މައިންނަށް އަޅާލައި ހެޔޮކޮށް ހިތުމަކީ ކުރާ ކޮންމެ ދުޢާއެއް އިޖާބަކުރައްވަވާ ކަމެއްކަން ޙަދީޘުން އެނގެން އެބައޮތް!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
މައިންނަށް އަޅާލައި ހެޔޮކޮށް ހިތުމަކީ ކުރާ ކޮންމެ ދުޢާއެއް އިޖާބަކުރައްވަވާ ކަމެއްކަން ޙަދީޘުން އެނގެން އެބައޮތް!: ޢުމަރު ސުލައިމާން

އަހަރެމެން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ އެމީހަކީ އެމީހަކު ކުރާ ދުޢާ ޢިޖާބަ ކުރައްވަވާނެ މީހަކު ކަމުގައިވުމެވެ. އަދި ޖުމުލަކޮށް ބުނާނަމަ އެއީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަންތައް ކަމުގައިވެސް ބުނެވިދާނެއެވެ. ސަބަބަކީ ކުރާ ދުޢާތައް ޢިޖާބަ ކުރައްވަވާނަމަ އެއްވެސް ކަމެއް ޙާޞިލުނުކުރެވިގެން ހުންނަން ނުޖެހޭނެތީއެވެ. ނަރަކައިން މިންޖުވެވި ސުވަރުގެވެސް ލިބޭނެތީއެވެ. އަދި ދުނިޔޭގައިވެސް އެމީހަކު ބޭނުންވާ ކަންކަން ޙާޞިލުކުރެވޭނެތީއެވެ.

ވީމީ ކަނުލައި އަޑުއަހާށެވެ!

މައިންނަށް އޯގާތެރިވުމަކީ އެމީހެއްގެ ދުޢާ ﷲ ތަޢާލާ އިޖާބަކުރައްވަވާ ކަމެއްކަން ޞަޙީޙް ޙަދީޘުން އެނގެން އޮތްއިރު އަހަރެމެންނަށް މިއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟ މައިން ބަފައިންނަށް އަޅާލައި އޯގާތެރި ވުމުގެ މައްސަލައަކީ މުޖުތަމައުތަކުގައި މިހާރު އޮތް އެންމެ ބޮޑު މައްސަލަކަމަށް ވެފައި މިވަނީ ކީއްވެގެން ހެއްޔެވެ؟

ހަމައެކަނި ޔަމަނުގެ އުވައިސް ބުން ޢާމިރުގެ ހާދިސާއަށް ވިސްނައިލި ނަމަވެސް މައްސަލައިގެ މުހިންމުކަން އެނގިގެންދެއެވެ. އޭނާއަކީ ބައްޕައަކު ނެތި ލޯފަން މަންމައަކު އޯގާތެރިކަމާއިއެކު ބަލަހައްޓަމުން އައި ޒުވާނެކެވެ. އޭނާއަށް ޖެހިފައިވާ ލެޕްރަސީން ﷲ ތަޢާލާ އޭނާއަށް ޝިފާ ދެއްވެވިއެވެ. އޭނާ އަކީ ރަސޫލް (ﷺ) އާއި ބައްދަލުވެވަޑައިގެންނެވި ބޭކަލެއް ނޫނެވެ. ނަމަވެސް އޭނާ އަކީ ކުރާ ހުރިހާ ދުޢާތަކެއް ﷲ ތައާލާ އިޖާބަ ކުރައްވަވާ ބޭކަލެއް ކަމަށާއި އޭނާ އާއި ބައްދަލުވެއްޖެނަމަ ފާފަ ފުއްސަވައިދެއްވެވުމަށް އެދި ދުޢާ ކޮށްދިނުމަށް ރަސޫލް (ﷺ) ވަޞިއްޔަތް ކުރެއްވެވިއެވެ.

ޔަމުނުން އަންނަ ޙައްޖުވެރިންނާއި ބައްދަލުކުރައްވަވައި އުވައިސް ހުންނެވިތޯ އުމަރުގެފާނު ގެންދެވީ ބައްލަވަމުންނެވެ. ޢުވައިސް ޢާއި ޢުމަރުގެފާނަށް ބައްދަލުވެވަޑައިގަތީ 10 އަހަރު އިންތިޒާރު ކުރެއްވެވި ފަހުންނެވެ. ނިކަން ވިސްނައިލަބަލާށެވެ! އިސްލާމީ އުންމަތުގެ ޚަލީފާ، އެބޭކަލަކު ފެނުމުން އިބިލީސް ބިރުން ފިލާ ޢުމަރުގެފާނު ވަނީ އެހައި މަސައްކަތްޕުޅުން އުވައިސް އާއި ބައްދަލުކުރައްވަވައި ޢުމަރުގެފާނުގެ ފާފަ ފުއްސަވައި ދެއްވެވުމަށް ދުޢާކޮށްދެއްވަން އެދިވަޑައިގެންފައެވެ.

މީސްތަކުންނޭވެ! ﷲ ތައާލާ ނިޢްމަތްތައް މިންވަރުފުޅުކުރައްވަވަނީ ވަކި ޤައުމެއްގެ ވަކި މީހަކަށް ނޫނެވެ. ވަކި ޒަމާނެއްގައި ދުނިޔޭގައި އުޅުމަކުންވެސް ނޫނެވެ. އެމީހެއްގެ އިޚްލާޞްތެރިކަމާއި އަމަލުތަކުގެ މައްޗަށެވެ. މައިމީހާއަށް އޯގާތެރިކޮށް ހިއްތެވުމުން ޢުވައިސްއަށް މިންވަރުފުޅު ކުރެއްވެވި ނިޢްމަތް މިއަދު އަހަރެމެންނަށް މިންވަރުފުޅު ނުކުރައްވަވާނެ ކަމަށް ބެލެވޭނީ ކިހިނަކުން ހެއްޔެވެ؟

މީސްތަކުންނޭވެ! މިއީ މިއަދު އަހަރެމެން އެންމެން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަމެކެވެ. މައިން ބަފައިންނަށް އޯގާތެރިވުމަކީ ހަމައެކަނި ހާލުބެލުމެއްވެސް ނޫނެވެ. ފައިސާ ޚަރަދުކުރުމެއްވެސް ނޫނެވެ. ޙާލުބަލައި ފައިސާ ޚަރަދުކުރަމުން އަމިއްލަ ދެއަތުންވެސް ޚިދުމަތްކުރަން ޖެހޭނެއެވެ. ދަރިއެއްގެ އަމިއްލަ ދެއަތުން މައިންބަފައިންނަށް ޚިދުމަތްކުރުމުން މައިން ބަފައިންނަށް ލިބޭ ހިތްހަމަޖެހުން ނޯކިރީން ލައްވައި ޚިދުމަތްކޮށްގެން ހޯދައިދެވޭނީ ކިހިނަކުން ހެއްޔެވެ؟ އަމިއްލަ ދެއަތުން ޚިދުމަތް ކުރުމުން ލިބޭނެ ސަވާބު އިތުރުވާނެކަން އެއީ ވެސް ރަސޫލް (ޞޢވ) އާއި ޞަޙާބީންގެ އަމަލުފުޅުތަކުން ސާބިތުކޮށް ދެއްވަވާފައިވާ ކަމެކެވެ!

ނިކަން ވިސްނައިލަބަލާށެވެ! މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ކުރާ ކޮންމެ ދުޢާއެއް އިޖާބަ ކުރެއްވެވުމުގެ ފުރުޞަތު ލިބިގެންދިއުމުގެ މަތިވެރި ނިޢްމަތް ލިބެން އޮތް ކަމެކެވެ. އެއަށްވުރެ މަތިވެރި ނިޢްމަތަކީ ކޮބައިހެއްޔެވެ؟

--ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން