ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިއަހުން އެނގެން އޮތް ގޮތުގައި އަވަހާރަފުޅުން ހޭފުޅު ލެއްވެވުމާއިއެކު ރަސޫލާ ﷺ ތެދުވެވަޑައިގަންނަވަނީ ކަމަކަށް އަވަސްވެގަންނަން ބޭނުންވެފައި ހުނަން މީހަކު ފުންމައިގަންނަ އުޞޫލުންނެވެ. ފުރަތަމަކަމަކަށްވެސް ސިވާކުން ދަތްޕުޅު އުނގުޅުއްވަވައި ޠޯހިރުވެވަޑައިގެން ފަށްތަވަނީ ޛިކުރު ކުރައްވަވާށެވެ! އަޅުކަން ކުރައްވަވާށެވެ!
ނަމަވެސް އަހަރެމެންގެ މިއަދުގެ ޙާލަކީ އިރުއަރައިގެންދާއިރުވެސް ފަތިސްނަމާދަށްވެސް ނުތެދުވުމެވެ. ހޭލެވުމުން ފުރަތަމަވެސް ބަލަން ފެށެނީ ފޯނަށެވެ. މެސެޖެއް އައިސްފައިވޭތޯއެވެ! އައު ޚަބަރުތަކަކީ ކޮބައިތޯއެވެ! ނޫންނަމަ އިއްޔެ ކުރި ޕޯސްޓްތަކަށް ކިތައް ލައިކް އިތުރުވިތޯއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެގޮތަށް އެކަންކަން ނުކުރާށެވެ! ނިދީން ހޭލެވުމަކީ ދެވަނަ ފަހަރަށް ދުނިޔެއަށް އައުދެވުން ފަދަ ކަމެކެވެ. ހަށިގަނޑުގައި އަލުން ފުރާނައެޅުއްވެވުން ފަދަ ކަމެކެވެ. ވީމާ އަވަސްވެގަންނަންވާނީ އެކަމަށް ޝުކުރުވެރިވުމަށެވެ.
اَلْحَمْدُ لِلَّهِ الَّذي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ.
ފަދަ ޛިކުރުތައް ކިޔައި އަޅުކަންކުރުމަށެވެ.
އަދި ކީއްހެއްޔެވެ؟ ނިދަންވާނީ ވެސް ޛިކުރުކުރުންމަތީގައެވެ.
މިބުނެދިނީ ސުންނަތުގައި އެކަން އޮތް ގޮތެވެ! ޢަހަރެމެން ޢަމަލުކުރަންވީ ގޮތެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން