ކޮންމެ އަޅުކަމަކީވެސް އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައިވާ ކަމެކެވެ. އެކަމުގައި އެހެން މީހަކު ނުވަތަ އެހެން ބައަކު ބައިވެރިކުރާކަށް ނުޖެހެއެވެ. މާނައަކީ ކުރާ އަޅުކަން އެއްވެސް މީހަކަށް އަންގާކަށް ނުޖެހެއެވެ. އެކަން އޮތީ ކުރާ ޞަދަޤާތް ވަންހަނާކުރަންޖެހޭ ފަދައިން ސިއްރުކުރުމެވެ. ދެއްކުންތެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ހިމެނިއްޖެނަމަ އެއަޅުކަން ޤ ތަޢާލާ ޤަބޫލުފުޅުނުކުރައްވަވާނެކަން އެނގިތިބެ އަހުރެމެންނަށް މިއަދު ކަންކަން ކުރެވެމުން މިދަނީ ކިހިނަކުންހެއްޔެވެ؟ ވިސްނައިލަމާ ހިނގާށެވެ!
އެއީ ސަލަފުއްޞާލިޙުންގެ ޒަމާނެވެ. މަދިނާއަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ފާއިތުވުމުން ވަރަށް ބޮޑަށް ފެނަށް ޖެހިގެން ހުރިހާ އިމާމުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ފެނަށް ދުޢާކުރިއެވެ.، ނަމަވެސް ވާރޭ ވެހޭނެ ގޮތެއް ނުވެގެން އެންމެނެ ތިބީ އެކަމުގެ ކަންބޮޑުވުމުގައެވެ.
އެއްރެއެއްގެ ޢިޝާ ނަމާދު ވަގުތެވެ. ޖަމާއަތުގައި ނަމާދުކޮށް ނިމިގެން ގިނަ ބައަކު މިސްކިތުން ފައިބައިގެން ގެއަށް ދިއަ ފަހުން މިސްކިތަށް އެރި މީހެކެވެ. އޭނާ ނަމާދުކުރީ ވަރަށް ފުރިހަމައަށެވެ. ހަރަކާތްތައްވެސް އެހައިމެ ފުރިހަމައެވެ. ކިޔެވުންވެސް އެހައިމެ ފުރިހަމައެވެ. އޭނާ ނަމާދުކުރިލެއް ފުރިހަމަ ކަމުން އިމާމް އިންނެވީ އޭނާއަށް ބައްލަވާށެވެ!
އޭނާ ނަމާދުކުރުމަށްފަހު ދެއަތް އުފުލައި ދުޢާކޮށް ﷲ ތައާލާއަށް ދެންނެވިއެވެ. "ޔާ ﷲ! މަދީނާ ވަނީ ވަރަށް ބޮޑަށް ފެނަށް ޖެހިފައެވެ. ވަރަށް ގިނަ ބައަކު ފެނަށް އެދި އިނބަ ﷲ އަށް ދުޢާކޮށްފިއެވެ. ނަމަވެސް އަދިވެސް އިނބަ ﷲ ފެނެއް ނުދެއްވަވަމުއެވެ. މިދުޢާ ކުރަނީ ވަރަށް އާދައިގެ ވަރަށް ނިކަމެތި އިންސާނަކީމުއެވެ. މިއަޅާ އިނބަ ﷲގެ ނަންފުޅުގައި މަދިނާއަށް ވާރޭ ވެއްސަވައި ފެން ދެއްވެވުން އެދި އާދޭސް ދަންނަވަމެވެ."
އޭނާ ދުޢާކޮށް ނިމުނުތާ ދާދިކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވާރޭވެހި މަދީނާއަށް ފެން ލިބިއްޖެއެވެ. އިމާމް އިންނެވީ ވަރަށް ހައިރާންވެފައެވެ.
ފަތިސް ނަމާދަށްފަހު އެމީހާ ފަހަތުން އިމާމް ފައިބައިވަޑައިގެންނެވިއެވެ. އަދި އޭނާގެ ފަހަތުން ވަޑައިގެންނެވިއެވެ. އޭނާ ގެއަށް ވަނުމުން އަވަށްޓެރިއެއްގެ ކިބައިން އެއީ ކާކުތޯ ސުވާލުކުރެއްވުމުން ދެންނެވީ ނަން ނުއެނގޭ ކަމަށާއި އޭނާއަކީ ފައިވާން ހެދުމުގެ މަސައްކަތްކުރާ ވަރަށް އާދައިގެ މީހެއް ކަމަށެވެ.
އިމާމް އެދުވަހު ހެނދުނު އެމީހާގެ ގެއަށް ވަޑައިގަތުމުން އެމީހާ ވަރަށް އުފާވެ މަރުހަބާ ދެންނެވިއެވެ. އަދި ފައިވާނެއް ހައްދަވަން ބޭނުންފުޅުވަނީތޯ ސުވާލުކުރިއެވެ. އިމާމް ވިދާޅުވީ ވަޑައިގެންނެވީ އެފަދަ ބޭނުންފުޅެއްގައި ނޫން ކަމަށާއި ވަޑައިގަތީ ރޭ އޭނާ ކުރި ދުޢާ ވަގުތުން އިޖާބަ ކުރެއްވެވުމުން އޭނާ އާއި ބައްދަލުކޮށްލައްވަވައި ބައެއް ކަންކަން އޮޅުންފިލުވައި ލެއްވުމުގެ ބޭނުންފުޅުގައި ކަމަށެވެ.
އެމީހާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާ ނަމާދުކުރި ގޮތް ބައްލަވައި ކުރި ދުޢާ އިމާމް އަޑު އެއްސެވިކަމަށްޓަކައެވެ. އެމީހާ އެހައި ރުޅި އައުމުން އިމާމް އެގެއިން ނުކުމެވަޑައިގަތީއެވެ. މިސްކިތުން އޭނާ އާއި ބައްދަލުކުރެއްވެވުމުގެ އުންމީދުގައެވެ. ނަމަވެސް އެއްދުވަސްވީއިރުވެސް އެމީހާ ފެނިވަޑައިގަތުމުން މަދީނާގެ ހުރިހާ ގެތަކަށް ވަޑައިގެން ބެއްލެވުމުން ވެސް އެމީހާ ފެނިވަޑައިގަންނަވާނެ ގޮތެއް ނުވިއެވެ.
އެމީހާ މަދީނާ ދޫކޮށް ދަތުރުކޮށް ދިއައީއެވެ. ކީއްވެގެން ހެއްޔެވެ؟ އޭނާ ކުރި ދުޢާ އިމާމް އަޑު އެއްސެވުމުންނާއި އޭނާގެ އެދުމަކާއި ނުލައި އޭނާ ނަމާދުކުރި ގޮތް އިމާމް ބެއްލެވުމުން އައި ރުޅީގައެވެ. މީސްތަކުންނޭވެ! މިހިރީ ކުރާ އަޅުކަން ސިއްރުކުރަން އެބޭކަލުން ސަމާލުކަން ދެއްވެވި މިންވަރެވެ.
މިއަދު މިކުރާ ކަމަކީ ކޮންމެ އަޅުކަމެއް ކުރުމަށްފަހު ވީޑިއޯކޮށް ފޮޓޯނަގައި ދުނިޔެއަށް ހާމަކުރުމެވެ. އެހެން މީހުންނަށް ޢިބްރަތަކަށްޓަކައި ނުވަތަ އެހެން މީހުންނަށް ހިތްވަރު ދިނުން ފަދަ މަތިވެރި ނިޔަތެއްގައި މެނުވީ އެފަދަ ކަންކަން ކޮށްގެން ނުވާނެއެވެ! ދެއްކުންތެރިކަމުގެ އަމަލަކަށްވެ އެކަމުގެ ސަބަބުން ފާފަވެރިވެދާނެ ކަމުގެ ބިރަށްޓަކައެވެ!
--އުސްތާޛް އަބޫ މުޙައްމަދުގެ ދަރުސަކުން