ކަންކަން މެދުވެރިވުމުން އެއީ އަނބިމީހާގެ ނުބައިކަމުން ނުވަތަ ސުންޕާކަމުން މެދުވެރިވި ކަމެއްކަމަށް ބުނަން ހެޔޮނުވާނެ!: ޑރ. ނޫމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކަންކަން މެދުވެރިވުމުން އެއީ އަނބިމީހާގެ ނުބައިކަމުން ނުވަތަ ސުންޕާކަމުން މެދުވެރިވި ކަމެއްކަމަށް ބުނަން ހެޔޮނުވާނެ!: ޑރ. ނޫމާން ޢަލީ ޚާން

އަހުރެން މިރޭ ފާހަގަކޮށްލަން މިއުޅެނީ އަނބިންގެ އެއްވެސް ކުށެއް ނެތިވެސް އޭނާގެ ބޮލުގައި ބޮޑުވެގެންވާ އިލްޒާމެއް އަޅުވައި ނިކަމެތިކުރަމުންދާ ކަމެއްގެ ވާހަކައެވެ. ބައިފަހަރު ފިރިމީހާ ވަރިނުކުރަން ހުއްޓައި ޢާއިލާއިން ބާރުއަޅައިގެން ވަރިވެސް އެބަކުރުވައެވެ. އަޑުއަހާށެވެ!  

ބައެއް މީހުން އައިސް އެބަ ބުނެއެވެ. "އަހަރެންގެ ދަރިފުޅު މަރުވެއްޖެއެވެ. އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ އަހަރެންގެ ޅިޔަނުން، ފަހަރިން ބުނަނީ އެއީ އަހަރެންގެ ނުބައިކަމުން މެދުވެރިވި ކަމެއް ކަމަށެވެ." 

މިފަދަ ބަހެއް އެއްވެސް މީހަކު ބުނެފިނަމަ އެބަސް އެމީހަކަށް ރައްދުކުރާށެވެ. ބުނާށެވެ! "ތިއަހެން ތިއަ ބުނަނީ ތިބާގެ ހުރި ނުބައިކަންބޮޑުކަމުންނެވެ."  

ހަމައެކަނި ދަރިއަކު މަރުވުމެއް ނޫނެވެ. ހަމަ އެއްވެސް ކަމެއް މެދުވެރިވުމުން އެކަމެއް މެދުވެރިވީ މިވެނި މީހެއްގެ ހުރި ނުބައިކަމުން ކަމަށް ބުނެގެން ނުވާނެއެވެ. މީހަކު ނުބައިކަމެއް ޤަޞްދުގައި ކުރުމުން މެނުވީ އެފަދަ ބަހެއް ބުނެގެން ނުވާނެއެވެ. އެހެނީ ކިތަންމެ ބާރު ގަދަ މީހެއް ނަމަވެސް އަދި ކިތަންމެ ނުބައި މީހެއް ނަމަވެސް ތަޤްދީރުގެ މައްޗަށް އެއްވެސް މީހަކަށް ބާރެއް ނުހިންގޭނެއެވެ. ވީމާ ޤުދްރަތީ މަރަކުން ކުއްޖަކު ނުވަތަ މީހަކު މަރުވުމުން އެއީ މިވެނި މީހެއްގެ ކިބައިގައި ހުރި ނުބައިކަމުން ނުވަތަ ސުންޕާކަމުން މެދުވެރިވި ކަމެއްކަމަށް ބުނުމަކީ ކިހިނަކުން ކުރެވިގެންވާނެ ކަމެއް ހެއްޔެވެ؟  

ދަރިފުޅު ބެލެހެއްޓުމުގައި މައިން އިހްމާލުވެފައިވާނަމަ އެއީ ކުރިން ބުނި ފަދައިން މުޅިން ތަފާތު މައްސަލައެކެވެ. އިހްމާލުވެފައި ނުވާނަމަ އެފަދަ އިލްޒާމެއް އެޅުވުންވާނީ ކުރެވޭ ވަރަށް ބޮޑު ފާފައަކަށެވެ.  

ހިތާމައަކީ ދެރަކަމެއް މެދުވެރިވުމުން މިފަދަ ބަސްތައް ބުނެވޭކަމެކެވެ. ޚާއްޞަކޮށް ބައެއް ޅިޔަން ފަހަރިންނަކީ މިފަދަ ބަސްތައް ބުނުމުގައި ވަރަށް ކުރީގައި ތިބޭ ބައެކެވެ. ހަމައެކަނި ބަސްތައް ބުނަނީއެއްވެސް ނޫނެވެ. ބައެއް ފަހަރު ޝައިޠާނެއްގެ ދަރަޖަ ދީ ޢާއިލާއިން ބާކީވެސް އެބަކުރެއެވެ. މިއީ ކިހިނަކުން ކުރަން ހުއްދަވާނެ ކަމެއް ހެއްޔެވެ؟  

މީސްތަކުންނޭވެ! މިކަންކަމަށް ވިސްނާށެވެ! ނުބައިކަމެއް މީހެއްގެ ކިބައިން ނުފެންނަހައި ހިނދަކު އެއްވެސް މީހަކީ ނުބައި މީހެއްކަމަށް ނުބުނާށެވެ! އެކަމުން ގެއްލުން ލިބޭނީ އެހެން ބުނާ މީހަކަށެވެ. ޙައްޤަކާއި ނުލައި މީހެއްގެ ބޮލުގައި އިލްޒާމް އަޅުވައި ހިތުގައި ޖައްސައިފިނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ދުވަސް އޮތީ ކުރިއަށް ކަމަށް ވިސްނައި ބިރުވެތިވާށެވެ!  

ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

މިއަދު އޮންލައިން