ނަމާދުގަ ސަމާލުކަންދޭންޖެހޭ ކަމެއް! ލައިގެން ހުންނަ ގަމީހުގެ އަތުކުރިއާ ފަޓުލޫނުގެ ފައިކުރި އޮޅައި ލިބެން އޮތް ޘަވާބުން ބައެއް އުނި ނުކުރާށެވެ!–1

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 50ސ
ނަމާދުގަ ސަމާލުކަންދޭންޖެހޭ ކަމެއް! ލައިގެން ހުންނަ ގަމީހުގެ އަތުކުރިއާ ފަޓުލޫނުގެ ފައިކުރި އޮޅައި ލިބެން އޮތް ޘަވާބުން ބައެއް އުނި ނުކުރާށެވެ!–1

މުސްލިމުންނަށް ކޮންމެ ދުވަހަކީ އަޅުކަމުގެ ދުވަހެކެވެ. އެހެންކަމާއިއެކުވެސް ޙ7ުރުމަތްތެރިކުރައްވަވާފައިވާ މައްސަރުތަކާއި ދުވަސްތަކާއި ރޭތައް އެކުލެވިގެންވާއިރު އެންމެ މުހިންމު ރޭތައް ހިމެނޭ ރަމަޟާން މަސް މިވަނީ ދާދި ގާތުގައެވެ. 

އެމައްސަރުގައި ޚާއްޞަ ސަމާލުކަމެއް ދީގެން ފަރުޟު ނަމާދުގެ އިތުރުން ރޭއަޅުކަންވެސް ކުރަމުއެވެ. އެހެންކަމަށްވާއިރު އެހައި ބުރަ މަސައްކަތުން ހޯދާ ޘަވާބުން ބައެއް ތިމާގެ ފަރުވާކުޑަކަމުން އުނިވެގެންދާކަށް ހަމައެކަކުވެސް ބޭނުމެއް ނުވާނެއެވެ. އަދި ނުއެނގުމުގެ ތެރެއިންވެސްމެއެވެ. 

ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް މިހުށަޅައިދެނީ ވަރަށް މުހިންމު ލިޔުމެކެވެ. 

ނަމާދުކުރާއިރު ލައިގެންހުންނަ ގަމީހުގެ ނުވަތަ ޓީޝާޓުގެ ނުވަތަ އެފަދަ އެހެން ހެދުމެއްގެ ވެސް އަތުކުރި އޮޅައިގެންހުރެ ނަމާދުކުރުމީ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވާ ކަމެއް ކަމުގައި ބައެއް ބޭފުޅުން ވިދާޅުވާތަން ފެނެއެވެ. އަދި ދަލީލެއްގެ ގޮތުން، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަމާދުގައި ކައްފުކުރުން ނަހީކުރައްވާފައިވާ ޙަދީޘް ގެންނަވާތީ ފެނެއެވެ.

ދީނީ މައްސަލަތަކުގެ ތެރޭގައި ހުންނަ [ކުދިކުދި] މައްސަލަތަކުގެ ގޮތުގައި ބެލެވޭ މައްސަލަތަކަކީ، އެ މައްސަލަތަކާ ގުޅޭ ގޮތުން ކުރިއާއި މިހާރުގެ ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅުތައް ދެނެގަނެ، އެ ތަޙްލީލުކުރާ މީހަކަށް ނުހަނު ގިނަ ގޮތްގޮތުން ޢިލްމީ ފައިދާކުރާނޭ ކަމަކަށް ވާތީ، ދީނީ ޢިލްމު އުނގެނޭ ފަރާތެއްގެ ހައިސިއްޔަތުން، މި މައްސަލައަށް ނަޒަރުހިންގައިލުމީ، އަޅުގަނޑަށް ވެސް ލިބޭނޭ ކުރިއެރުމަކަށްވާތީ، އެ ކަމަށް ކުރިމަތިލަމެވެ. 

މި ލިޔުމުގައި އެންމެ ފުރަތަމަ އަޅުގަނޑު ނަޒަރުހިންގައިލާނީ، ހެދުން [ކައްފުކުރުމާ] ގުޅޭ ގޮތުން ވާރިދުވެފައިވާ ޙަދީޘަށެވެ. އެގޮތުން، އެ ޙަދީޘުގެ އެކިއެކި ރިވާޔަތްތައް ޖަމާކޮށް، ރިވާޔަތްތަކުގެ މެދުގައި ތަފާތެއްވޭތޯއާއި ތަފާތުއޮތީ ކިހާމިންވަރަކަށްތޯ ދެނެގަންނަން މަސައްކަތްކުރާނަމެވެ. ދެން އެއަށްފަހު، އެ ޙަދީޘްގެ ޝަރަޙައަށް ނަޒަރުހިންގައި، ހެދުން ކައްފުކުރުމުގެ މުރާދަކީ ކޮބައިކަން ދެނެގަންނަން މަސައްކަތްކުރާނަމެވެ. އެއަށްފަހު، ހެދުން ކައްފުކުރުން ނަހީކުރެއްވުނު ސަބަބަކީ ކޮބައިކަން ދެނެގަންނަން މަސައްކަތްކުރާނަމެވެ. އަދި އެއަށްފަހު، ހެދުން ކައްފުކުރުމުގެ ޙުކުމާ ގުޅޭގޮތުން ފިޤުހުވެރިން ވިދާޅުވަނީ ކީކޭކަން ދެނެގަންނަން މަސައްކަތްކުރާނަމެވެ. އަދި އެއަށްފަހު، އަތުކުރި އޮޅައިގެންހުރެ ނަމާދުކުރުމީ ހެދުން ކައްފުކުރުންކަމުގައިވާނެތޯ ނުވަތަ ނޫންތޯ ދެނެގަތުމަށް މަސައްކަތްކުރާނަމެވެ. إن شاء الله. 

ދުޢާއަކީ، މި މަސައްކަތުގައި ﷲ ތަޢާލާ އިޚްލާޞްތެރިކަން ލެއްވުމެވެ. އާމީން! 

وما توفيقي إلا بالله، عليه توكلت، وإليه أنيب. 

ފުރަތަމަ: ހެދުން ކައްފު ކުރުން ނަހީކުރެވިފައިވާ ޙަދީޘް 

ޙަދީޘް ޖަމާކުރެއްވި އިމާމުންކުރެ އެތަކެއް ބޭފުޅުންނެއް، ހެދުން ކައްފު ކުރުން ނަހީކުރެވިފައިވާ ޙަދީޘް އެ ބޭފުޅުންގެ ޙަދީޘް ފޮތްތަކުގައި ހިމަނުއްވާފައިވެއެވެ. 

އޭގެ ތެރެއިން އެއްބައި ރިވާޔަތްތަކުގައިވަނީ [أُمِرَ النَّبِيُّ صلّى الله عليه وسلم أَنْ لاَ يَكُفّ شَعرًا وَلاَ ثَوْبًا] {ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް އަމުރުކުރެވުނޭ އެކަލޭގެފާނު އިސްތަށިފުޅެއް ކައްފު ނުކުރަން އަދި ހެދުންކޮޅެއް ކައްފު ނުކުރަން} މިފަދައިންނެވެ." 

އަދި އަނެއްބައި ރިވާޔަތްތަކުގައިވަނީ [أَمَرَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ …لَا نَكُفُّ شَعْرًا وَلاَ ثَوْبًا] {ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވިއޭ އަހުރެމެން އިސްތަށިގަނޑެއް ކައްފު ނުކުރަން އަދި ހެދުމެއް ކައްފު ނުކުރަން} މިފަދައިންނެވ." 

އަދި އަނެއްބައި ރިވާޔަތްތަކުގައިވަނީ [أُمِرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ وأمر لَا يَكُفَّ شَعْرَهُ وَلَا ثِيَابَهُ] {ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް އަމުރުކުރެވުނޭ އަދި އަމުރުކުރެވުނޭ އެކަލޭގެފާނު އެކަލޭގެފާނުގެ އިސްތަށިފުޅު ކައްފު ނުކުރަން އަދި ހެދުންކޮޅު ކައްފު ނުކުރަން} މިފަދައިންނެވެ. 

އަދި އަނެއްބައި ރިވާޔަތްތަކުގައިވަނީ [أُمِرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ ولَا يَكُفَّ شَعْرَهُ وَلَا ثِيَابَهُ] {ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް އަމުރުކުރެވުނޭ އަދި އެކަލޭގެފާނު އެކަލޭގެފާނުގެ އިސްތަށިފުޅު ކައްފު ނުކުރަން އަދި ހެދުންކޮޅު ކައްފު ނުކުރަން} މިފަދައިންނެވެ. 

އަދި އަނެއްބައި ރިވާޔަތްތަކުގައިވަނީ [أُمِرَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ لاَ يَكُفَّ ثَوْبَهُ] {ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް އަމުރުކުރެވުނޭ އެކަލޭގެފާނު އެކަލޭގެފާނުގެ ހެދުންކޮޅު ކައްފު ނުކުރަން} މިފަދައިންނެވެ. 

- ނުނިމޭ 

އައްޝައިޚް އިސްމާޢީލް ރިޔާޟް

 

މިއަދު އޮންލައިން