ރަނގަޅު ވިސްނުމެއް ނޫނެވެ. އެހެނީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާނީ ހަމަ އެންމެ ކަމަކަށެވެ. އެއީ އެމީހަކު ޢަމަލުކުރީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށްތޯއެވެ.
ކިތަންމެ ގިނަ ބައަކު ފާފައެއް ކުރިނަމަވެސް ފާފައިގެ ޙުކުމް ބަދަލެއް ނުވާނެއެވެ. އަދި ކިތަންމެ މަދުބައަކު ޢަމަލުކުރިނަމަވެސް ﷲ ތަޢާލާގެ ޙުކުމްފުޅަކަށް ބަދަލެއް ނުއަންނާނެއެވެ. ވީމާ ވިސްނަންވީ އެކަމަށެވެ. ތިމާއަށް މިކުރެވެނީ ފާފައެއްތޯއެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ޢަމަލުކުރެވޭތޯއެވެ.
ދުނިޔޭގެ އާބާދިގެ ނިޞްބަތުން މުސްލިމުންގެ އަދަދު އަދި މިއުޅެނީ 2 ބިލިއަންގައެވެ. ނަމަވެސް ކާފިރުންގެ ޢަދަދު 4 ބިލިއަނަށް އަރައިފިއެވެ. ކޮންމެ 1000 މީހަކުން 999 މީހުންނަށް ނަރަކައަށް ވަންނަން ޖެހޭނެއިރު އެއެންމެންނަކީވެސް ކާފިރުންނެވެ. ވީމާ ދުނިޔޭގައި ގިނަމީހުން އުޅޭ ގޮތަށް އުޅެގެން ސަލާމަތެއް ނެތްކަން އެބަ އެނގޭ ނޫން ހެއްޔެވެ؟
"ދުނިޔޭގެ ގިނަ ބައަކު އެއުޅެނީ އެވެނި މިވބެނި ގޮތަކަށެވެ. އަހަރެންނަށް އެގޮތަށް އުޅެވެން ނެތީ ކީއްވެ؟" މިއީ ބައެއް ކުދިން ކުރާ ސުވާލެކެވެ.
މިދުވަސް އަންނާނެ ކަމާއި މިފަދަ ސުވާލުތައް ކުރާނެކަން ﷲ ތަޢާލާ ދެމެވޮޑިގެންވެއެވެ. އެހެންވެ ކީރިތި ޤުރްއާނުގައި ވަނީ ޖަވާބުވެސް ދެއްވަވައިފައެވެ. މިސުވާލަށް ﷲ ތަޢާލާ ދެއްވެވި ޖަވާބު ވަނީ އަލްއަންޢާމް ސޫރަތުގެ 116 ވަނަ އާޔަތުގައެވެ.
"އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ ތަބަޢައެއް ނުވެތެވެ. އަދި ދޮގުހަދާ ބައަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ." (އަލްއަންޢާމް: 116)
މިއަދު މުސްލިމް ޤައުމުތަކާއި އުންމަތްތައް މަގުފުރެދި ހަލާކުވެގެން އެދަނީ ﷲ ތައާލާގެ މިފަދަ އާޔަތްތަކަށް ނުވިސްނުމުންނެވެ. ﷲ ތަޢާލާ އެންގެވި ގޮތް ދޫކޮށްލާފައި ބައިގިނަ މީހުންގެ ފަހަތުން އެދުވަނީ މިއާޔަތަށް ކިޔަމަން ނުވެވޭތީއެވެ.
ވީމާ މިކަމަށް ކޮންމެ ފަރުދަކުވެސް ވިސްނާށެވެ! އަހަރެމެން ދުނިޔެއަށް ފޮނުއްވެވީ ގިނަ ބައަކު އުޅޭ ގޮތަށް އުޅުމަކަށް ނޫނެވެ. ﷲ ތައާލާ އެންގެވިގޮތަށް އުޅުމަށެވެ. ގިނަބައަކު އުޅޭ ގޮތަށް އުޅޭ މީހުންނަށް އޮތީ އެމީހުންނާއިއެކު ނަރަކައަށް ދިއުމެވެ. ސުވަރުގެ ޙާޞިލުކުރެވޭނީ ޢަދަދުގެ ގޮތުން ކިތަންމެ މަދުނަމަވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރި މީހުންނަށެވެ. މިއީ މިއާޔަތުން އެކަނިވެސް ވަރަށް ރަނގަޅަށް އެނގެން އޮތް ކަމެކެވެ.
-އިސްލާމީ ތިލަފަތުގެ ދަރުސަކުން