ދަރިންނަށް މައިންބަފައިން ކުރާޚަރަދުތައް އެތައް ގުނައަކަށް އިތުރުވެއްޖެއެވެ. ކިޔަވައިދެވޭ ފެންވަރުވެސް އެތައް ގުނައަކަށް މަތިވެއްޖެއެވެ. ނަމަވެސް ދަރިންގެ ކިބައިގައި ދީނީ އާދަތައް އަށަގަތުމާއި މައިންބަފައިންގެ ބަސްޤަބޫލުނުކުރުމުގެ މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ގިނަ އަދަދައްގެ މައިން ބަފައިންގެ އެންމެ ބޮޑު ޝަކުވާއަކަށް މިއަދު ވެފައި އޮންނަނީ އެމީހުންގެ ދަރިން އެމީހުންނަށް ނުކިޔަމަންތެރިވުމެވެ. އެމީހުންގެ ބަސް ޤަބޫލު ނުކުރުމެވެ. އެފަދަ މައްސަލަތައް ދިމާވާ ކޮންމެ ބެލެނިވެރިއަކުވެސް ލުޤްމާން ސޫރަތުގެ ތަފްސީރު ކިޔާލައި ފުންކޮށް ވިސްނައިލާށެވެ!
ލުޤްމާންގެފާނު ދަރިކަލުންނަށް ނަޞޭޙަތް ދެއްވެވުމުގައި އަބަދުވެސް އެންމެ އިސްކުރައްވަވާފައިވަނީ ﷲ ތަޢާލާއެވެ! ކަންކަން މަނާކުރައްވަވާއިރުވެސް މަނާކުރައްވަވަނީ ﷲ ތައާލާ އެކަމެއް މަނާ ކުރައްވަވާފައިވާތީކަން ބަޔާން ކުރައްވަވައެވެ. އަދި ﷲ ތައާލާއީ ކުރެވޭ އެންމެ ކުދި ފާފަތަކުގެ ހިސާބުވެސް ބައްލަވާނެ އިލާހްކަން ބަޔާންކޮށް ދެއްވަވައެވެ. މިކަމުން އެނގެނީ ދަރިން ކުރާ ކަމަކީ ކިތަންމެ ކުޑަ ކަމެއް ކަމަށް ޤަބޫލު ކުރެވުނު ނަމަވެސް އެކަމަކީ އިސްލާމް ދީން ހުއްދަ ނުކުރާ ކަމަކަށްވާނަމަ އެންމެ ފަހަރަކުވެސް އެކަން ކުރަން ހުއްދަދީގެން ނުވާނެ ކަމެވެ. އަދި ދަރިންގެ ހިތްތަކުގައި އެންމެ ޅައުމުރުން ފެށިގެން ﷲ ތައާލާއަށް ލޯތްބާއި ކިޔަމަންތެރިކަން އުފައްދަން ޖެހޭނެ ކަމެވެ. ﷲ ތަޢާލާގެ އަމުރުފުޅު ތަކަށް ބިރުވެތިވެ ރައްކައުތެރިވާން ނަޞޭޙަތްދީ ހާނުވަން ޖެހޭނެ ކަމެވެ. ހަމަ އެއާއިއެކު އެހުރިހާ ކަމެއްގައިވެސް މައިން ބަފައިން އަމަލީ ގޮތުން ދަރިންނަށް ނަމޫނާ ދައްކަން ޖެހޭނެ ކަމެވެ.
މިހާރަކަށް އައިސް ބައެއް ބެލެނިވެރިން އެމީހުންގެ ދަރިންނަށް ކަންކަން ވިސްނައިދޭން މަސައްކަތްކުރާއިރު ގިނަ ފަހަރު ބޭނުންކުރާނީ ކޮންމެވެސް ޢިލްމުވެރިއަކު ބުނެފައިވާ ބަހެކެވެ. އެގަތަށް އެކަން ކުރުމުން ދަރިންނަށް ކުރާ އަސަރު ވަރަށް ބޮޑުތަނުން ކުޑަވާނެއެވެ. އެއިގެ ބަދަލުގައި ކީރިތި ޤްރްއާނާއި ސުންނަތުން މިސާލު ދައްކާނަމަ ކުރާ ފައިދާ މާބޮޑުވާނެއެވެ.
މިބުނަނީ ވަރަށް ކުޑަކުޑަ މިސާލެކެވެ. ދަރިއަކު ކާތަށިން ނަގާއިރު ދުރުފަރާތުން ނަގާނަމަ މޭޒުމައްޗަށް އެޅިދާނެ ކަމަށް ބުނުމުގެ ބަދަލުގައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ތަށީގެ ގާތުން ނަގައިގެން ކާންކަމަށް ބުނާށެވެ! ދަރިފުޅު އެކަމަށް ދޭ ސަމާލުކަން މާބޮޑުވާނެއެވެ.
ދަރިން ތަރުބިއްޔަތުކުރުމުގައި މިކަންކަމަށް އެކުދިންގެ އެންމެ ޅަފަތުން ފެށިގެން އަމަލުކުރެވިއްޖެނަމަ ނުކިޔަމަންތެރިވުމުގެ މައްސަލަތައް ކުރިމަތިވުން ވަރަށް ބޮޑަށް މަދުވާނެއެވެ.
ހަމަ އެއާއިއެކު ދަރިންނަށް ނަޞޭޙަތްދޭއިރު ރުޅި އިސް ނުކުރާށެވެ. އޯގާތެރިކަން އިސްކުރާށެވެ! އޯގާތެރިކަމާއިއެކު މުޢާމަލާތުކުރާށެވެ! ދަރިންގެ ސަމާލުކަން އިތުރުވާނެއެވެ.
ކޮންމެ ބެލެނިވެރިއަކުވެސް ނިކަން ބުނެބަލާށެވެ! އެންމެފަހުން ދަރިފުޅަށް ހިނިތުންވެލީ ކޮން ދުވަހަކު ހެއްޔެވެ؟ ދަރިފުޅު ރަނގަޅުކަމެއް ކުރުމުން ތަޢްރީފްކުރީ ކޮން ދުވަހަކު ހެއްޔެވެ؟ މިއީ ވެސް ހަމަ ކޮންމެހެން ކުރަން ޖެހޭ ކަންކަމެވެ. ދަރިންގެ ހިތުގައި މައިންބަފައިންނަށް ލޯބި އިތުރުވާނީ އެކަންކަން ކުރުމުންނެވެ. ދަރިންގެ ހިތުގައި މައިންބަފައިންނަށް ލޯބި ތިރުވާ ވަރަކަށް ދަރިންގެ ކިޔަމަންތެރިކަން އިތުރުވާނެއެވެ!
ބޮޑެތި މީހުންނަށް ބެލިނަމަވެސް ނުކިޔަމަންތެރިވުމުގެ މައްސަލަތައް މިފެންނަނީ ﷲ ތަޢާލާއަށް ބިރުވެތި ނުވާ މީހުންގެ ކިބައިންނެވެ. ﷲ ތައާލާގެ އެންގެވުންތަކަށް އިޙްތިރާމް ނުކުރާ މީހުންގެ ކިބައިންނެވެ. ވީމާ ކޮންމެ އިންސާނަކަށްވެސް އެންމެ މުހިންމު ކަމަކީ ﷲ ތައާލާއަށް ބިރުވެތިވެ ކިޔަމަންތެރިވުމުގެ ޢާދަ އެމީހެއްގެ ކިބައިގައި ހަރުލާފައި ހުރުމެވެ. ވީމާ ދަރިން އިޞްލާޙްކުރަން މަސައްކަތް ކުރުމުގައިވެސް އެންމެ މުހިންމު ކަމަކީ އެކުދިންނަކީ ﷲ ތައާލާއަށް ބިރުވެތިވާ ކުދިންގެ ގޮތުގައި ތަރުބިއްޔަތުކުރަން މަސައްކަތް ކުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން