ޢާއިޝަތު ރަފާޙް ޢަލީ
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 177 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
( لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ )
މާނައީ: "ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށާއި آخرة ދުވަހަށާއި ملائكة ންނަށާއި ފޮތަށާއި ނަބިއްޔުންނަށް إيمان ވި މީހާއެވެ."
ސަމާވީ ފޮތްތަކަކީ ރަސޫލުބޭކަލުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އެބޭކަލުންގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވާލެއްވުމަށް ބާވައިލެއްވި ފޮތްތަކެވެ. ހިދާޔަތް ދެއްކެވުމަށާއި، އަދި ދުނިޔެއާއި އާޚިރަތުގައި އުފާވެރިކަމާއި ކާމިޔާބު ދެއްވުމަށްވެސް މެއެވެ. މިފޮތްތައް އިރްޝާދު ދެއްވަނީ ހެޔޮކަމާއި، ހިދާޔަތެވެ.
ފޮތްތަކަށް އީމާންވުމަކީ އިސްލާމްދީނުގައި އަޅުގަނޑުމެންނަށް ވާޖިބު ކުރައްވާފައިވާ ކަމެކެވެ. އެގޮތުން 4 ފޮތެއް ބަޔާންކޮށްދެއްވާފައިވެއެވެ. އެއީ ކީރިތި ޤުރްއާނާއި، ތައުރާތާއި، އިންޖީލާއި ޛަބޫރެވެ.
1 ޛަބޫރް
ޛަބޫރަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ދާވޫދް ޢަލައިހިއްސަލާމަށް ބާވައިލެއްވި ފޮތެވެ. އަދި ތަފްސީރް ޢިލްމުގައި މަޝްހޫރް ތާބިޢީ ޢިލްމުވެރިޔާ ޤަތާދާ އައްސަދޫސީ ރަޙިމަހުއްﷲ ވިދާޅުވެފައިވަނީ ޒަބޫރުގައި 150 ސޫރަތް އެކުލެވިގެންވެއެވެ. އަދި ހުރިހާ ސޫރަތެއްގައިވެސް ﷲ ތަޢާލާއަށް ޙަމްދުކުރުމާއި ޘަނާކިޔުއްވާފައިވެއެވެ. އަދި ޝަރުޢީ ޙުކުމްތަކުގެ ތެރެއިން ޙަލާލް، ޙަރާމް ޙައްދު އަދި ފަރްޟުތައް ބަޔާންކުރައްވާފައެއް ނެތެވެ. ތައުރާތުގައި ބަޔާންކޮށްފައިވާ ޝަރީޢަތައް އިޢްތިމާދުވެއެވެ.
ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
عن رسول الله صلى الله عليه وسلم قال ما أكل أحد طعاما قط خيرا من أن يأكل من عمل يده وإن نبي الله داود عليه السلام كان يأكل من عمل يده
މާނައީ: "މީހަކު އޭނާގެ އަމިއްލަ އަތުން މަސައްކަތް ކޮށްގެން ކެއުމަށްވުރެ ރަނގަޅަށް ކާއެއްޗެހި ކެއި މީހަކު ނެތެވެ. އަދި ﷲ ގެ ނަބިއްޔާ ދާވޫދް ޢަލައިހިގއްސަލާމް ފަރީއްކުޅުއްވީ އަމިއްލަ އަތުން މަސައްކަތް ކުރައްވާގެންނެވެ."