ޢިބްރަތްތެރި ވާހަކަ: ލޯބިވާކަމަށް ހެދިގެން އެތައް ކުދިންނަކަށް ލަނޑުދިން ޒުވާނެއްގެ ހިތް ހަލާކުވެ ކަރުނައަޅަންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 42ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވާކަމަށް ހެދިގެން އެތައް ކުދިންނަކަށް ލަނޑުދިން ޒުވާނެއްގެ ހިތް ހަލާކުވެ ކަރުނައަޅަންޖެހުނު ގޮތުގެ ވާހަކަ-

ތަނަވަސްކަން ދެއްވަވަނީވެސް އަދި ރީތިކަން ދެއްވަވަނީވެސް ﷲ ތަޢާލާއެވެ. އެއީ އެމީހަކު އިމްތިޙާންކުރެއްވެވުމަށެވެ. އެކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުން އޮންނަނީ އެމީހެއްގެ އަތްމަތީގައެވެ. 

ގިނަ ފަހަރަށް ކަންތައްތައް މެދުވެރިވާ ގޮތަކީ ރީތިވެފައި ތަނަވަސްކަން ހުރިނަމަ ޤަބޫލުކުރެވެނީ ހިތަށް އެރިހައި ގޮތަކަށް އުޅެންވީކަމަށެވެ. ތިމާ ބޭނުންވާ ކޮންމެ އުފަލެއްވެސް ޙާޞިލްކުރަންވީ ކަމަށެވެ. ލޯބިވާ ކަމަށް ހެދިގެން ، ކައިވެނިކުރާނެ ކަމުގެ ދަޅަ ދައްކައިގެން ނުވަތަ ފައިސާއަށް ހައްލުވައިގެން ކިތަންމެ ގިނަ ބައެއްގެ ކިބައިންވެސް އުފާ ޙާޞިލުކުރަންވީ ކަމަށެވެ. އެކަންކަން ބައްލަވައި ވޮޑިގެންވާ ފަރާތެއްވާކަން ހަނދާންވެސް ނުހުރެއެވެ.

ތިރީގައިވާ ވާހަކައަކީ މިބުނި ވިސްނުމުގައި އުލެމުން އައި ޒުވާނަކަށް ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ. 

ފަރީދަކީ ބަލާލަން ރީތި ޒުވާނެކެވެ. ސްމާޓް ވިޔަފާރިވެރިއެކެވެ. ތަނަވަސްކަންވެސް ހުރި މީހެކެވެ. އަންހެންކުދިން މަލީގައި ޖެއްސުމަށް ވެސް ވަރަށް ސްމާޓް މީހެކެވެ. އޭނާގެ ޒުވާން އުމުރު އޭނާ ހޭދަކުރަމުން އައީ އަންހެންކުދިން ދެކެ ލޯބިވާކަމަށް ބުނެ ގުޅުން އުފައްދައި އެކުދިންގެ ހިތް އަތުލައި އޭނާގެ ބޭނުންތައް ފުއްދުމަށްފަހު އެކުދިންނަށް ލަނޑު ދިނުމުގައެވެ. 

އެގޮތަށް އުޅެމުން ދިއަ ދުވަސްވަރު އޭނާއަށް ހައްވައާއި ބަދަލުވިއެވެ. ހައްވަ ދެކެ ވަރަށް ބޮޑަށް ލޯބިވިއެވެ. ނަމަވެސް އޭނާ ބޭނުންވާ ގޮތަށް ހައްވަ އަތުލައެއް ނުގަނެވުނެވެ. ހައްވަގެ ޖަވާބަކަށްވީ "ލޯބިވާނަމަ އަވަހަށް ލޯބި ޙަލާލްކުރާށެވެ." މާނައަކީ ކައިވެނިކުރާށެވެ! 

ޙައްވަދެކެ ލޯބިވާވަރުން ކައިވެނިކުރިއެވެ. ކައިވެނިކުރުމުގެ ކުރިން ހައްވައަށް ރަނގަޅު ފެންވަރުގައި ގެއެއްވެސް އަޅައިދިނެވެ. ޙައްވަގެ އެކައުންޓަށް ގިނަ ޢަދަދެއްގެ ފައިސާވެސް ޖަމާކޮށްދިނެވެ. 

ކަންދިމާވިގޮތުން ކައިވެނިކޮށްގެން ގެއަށް ދިއަތަނާ ހައްވައަށް މައްސަރުކަންތައް ޖެހިއްޖެއެވެ. އެކުގައި ރޭކުރެވޭނެ ގޮތެއް ނުވިއެވެ. ޖެހުނީ ރަނގަޅުވަންދެން މަޑުކުރާށެވެ. 

ކައިވެނީގެ 3 ވަނަ ރެއެވެ. ކައިނިމިގެން ދެމީހުން އެކުގައި ސިޓިންގ ރޫމްގައި ތިއްބައި ބެލްޖެހުމުން ދޮރުހުޅުވިއިރު ހައަކަ އަންހެންކުދިން ދޮރުމަތީގައި ތިއްބައިފެނުމުން ފަރިދުގެ މޫނުމަތި ދިއައީ މިލައިގެންނެވެ. 

ދޮރުހުޅުވާލިތަނާ އެކުދިންތައް ގޭތެރެއަށް ވަދެއްޖެއެވެ. ޙައްވައަށް އިޙްތިރާމްކުރުމާއިއެކު އެކުދިންނަށް ފަރީދު ކަންކަން ކުރިގޮތް ކިޔައިދޭން ފެށިއެވެ. އެކުދިން ދެކެ ލޯބިވާކަމަށް ހެދިގެން ދިން އަނިޔާތަކުގެ ވާހަކައެވެ. އެއިގެ ތެރެއިން ދެ ކުއްޖަކު ވަނީ ފަރީދަށް ދަރިންވެސް ވިހައިފައެވެ. 

އެކުދިންގެ ވާހަކަތައް އަޑުއަހާފައި ހައްވައަށް ރޮވެން ފެށިއެވެ. ތަނަވަސްކަން ހުރުމުން ޚަރަދުތަކެއް ކޮށްފައިވީނަމަވެސް އޭނާއާއިމެދުގައިވެސް ކަންކަންކުރާނެ ގޮތް ވިސްނުމުންނެވެ. ހައްވަގޮސް އެކުދިންގެ ގައިގައި އޮޅުލައިގަތެވެ. އެކުދިން ޙައްވައަށް ހިތްވަރުދީ އެހީތެރިވިއެވެ. 

ޙައްވަގެ ކަންކަން ހަމައަކަށް އެޅުމުން 6 ކުދިން އެކުގައި ގެއިން ނުކުންނަން ހިނގައި ގަތުމުން ޙައްވަވެސް އެކުދިންގެ ފަހަތުން ހިނގައިގަތެވެ. އެކުދިންނާއިއެކު ބޭރަށް ނުކުތުމުން ގެއަށް ވައްދަން ފަރީދު ވަރަށް މަސައްކަތްކުރިއެވެ. ޙައްވަގެ ޖަވާބަކަށްވީ "ފުދިއްޖެއެވެ. ފުދި އިތުރުވެސް ވެއްޖެއެވެ. ކަލޭ ދިން އެއްވެސް ފައިސާއެއް ބޭނުމެއް ނޫނެވެ. ގެއަޅަންކުރި ޚަރަދުވެސް އަނބުރައިދޭނަމެވެ. ނަމަވެސް އެންމެ އިރުކޮޅަކުވެސް ކަލޭގެ ގާތުގައި ހުންނާކަށް ބޭނުމެއް ނޫނެވެ. މިހުރިހާ ކުދިން މިރޭ އެރުއި ރުއިން މާދަން ރޯންޖެހޭކަށް ބޭނުމެއް ނޫނެވެ." 

އޭނާ ހުރީ އިޞްލާޙްވެގެންކަމާއި އެފަދަ ގޮތެއް ނުހަދާނެކަމަށް ބުނެ ދެއްކި އެއްވެސް ވާހަކައެއް ޙައްވަ ޤަބޫލެއް ނުކުރިއެވެ. އެކުދިންނާއިއެކު ރޮމުން ގެއިން ނުކުމެގެންދިއައީއެވެ. ފަހުން އެތައް އާދޭހެއް ކުރުމުންވެސް އެނބުރި ނުދިއައެވެ. 

ފަރީދު މޮޔަވާވަރުވިއެވެ. އެތައް ބައިވަރު ކުދިންނަކާއި ގުޅުން ހިންގިފަހުން ހިތުގެ އަޑިން ލޯބިވެވުނު ލޯބިވެރިޔާގެއްލުނީތީއެވެ. ކުރި ކައިވެނިން އެއްވެސް އަރާމެއް ނުލިބުނީތީއެވެ. ފަރީދު އޭނާގެ ކުށް ޤަބޫލުކުރިއެވެ. ކައްފާރާއެއްގެ ގޮތުން ނަޙަލާލަށް ނަމަވެސް ލިބިފައިވާ ދެދަރިންނަށް އެހީތެރިވާން ފެށިއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ އަމިއްލަ ކޮއްކޮގެ ވާހަކައެވެ. އަޅުގަނޑަކީ ޙައްވަގެ ދައްތައެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ގައިގައި ބާރުހުރެފައި ތަނަވަސްކަން ހުރިނަމަ ކިތަންމެ ގިނަ އަންހެންކުދިންނަށްވެސް ލަނޑުދެވިދާނެއެވެ. އެހެން އެކަން އެވަނީ ލޯބި ޙަލާލުކުރަން އަނހެންކުދިންނަށް ސަމާލުކަން ނުދެވޭތީއެވެ. ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް އަހަރެމެން އަންހެނުންގެވެސް އެކަމުގައި ޒިންމާއެއް އެބަ އޮތެވެ. ވީމާ މިފަދަ އަނިޔާވެރިންގެ ކިބައިން ސަލާމަތްކަން ލިބިގަތުމަށް ފުރަތަމަވެސް ލޯބި ޙަލާލްކުރަމާ ހިނގާށެވެ! އެއިރުން ހަމަގައިމުވެސް ކައިވެނީގެ ބޭރުން ވިހައި ފަޟީޙަތްވާކަށް ނުޖެހޭނެއެވެ. 

- ނަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން