أمّ المؤمنين ميمونة بنت الحارث رضى اللّـه عنــها އިސްލާމީ އުއްމަތުގެ ހަތަރު ޚަލީފާއިންގެ ދައުރު ދެކެވަޑައިގެންނެވިއެވެ. އަމީރު معاوية بن أبو سفيان ގެ ޚިލާފަތުގެ ދުވަސްވަރުންވެސް ބައެއް އެކަމަނާ ދެކެވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާ އެއްވެސް ކަހަލަ ސިޔާސީ ކަމެއްގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް މެނުވީ أمّ المؤمنين ميمونة بنت الحارث رضى اللّـه عنــها އެއްވެސް ގޮތަކަށް ގެކޮޅުން ބޭރަށް ވަޑައިގެން ނޫޅުއްވައެވެ.
ޙައްޖަށް ވަޑައިގެންފިނަމަ އެކަމަނާގެ އާދަފުޅަކީ މުޅި ދަތުރުމަތީގައިވެސް އަރަހުށި މާތްﷲ ޒިކުރު ކުރައްވައި ތަލްބިޔާ ވިދާޅުވުމެވެ. عبد الله ابن عبّاس رضى اللّـه عنــه ގެ ޚާދިމު ކުރައިބު ވިދާޅުވެފައިވެއެވެ. [އިބްނު ޢައްބާސް ތިމަންނައަށް މައިމޫނަތުގެފާނުގެ ޖަމަލުގެ ލަގަނުގައި ހިފައިގެން ދަތުރު ކުރުމަށް ފޮނުއްވިއެވެ. މައިމޫނަތުގެފާނު ދަތުރުފުޅުމަތީގައި ޢަޤަބާއަށް ހިލަ އުކައިފުމަށް ދާންދެން ތަހުލީލު ވިދާޅުވިއެވެ.] {އިބްނު ސަޢުދު، ޠަބަޤާތު، 8 ވަނަ ޖިލްދު، ޞަފްޙާ 110}
ހިޖްރައިން 51 ވަނަ އަހަރު أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها ޙައްޖަށް ވަޑައިގެންނެވިއެވެ. ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރަވައި ނިންމެވިފަހުން އެކަމަނާއަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވިއެވެ.
يزيد بن الأصمّ ގެ އަރިހުން ރިވާވެފައިވެއެވެ. أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها، ގެ އާލާސްކަންފުޅު ބޮޑުވުމުން އެކަމަނާ ވިދާޅުވިއެވެ.
[އަހަރެން މިރަށުން ގެންދާށެވެ. އަހަރެން މިރަށުގައި މަރުނުވާނެކަމަށް ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވަނިކޮށް އަޑުއެހީމެވެ.] ދެން أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها ގޮވައިގެން ދަތުރުކުރެއްވި ބޭކަލުންނަށް ސަރިފޭ ކިޔުނު ތަނަށް ދެވުނުތަނާ އެކަމަނާ އަވަހާރަވެއްޖެއެވެ. އެތަނަކީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ އެކު އެންމެ ފުރަމަތަ ރޭކުރެއްވި މަންޒިލެވެ. {އިބްނު ކަޘީރު، އަލްބިދާޔާ ވައްނިހާޔާ، ހަވަނަ ޖިލްދު، ޞަފްޙާ 230}
أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها ގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދުކުރެއްވީ އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ عبد اللّـه بن عبّاس رضى اللّـه عنه އެވެ. އެކަމަނާގެ ހަށިކޮޅު ފަސްދާނުލާން ގެންދާންފެށުމުން އެކަލޭގެފާނު ވިދާޅުވިއެވެ.
[ތިޔައީ رسول اللّـه صلّى اللّـه عليه وسلّم ގެ ޙުރުމަތްތެރި އަނބިކަނބަލުންގެ ހަށިކޮޅެވެ. ތިޔަ ހަށިކޮޅު ނުތަޅުވައި މަޑުމައިތިރިކަމާއި އޯގާވެރިކަމާ އަދަބުވެރިކަމާއެކު ގެންދާށެވެ.] {صحيح مسلم، كتاب الرضاع، باب جَوَازِ هِبَتِهَا نَوْبَتَهَا لِضَرَّتِهَا ،ޙަދީޘް ނަންބަރު 1465}
يزيد بن الأصمّ ވިދާޅުވެފައިވެއެވެ. [މައިމޫނަތުގެފާނު ފަސްދާނުވެޑުވީ ސަރިފުގައެވެ. އެއީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ އެކު އެންމެ ފުރަމަތަ ރޭކުރެއްވި މަންޒިލެވެ. އޭރު އެކަމަނާވަނީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި އިސްތަށިފުޅު އިސްތަށިކޮޅުތައްވެސް ބާލުއްވައިފައެވެ. އެކަމަނާގެ ހަށިކޮޅު ޤަބުރުފުޅުގައި ވެޑުވީ އަހަރެންނާއި عبد اللّـه بن عبّاس އެވެ. އެކަމަނާ ޤަބުރުފުޅުގައި ވެޑުވުމުން އިސްތަށިފުޅު މާ ތިރިއަށް ދިޔުމުން ތިމަންގެ ރިދާ ބޮޑިކޮށްލައިފައި އެކަމަނާގެ އިސްތަށިފުޅުގެ ދަށަށް ލެއްވުމުން عبد اللّـه بن عبّاس އެ ރިދާ ނަގައިފައި އެއްލަވައިލެއްވިއެވެ. އެއަށްފަހު ހިލައެއް ގެންނަވައި އެ ހިލަ މަތީގައި އެކަމަނާގެ އިސްތަށިފުޅު ބޭއްވެވިއެވެ. {އިބްނު ސަޢުދު، ޠަބަޤާތު}
أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها އަވަހާރަވިކަމުގެ ޚަބަރު أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنــها އަށް ލިބިވަޑައިގެންނެވުން ވަރަށް ހިތާމަފުޅު ކުރައްވައި ވިދާޅުވިއެވެ. [އަހަރެމެންގެ ތެރޭގައި ހުންނެވި އެންމެ ތަޤްވާވެރި، ގާތް ތިމާގެ ކަމުގެ ގުޅުން ޤާއިމު ކުރައްވާ ކަމަނާ އަވަހާރަވީއެވެ.] {އަލްޙާކިމު، މުސްތަދުރަކު، ވޮލިޔުމު 4، ޞަފްޙާ 32}
އަރަހުށި މާތްﷲ، أمّ المؤمنين ميمونة رضى اللّـه عنــها އަށް ރުއްސުން ލައްވާށިއެވެ.
(ޢަލީ އިޙްޞާން ފިރާޤް މިއަދުނޫހަށް ލިޔެދެއްވި ލިޔުއްވުމަކުން)
"މައިމޫނާ ބިންތިލް ޙާރިޘިލް ހިލާލިއްޔާގެ ފިރިކަލުން އަވަހާރަވީ ހިނދު އެކަމަނާ އަށް އެހީތެރިވެ ވަޑައިގެން އަދި ބަނޫ ހާޝިމް އާއި ބަނޫމަޚްޒޫމުގެ ގުޅުން ވަރުގަދަ ކުރެއްވުމުގެ ގޮތުން ރަސޫލާ ﷺ އެކަމަނާ އާއި ކައިވެނި ބައްލަވައިގެންނެވިއެވެ."
އެއިރު އެކަމަނާއަކީ ޒުވާނެއް ނޫނެވެ. އެއިގެ ކުރިން އެކަމަނާވަނީ 2 ކައިވެނި ކުރައްވައިފައެވެ. އަދި ކައިވެނިފުޅު ކުރައްވަވަން ބޭނުންފުޅުވެވަޑައިގެން އެކަން ހުށަހެޅުއްވެވީވެސް މައިމޫނަތުގެފާނު އަމިއްލަފުޅަށެވެ.